ތަރައްްޤީ

ކޮމަންވެލްތުން ވަކިވިނަމަވެސް ރާއްޖޭގެ ނަން ފަނޑުވެގެނެއް ނުދޭ


ކޮމަންވެލްތުން ދިވެހިރާއްޖެ ވަކިވިނަމަވެސް ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ އަޑު ފަނޑުވެގެން ނުދާކަމަށާއި، ބޭރުގެ އެހީވެސް މަދުނުވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިރޭ ދަރުބާރުގޭގައި ބޭއްވެވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވީ، ކޮމަންވެލްތުން ރާއްޖެ ވަކިވާން ނިންމެވި ނިންމެވުމަކީ ހިތްހަމަޖެހުމާއި އުފާވެރިކަމާއި އަދި ފަޚްރުވެރިކަމާއެކު ކުރެއްވި ކަމެއްނޫންކަމަށާއި، އެއީ ހިތްދަތިކަމާއި، އުނދަގުލުގެ ތެރެއިން ނިންމެވި ނިންމެވުމެއްކަމަށެވެ. ދިވެހިރައްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް އެއްވެސް ޤައުމަކުން އަދި އެއްވެސް ޖަމާޢަތަކުން ބެހުމަކީ ޤަބޫލުކުރެވޭނެކަމެއް ނޫންކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރައްވަމުން ރައީސް ވިދާޅުވީ، އަބަދު ދާޚިލީ ކަންކަމާބެހުމަކީ ތަހައްމަލްކުރެވޭނެކަމެއްވެސް ނޫންކަމަށެވެ. ކޮމަންވެލުތުގައި ކުޑަޤައުމަކަށް އޮތީ ރާއްޖެ އެކަނި ނޫންކަމަށް ވިދާޅުވެ، ކޮމަންވެލުން އެދުނު ކަންކަން ތަންފީޒްކޮށްދެއްވުމަށް ރާއްޖެއިން ކުރެއްވި މަސައްކަތުގެ ތަފްސީލަށް ރައީސް ބައްލަވާލެއްވިއެވެ.

ރާއްޖެއިން ކޮމަންވެލްތާ ގުޅުނީ ވަރަށް ގިނަ އުއްމީދުތަކެއް އޮވެގެންކަމަށާއި، ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެއިން މަސައްކަތްކުރާއިރު އަބުރުވެރިކަމާ ޝަރަފްވެރިކަމާއެކު ރާއްޖެއިން ދައްކާ ވާހަކަ އަހާނެ ފޯރަމެއްގައި އުޅެން ބޭނުންވާކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި ދިވެހި ދައުލަތަކީ ކުޑަނަމަވެސް ޝަރަފްވެރި ދައުލަތެއްކަމަށާއި، ކޮމަންވެލްތުން ވަކިވުމަކީ ހިތްދަތިކަމާއި ދަތިކަމުގެ ތެރެއިން މަޖުބޫރުވި ނިންމެވުމެއްކަމަށް ވިދާޅުވިއެވެ. ނަމަވެސް އެ ނިންމުމާ ގުޅިގެން މިހާރު ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބައްޓަންވެގެންދަނީ އަމިއްލަވަންތަ ސިފަތަކެއް، އަޑުހަރުކޮށް އަޑު އުފުލޭނެ މައިދާންތަކެއްގައިކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖެއިން މިކުރާ މަސައްކަތުގެ އަޑު ބައިނަލްއަޤްވާމީ މައިދާނުގައި އަދިވެސް ފަނޑު ނުވާކަމަށާއި، ބޭރުގެ އެހީ ލިބޭލެއްވެސް މަދުނުވާކަން ރައީސް ޔާމީން ފާހަގަކުރެއްވިއެވެ. ރާއްޖޭގައި ހިންގާ ތަރައްޤީގެ ގިނަ މަޝްރޫޢުތަކަކީ އެތައް ސަތޭކަ މިލިއަން ޑޮލަރު ހޭދަކޮށްގެން ހިންގާ މަޝްރޫޢުތަކެއްކަމަށާއި، ރާއްޖެއަށް ބޭރުގެ އަމިއްލަ ފަރާތްތަކުން ކުރާ އިންވެސްޓްމަންޓްތައްވެސް އެތައް ސަތޭކަގުނައެއް އިތުރުވެފައިވާކަން ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވާހަކަފުޅުގައި ދިވެހި ދަޢުލަތް ހަރުދަނާކުރުމަށާއި، މުޖުތަމަޢުގެ ކުރިއެރުމާއި، އިޤްތިޞާދީ ތަރައްޤީއަށްޓަކައި ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތައް އެއްވެސް މަޑުޖެހުމެއްނެތި ކުރިއަށްދާނެކަމުގެ ޔަޤީންކަން ދިވެހި ރައްޔިތުންނަށް ދެއްވާފައިވެއެވެ.