ރާއްޖޭގެ ފަތުރުވެރިކަމުގެ ޕީކް ސީޒަނާ ދިމާކޮށް، ވިއެޓްނާމުގެ ހޯ ޗީ މިން ސިޓީން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް އެ ޤައުމުގެ ބަޖެޓް އެއާލައިން، ވިއެޓްޖެޓުން ނިންމައިފިއެވެ. މި ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ ޑިސެންބަރު މަހުން ފެށިގެންނެވެ.
ވިއެޓްޖެޓްގެ ދަތުރުތައް ރާއްޖެއަށް ހަފުތާއަކު 3 ދަތުރު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ކޮންމެ އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހު ހޯ ޗީ މިން ސިޓީ އާއި މާލެއާ ދެމެދު ދަތުރުތައް ބާއްވާނީ އެއާބަސް A320 މަރުކާގެ ބޯޓުގައެވެ.
އަންނަ ޑިސެންބަރު މަހުގެ 5 ވަނަ ދުވަހުން ފެށިގެން މި ދަތުރުތައް ކުރިއަށްދާނީ މިހާރުވެސް އެ އެއާލައިނުން ހޯ ޗީ މިން ސިޓީން ކޮލަމްބޯއަށް ކުރަމުންދާ ދަތުރުތައް މާލެއާ ހަމައަށް ދިގުދައްމާލައިގެންނެވެ.
މި ދަތުރުތަކާ އެކު ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުން ރާއްޖެ އަންނަ ފަތުރުވެރިންގެ ޢަދަދު ބޮޑުތަނުން އިތުރުވެގެންދާނެ ކަމަށް މި ދާއިރާ ދިރާސާކުރާ ފަރާތްތަކުން ލަފާކުރެއެވެ. ފަތުރުވެރިކަމާބެހޭ ވުޒާރާގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމުތަކުގެ ލިސްޓުގެ 65 ވަނައިގައި އޮތީ ވިއެޓްނާމެވެ.
ވިއެޓްނާމުން ރާއްޖެއަށް މިދިޔަ އަހަރު 2،813 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ 2024ވަނަ އަހަރު ރެކޯޑުކުރެވުނު 2،916 ފަތުރުވެރިންނާ އަޅާބަލާއިރު ކުޑަ ދަށްވުމެކެވެ. ނަމަވެސް، ރަސްމީ ހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ އޯގަސްޓް މަހުގެ ނިޔަލަށް ވިއެޓްނާމުން 2،001 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.
މި އައު ރޫޓް އިފްތިތާޙުކުރުމުގެ މުނާސަބަތުގައި ވިއެޓްޖެޓުން ވަނީ 8 އިން 10 އޮކްޓޫބަރު 2026 އަށް ކުރިއަށްދާ ޚާއްޞަ ޕްރޮމޯޝަނެއް ތަޢާރަފުކޮށްފައެވެ. މި "ގޯލްޑަން ޑޭސް" ސޭލްގެ ދަށުން އެ އެއާލައިނުން ދަނީ ޓިކެޓް ފެއާ ހިލޭ ލިބޭ "ޒީރޯ ފެއާ" އިކޮނޮމީ ޓިކެޓްތަކެއް ދޫކުރަމުންނެވެ.
ފަތުރުވެރިކަމުގެ ދާއިރާގެ އޮފިޝަލުން ދެކެވަޑައިގަންނަވާ ގޮތުގައި ވިއެޓްޖެޓުން މި ސަރަޙައްދުގައި ދަތުރުތައް ފުޅާކުރުމަކީ، ވިއެޓްނާމާއި އަދި ދެކުނު އިރުމަތީ އޭޝިއާގެ އެހެން ޤައުމުތަކުގައިވެސް ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓް ފުޅާކުރުމަށް ލިބިގެންދާ މުހިންމު ފުރުޞަތެކެވެ.