ތަރައްްޤީ

ޤައުމު ބިނާކުރުމަށް ޤައުމީ މަސްލަހަތު އިސްކުރަންޖެހޭ- ރައީސް


ޤައުމު ބިނާކުރުމަކީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާގެ ޒިންމާއެއް ނޫންކަމަށާ، ސިޔާސީ ފަރާތްތަކުގެ ފިކުރު ބަދަލުކޮށް ޤައުމުގެ މަސްލަހަތު އިސްކޮށްގެން މަސައްކަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ. އެމަނިކުފާނު މިކަމަށް ގޮވާލެއްވީ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރާއްޖޭގެ 48 ވަނަ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ޤައުމާއި މުޚާތަބުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވަނީ ރަސްކަމަކުން ޖުމްހޫރީ ވެރިކަމަކަށް ބަދަލުވެގެން އައިގޮތުގެ މައްޗަށް އިޝާރާތްކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ. ރައީސް ޔާމީން ވިދާޅުވީ، ދިވެހި ޖުމްހޫރިއްޔާގެ އަސްލު ބާނީ އަކީ ރައީސް މުޙައްމަދު އަމީން ދީދީކަމަށެވެ. އެމަނިކުފާނަކީ ރާއްޖޭގެ ކުރިއެރުވުމަށް އަގުހުރި ޚިދުމަތްތަކެއް ކުރެއްވި ވެރިއެއްކަން ފާހަގަކުރައްވާ އެ ދުވަސްވަރު ރާއްޖޭގެ ހުރިހާ މަސްއޫލިއްޔަތެއް އުފުއްލަވަން ޖެހިވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ވިދާޅުވިއެވެ.

ނަމަވެސް އެކަން މިއަދު މިއޮތީ ވަރަށް ބޮޑަށް ބަދަލުވެފައި ކަމަށް ރައީސް ވިދާޅުވިއެވެ. ރާއްޖެއަކީ އެންމެ މީހެއްގެ ޤައުމެއް ނޫންކަމަށާ، މިއީ ހުރިހާ ރައްޔިތުންގެ ޤައުމެއްކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ، ޤައުމަށް ހެޔޮއެދޭ މީހުންނާއި ހަލާކަށް ބޭނުންވާ މީހުންވެސް މުޖުތަމަޢުގައި ތިބިކަން ޚިޔާލަށް ގެންނަން ޖެހޭނެކަމަށެވެ. އަދި ސިޔާސީ ލީޑަރެއްގެ މަސްލަހަތަށް ވުރެ އިސްކުރަން ޖެހޭނީ ޤައުމުކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

މާލެއާއި ހުޅުލެ އާއި ދެމެދު އަޅުއްވާ ބްރިޖަށް އިޝަރާތްކުރައްވާ މިސާލު ޖައްސަވަމުން ރައީސް ވިދާޅުވީ، މިއަދު ބްރިޖް އަޅަންވީ ކަނޑާއި އެއްގަމުގައި ނޫންކަމަށާއި، ބްރިޖް އަޅުއްވަން ބޭނުންފުޅު ވަނީ ސިޔާސީ ފިކުރުގެ ތަފާތުކަން ކުޑަކުރުމަށްކަމަށެވެ. އެކަން ކުރާއިރު އެންމެ އިސްކަމެއް ދޭންޖެހޭނީ ޤާނޫނަށް ބޯލެނބުމާއި، އަމިއްލަ ފަރުދެއްގެ މަސްލަހަތަށްވުރެ ރާއްޖޭގެ ހުރިހާ ރައްޔިތުންގެ މަސްލަހަތު އިސްކުރަންކަމަށެވެ. އަދި އެކަން ހުރިހާ ސިޔާސީ ލީޑަރުން ޤަބޫލްފުޅުކުރައްވަން ޖެހިވަޑައިގަންނަވާކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި މީހަކު ކުރާ ކުށެއްގެ ސަބަބުން އެމީހަކަށް އަދަބު ލިބޭއިރު އެއީ ސަރުކާރުން ކުރާކަމެއްގެ ގޮތުގައި ސިފަކުރުމަކީ، ރަނގަޅު ވިސްނުމެއް ނޫންކަމަށް ރައީސް ވިދާޅުވިއެވެ. ދައުވާކޮށް ޝަރީޢަތްކުރަނީ ސަރުކާރަކުން ނޫންކަން ފާހަގަކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ އެކި ކުށްތަކަށް އަރައިގަތުމުން ދިގު މުއްދަތުގެ ޖަލު ހުކުމް އިއްވަނީ އެ މީހަކަށާއި މުޖުތަމަޢަށް ވެސް ފިލާވަޅެއްގެ ގޮތުންކަމަށެވެ. އެހެންކަމުން ސިޔާސީ ފިކުރުގެ ތަފާތު ކުޑަކުރާއިރު ވެސް އެންމެ އިސްކަން ދޭން ޖެހޭނީ ގާނޫނަށް ބޯލެނބުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޖުމްހޫރިއްޔަތެއްގައި ވެރިންނަކީ ޖުމްހޫރިއްޔާގައި ތިބި ރައްޔިތުންކަމަށާއި، ރައްޔިތުން ބާރުވެރިކުރުމަކީ އެއްގޮތަކަށްވެސް ދައުލަތަށް އޮތް ނުރައްކަލަކަށް ދެކިގެން ނުވާނެކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އެޒަމާނަކީ މީގެ އެތައް ގަރުނެއް ކުރިން އަޅުގަނޑުމެންގެ ވިސްނުންކަމަށާއި، ނަމަވެސް އެ ވިސްނުން ވަރަށް ފަހަކާ ޖެހެންދެން ރާއްޖޭގައި އޮތްކަމަށް ރައީސް ވިދާޅުވިއެވެ. އަދި ޑިމޮކްރަސީއަކީ ޤަބޫލްކުރާ އުސޫލްތަކެއްކަމަށާއި، ޑިމޮކްރަސީއަށްވުރެ މަތިވެރި އުސޫލަކީ ހަމަޖެހިގެން މުޖުތަޢުގެ ތެރޭގައި އުޅެން ދަސްކުރުންކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.