ޚަބަރު

ބުރިޖުގައި އެކްސިޑެންޓެއް ހިނގައި، މީހަކު ހައްޔަރުކޮށްފި


  • ހައްޔަރުކުރީ، 21 އަހަރުގެ ދިވެހި ފިރިހެނެއް

  • މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުން

ސިނަމާލެ ބްރިޖްގައި ހިނގި އެކްސިޑެންޓާ ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.

މީޑިއާތަކާއި ޙިއްސާކުރެއްވި މެސެޖެއްގައި ފުލުހުން ވިދާޅުވީ، ސިނަމާލެ ބްރިޖް ހުޅުމާލެއިން މާލެއަށް ދަތުރުކުރާ ފަޅީގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގާފައިވާކަމަށް ރޭ 2:21 އެހައިކަންހާއިރު ރިޕޯޓުކޮށްފައިވާކަމަށެވެ.

ފުލުހުން ވިދާޅުވީ، މި އެކްސިޑެންޓް ހިނގާފައިވަނީ ބޯކޮށް ވާރޭވެހޭތީ ނުދުއްވިގެން ބްރިޖް އެއްފަރާތުގައި ބަހައްޓާފައިހުރި ސައިކަލެއްގައި، ފަހަތުން އައި އެހެން ސައިކަލެއް ޖެހިގެންކަމަށެވެ. މި މައްސަލައިގެ ތުހުމަތުގައި، 2026 ސެޕްޓެމްބަރު 22 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން 21 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. ހައްޔަރުކޮށްފައިވާ މީހާއަކީ، އެކްސިޑެންޓުވި 2 ސައިކަލުގެ ތެރެއިން އެއް ސައިކަލު ދުއްވި މީހާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި އެކްސިޑެންޓްގައި އަނިޔާވެފައިވަނީ ފަހަތުން އައިސް ޖެހުނު ސައިކަލު ދުއްވަން އިން މީހާއަށްކަމަށާ، އަނިޔާވެފައިވާ މީހާއަކީ 30 ދިވެހި ފިރިހެނެއްކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި އެ މީހާއަށް އައިޖީއެމް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ. އެ މީހާގެ ފައިގެ ކަށިމަތި ފަޅައިގެން ގޮސްފައިވާ ކަމަށް ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ހާމަކުރެއްވިއެވެ. މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.