ޚަބަރު

ވަޠަނީ ޚިދުމަތުގެ 3ވަނަ ބެޗު، 341 ދަރިވަރުން ދަސްވެނިވެއްޖެ


  • 279 ފިރިހެން ދަރިވަރުންނާއި 62 އަންހެން ދަރިވަރުން

  • މިއީ 15 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދިޔަ ތަމްރީން ޕްރޮގްރާމެއް

ދިވެހި ވަޠަނީ ޚިދުމަތް ނުވަތަ ނޭޝަނަލް ސަރވިސްގެ ތިންވަނަ ބެޗުގެ އަސާސީ ތަމްރީނުތައް ނިންމައި 341 ދަރިވަރުން ދަސްވެނިވެއްޖެއެވެ.

ޅ. މާފިލާފުށީގައި ހުންނަ އެމްއެންޑީއެފްގެ ކޮމްޕޮސިޓް ޓްރެއިނިން ސެންޓަރުގައި ބޭއްވި ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިފާޢީ އަދި ވަޠަނީ ޚިދުމަތާއި ބެހޭ ވަޒީރު ޙަސަން ރަޝީދުއެވެ. މި ރަސްމިއްޔާތުގައި ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރޭނިން ނިންމި ދަރިވަރުންނަށް އަޒުމް ލައިދިނުމުގެ އިތުރުން ޝަރަފުގެ ހިނގާލުން ވަނީ ބާއްވާފައެވެ.

މިދިޔަ މެއިމަހުގެ 17ވަނަ ދުވަހުން ފެށިގެން 15 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ތަމްރީން ޕްރޮގްރާމުގައި، ރާއްޖޭގެ 112 ރަށަކުން ޖުމުލަ 352 ކެޑޭޓުން ބައިވެރިވިއެވެ. އެހެންނަމަވެސް ތަމްރީނުތައް ފުރިހަމަކޮށް ދަސްވެނިވެފައިވަނީ މިީގެ ތެރެއިން 341 ދަރިވަރުންނެވެ. އެއީ 279 ފިރިހެން ދަރިވަރުންނާއި 62 އަންހެން ދަރިވަރުންނެވެ.

ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގ ފުރިހަމަކުރި ދަރިވަރުންނަށް، ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގ ފުރިހަމަކުރިކަމުގެ ސެޓްފިކެޓާއި، ސެޓްފިކެޓް 3 އިން ސިވިލް އެޑިއުކޭޝަން އެންޑް ލީޑަރޝިޕާއި ކޮމިއުނިޓީ ވޮލަންޓިއަރ ފަޔަރ ފައިޓަރ އަދި ބޭސިކް ފަސްޓް އެއިޑް ސެޓިފިކެޓާއި، ޕިއަރ އެޑިއުކޭޝަން ޓްރެއިނިންގ ޕްރޮގްރާމު ފުރިހަމަކުރިކަމުގެ ސެޓިފިކެޓްވެސް ވަނީ ދީފައެވެ.

މި ޕްރޮގްރާމުގެ ތިންވަނަ ބުރުގައި ދަސްވެނިވި ޒުވާނުންގެ ތެރެއިން ހޮވޭ ދަރިވަރުންނަށް ބ. އަތޮޅު ކިހާދޫގެ ޓެކްނިކަލް އެންޑް ވޮކޭޝަނަލް ސެންޓަރުގައި ވަޠަނީ ޚިދުމަތުގެ ފަންނީ ޕްރޮގްރާމުގެ ތަމްރީނުތައް ފުރިހަމަކުރަމުގެ ފުރުސަތު ފަހިކޮށްދިނުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން، ވަޠަނީ ޚިދުމަތުގެ 4ވަނަ ބުރުގެ ސެލެކްޝަން މަރުހަލާތައް ނިންމާ، މި ބުރުގެ ތަމްރީނުތައް ފެށުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ.

ދިވެހި ވަޠަނީ ޚިދުމަތަކީ ރާއްޖޭގެ ޒުވާނުންގެ މުސްތަޤްބަލު ބިނާކުރުމަށްޓަކައި، ޤައުމީ ރޫޙާއި އިސްލާމީ އަޚްލާޤު ދިރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފެއްޓެވި ޕްރޮގްރާމެކެވެ. ދިވެހި ޒުވާނުންގެ މެދުގައި ޤައުމިއްޔަތުގެ ރޫޙާއި ފަޚުރު ދިރުވައި އާލާކޮށް، އިސްލާމްދީނަށް ލޯބިކުރާ، އަދި ޤައުމަށް ޚިދުމަތް ކުރުމުގެ ރޫހު ހުރި ރައްޔިތެއް ބިނާކުރުމަށް ކުރިއަށްގެންދާ މި ޕްރޮގްރާމުގެ ދަށުން 2 ބެޗެއްގެ ތަމްރީނުތައް ވަނީ ނިންމާލާފައެވެ. މިއިން ކޮންމެ ބެޗަކުން 344 ދަރިވަރުން ވަނީ ދަސްވެނިވިފައެވެ.

މި ތަމްރީނުގައި، ދިވެހި ޤައުމިއްޔަތާއި، ޒިންމާދާރު ރައްޔިތުކަމާއި، ދީނީ ތަޢުލީމާއި، ލީޑަރޝިޕް، އަދި ލޭންގުއޭޖް ޕްރޮފިޝެންސީ އުނގަންނައިދީފައިވެއެވެ. އަދި ހަށިހެޔޮކަމާއި ދުޅަހެޔޮކަން އިތުރުކޮށް އަށަގެންނެވުމަށް ކަސްރަތާއި ހަށިހެޔޮކަމުގެ ތަމްރީނުތައް ހިމެނޭ އިރު، އަޚްލާޤާއި ސުލޫކު ހަރުދަނާކޮށް ކުރިއެރުވުމަށް އަމާޒުކޮށް ހެވިކަމުގެ ތަމްރީނު ޙަރަކާތްތައްވެސް ވަނީ ކުރިއަށްގެންގޮސްފައެވެ. މީގެ އިތުރުން، ފަސްޓް އެއިޑާއި ފަޔަރ ފައިޓިންގ އަދި ސެލްފް ޑިފެންސްގެ އިތުރުން ކޭމްޕް ޙަރަކާތްތައް ދަސްކޮށްދީފައިވާއިރު، އަސްކަރީ ތަމްރީނުގެ ޙަރަކާތް ތަޢާރަފުކޮށްދިނުންވެސް ވަނީ ކުރިއަށްގެންގޮސްފައެވެ.