އެފްއޭއެމް އެވޯޑްސް 2026 ގެ އެންމެ މޮޅު ރީޖަނަލް ކުލަބުތައް އިއުލާނުކޮށްފިއެވެ.
އެފްއޭއެމްގެ ނޮމިނޭޝަނުގައިވާ ގޮތުން ސަރަހައްދީ ކުލަބުތަކުގެ ތެރެއިން، މިފަހަރުގެ އެވޯޑަށް ވާދަކުރަނީ އެފްއޭއެމް އިން ބޭއްވި ރީޖަނަލް ކޮލިފިކޭޝަން މުބާރާތުގެ ޗެމްޕިއަންކަން ހޯދި ހަތަރު ޓީމެވެ.
ފުޓުބޯޅައިގެ ބޭނުމަށް ރާއްޖެ ހަތަރު ސަރަހައްދަކަށް ބަހައިލައި އެފްއޭއެމް އިން ވަނީ މި ހަތަރު ސަރަހައްދުގައި، އެކި ފަންތީގެ ކޮލިފިކޭޝަން މުބާރާތްތައް ބާއްވާފައެވެ. އެގޮތުން އެޓޯލް ޗެމްޕިއަންޝިޕާއި ޒޯން ޗެމްޕިއަންޝިޕް ވެސް ބާއްވާފައިވެއެވެ.
އެއަށްފަހު ބޭއްވި ރީޖަނަލް ޗެމްޕިއަންޝިޕުގެ ޗެމްޕިއަންކަން ހޯދި ހަތަރު ޓީމުން ވާދަކުރީ މާލޭގައި ބޭއްވި ޑީޕީއެލް ކޮލިފިކޭޝަންގައެވެ. އެ ހަތަރު ޗެމްޕިއަނުން މިވަނީ އެފްއޭއެމް އެވޯޑްސްގައި އެންމެ މޮޅު ރީޖަނަލް ކުލަބުގެ އެވޯޑަށް ވެސް ނޮމިނޭޓުވެފައެވެ.
އެ ހަތަރު ކުލަބަކީ، މާލޭ ރީޖަން / ދެވަނަ ޑިވިޝަންގެ ޗެމްޕިއަން ބިސްބުރު ސްޕޯޓްސް ކުލަބު، ސެންޓްރަލް ރީޖަންގެ ޗެމްޕިއަން ކ. ހުރާ ކޮމިއުނިޓީ ކުލަބު، ނޯތު ރީޖަން ޗެމްޕިއަން ހއ. ދިއްދޫ ސްޕޯޓްސް ކުލަބު އަދި ސައުތު ރީޖަން ޗެމްޕިއަން ގދ. ގައްދޫ ރެކްރިއޭޝަން ކުލަބެވެ.
މި ހަތަރު ޓީމުން ޑީޕީއެލް ކޮލިފައިންގައި ވާދަކުރިއިރު ހުރާ ފިޔަވާ ދެން އޮތް ތިން ޓީމު ވެސް ވަނީ ކޮލިފައިންގައި ނަތީޖާ ނެރެ، ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓުވެ، މި ސީޒަނުގެ ދިވެހި ލީގުން ވެސް ޖާގަ ހޯދާފައެވެ. އަދި އެ ޓީމުތައް އަންނަނީ ދިވެހި ލީގުގައި މެޗުތައް ވެސް ކުޅެމުންނެވެ.
އަށް އަހަރުގެ މެދުކެނޑުމަކަށްފަހު ބާއްވާ އެފްއޭއެމް އެވޯޑްސް ހަފްލާ ބާއްވާނީ ބުރާސްފަތި ދުވަހުގެރެއެވެ. މި ހަފްލާގައި އެންމެ މޮޅު ރީޖަނަލް ކުލަބުގެ އިތުރުން އެންމެ މޮޅު ކުލަބު ވެސް ހޮވާނެއެވެ.