ޚަބަރު

"ގައިޑު ހަރަކާތުން ފަރުދީ އަދި އިޖްތިމާޢީ ޝަހުސިއްޔަތު ބިނާކޮށްދޭ"


  • ގައިޑު ހަރަކާތް ރާއްޖޭގައި ހިންގާތާ 75 އަހަރުވާން ކައިރިވެފައިވާކަން ފާހަގަކުރެއްވި

  • މި ހަރަކާތުން ދަރިވަރުންނަށް ރަނގަޅު އަޚުލާޤު ދަސްކޮށްދޭކަންވެސް ފާހަގަކުރެއްވި

ގައިޑު ހަރަކާތުން ފަރުދީ އަދި އިޖްތިމާޢީ ޝަހުސިއްޔަތު ބިނާކޮށްދޭކަމަށް ޗީފް ގައިޑް އަދި ރައީސުލްޖުމްހޫރިއްޔާ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ 25 ވަނަ ނޭޝަނަލް ޕެޓްރޯލް ލީޑަރސް ޓްރެއިނިންގ ކޭމްޕް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ވިލިމާލޭގައި ބޭއްވި 25 ވަނަ ޕެޓްރޯލް ލީޑާސް ކެމްޕް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން ޗީފް ގައިޑް އަދި ރައީސުލްޖުމްހޫރިއްޔާ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވީ މި ހަރަކާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ދަރިވަރުން ބައިވެރިވެ، އެތަކެއް ކަމެއް އުނގެނި ތަޖުރިބާތައް ހާސިލްކޮށްފައިވާ ކަމަށެވެ. އަދި އެކަމަނާ ވަނީ ތަމްރީނު ފުރިހަމަ ކުރި ދަރިވަރުންނަށް ތަހުނިޔާ ވިދާޅުވެފައެވެ.

ކޭމްޕް ނިމުމުގެ ރަސްމިއްޔާތުގެ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ދެއްކެވި ވާހަކަ މައިގަނޑު ގޮތެއްގައި ބިނާކުރެއްވީ، ގައިޑް ހަރަކާތުން ދަރިވަރުން މުސްތަޤުބަލަށް ބިނާކުރާ ގޮތުގެ މައްޗަށެވެ. މި ހަރަކާތް ރާއްޖޭގައި ހިންގަމުންދާތާ 75 އަހަރުވުމަށް ކައިރިވެފައިވާއިރު މިކަމުން ދައްކުވައިދެނީ، ގައިޑް އުނގެނުމާއި ރަނގަޅު އަހުލާގަށް އަހުލުވެރިވުމަކީ ދިވެހިން އަބަދުވެސް އިސްކަންދޭ ސިފައެއްކަންކަމަށް ފަސްޓް ލޭޑީ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ ގައިޑު ހަރަކާތަކީ ދަރިވަރުން ފަރުދީ ފެންވަރުގައި ބިނާކުރާ އަދި އެތަރުބީއްޔަތަށް އަހުލުވެރިކުރުވާ ހަރަކާތެއް ކަމަށެވެ. މިގޮތުން މި ހަރަކާތަކީ ސިއްޙަތައް އިސްކަންދީ، މުރާލިވެ ކުލުނު އުފައްދައި ޤައުމާއި ދީނުގެ އަގު އުގަންނައިދޭ ހަރަކާތެއް ކަމަށް އެކަމަނާ ވިދާޅުވިއެވެ. އަދި މި ހަރަކާތުގެ ތެރެއިން އުފެދޭ އަންހެން ފަރުދަކީ މުޖްތަމަޢުއަށް ބޭނުންތެރި ފަރުދަކަށް ވެގެންދާ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

މީގެ އިތުރުން ގައިޑު ހަރަކާތުން ފަރުދީ ޝަޙުސިއްޔަތުގެ އިތުރުން، އިޖްތިމަޢީ ޝަހުސިއްޔަތުވެސް ބިނާކޮށްދޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވިއެވެ.

"އަޅުގަނޑު ފާހަގަކޮށްލާނީ، އިޖްތިމާޢީ ޝަހުސިއްޔަތާއިވެސް ގުޅިލާމެހިފައިވާ ހަރަކާތެއްކަން. މިހަރަކާތުގެ ތަމްރީނުތަކުގެ ސަބަބުން، އިންސާނީއްޔަތަށް އިސްކަން ދިނުމުގެ ރޫހު އާލާ ކުރެވޭ. ކަންކަމާއި މެދު ތޫނުކޮށް ވިސްނާށާ ޖަމާޢަތު މަންފާ ކުރިއަށް ނެރެން ހަނދާންކޮށްދޭ. ނަތީޖާއަކީ މިއަދު ކުޑަކުދިން؛ އިރާދަ ކުރެއްވިއްޔާ މާދަމާގެ ޒުވާނުން މިކަންކަން ބަލައިގަތުން. ރަށު ފެންވަރުގައި އާއި އަތޮޅު ފެންވަރުގައި އެހެން މީހުން ޤަބޫލުކުރާ ޝަޚްސީއްޔަތެއް ކަމުގައިވުން." ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ ގައިޑް ހަރަކާތުގެ ތެރެއިން މުޖްތަމަޢުޢަށް ބިނާވެ ނިކުންނަ ފަރުދުންނަކީ، ޤައުމީ ފެންވަރެއްގައި ބަލައިގަންނަ އަދި ޤައުމުގެ އެކިކަންކަމުގައި އޭނާ ނުފޫޒު ފޯރުވޭ ފަދަ ފަރާތްތަކަށް ވެގެންދާ ކަމަށެވެ.

އެކަމާނާ ވަނީ ގައިޑު ހަރަކާތުން އަމިއްލަ ނަފްސު ތަރައްޤީކުރުމާއެކު މުޖުތަމަޢުއަށް ބޭނުންވާ އިންސާނިއްޔަތު ކަމުގެ ސިފަ ކުދިންގެ ކިބައިގައި އަށަގަންނަވާ ކަމަށެވެ. އެހެން ކަމުން ދީނީ ވަގުތައް ފަރުވާތެރިވެ ދީނީ ކަންކަމަށް ސަމާލުކަން ދިނުމަށް އެކަމަނާ ގޮވާލެއްވިއެވެ. އެކަމަނާ ވަނީ ގައިޑުންނަކީ މަދަދުވެރި ޤައުމީ ޚިދުމަތްތެރިންކަމަށާއި ހަރުދަނާ ޚިދުމަތެއް ފޯރުކޯށްދޭ ބައެއްކަން ފަސްޓް ލޭޭޑީ ފާހަގަކުރެއްވިއެވެ.