ޚަބަރު

ބްރެސްޓް ކެންސަރ އެވެއަރނެސް ސިންޕޯސިއަމް ފަށައިފި


  • ސިންޕޯސިއަމްގައި 120އަށްވުރެ ގިނަ ފަރާތުން ބައިވެރިވޭ

  • މިއީ މި ސިންޕޯސިއަމް ބާއްވާ 7 ވަނަ އަހަރު

  • ސިންޕޯސިއަމް ކުރިއަށްދާނީ އެއްދުވަހުގެ މުއްދަތަކަށް

120 އަށްވުރެ ގިނަ ބައިވެރިންނާއިއެކު ބްރެސްޓް ކެންސަރ އެވެއަރނެސް ސިންޕޯސިއަމް ފަށައިފިއެވެ. މި ސިންޕޯސިއަމް ކުރިއަށްދާނީ، 1 ދުވަހުގެ މުއްދަތަކަށް ހޮޓެލް ޖެންގައެވެ. މި ސިންޕޯސިއަމް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ޝާޖިދާ މުހައްމަދެވެ. މިއީ، މި ސިންޕޯސިއަމް ބާއްވާ 7 ވަނަ އަހަރެވެ.

މިއަހަރުގެ މި ސިންޕޯސިއަމްގެ ތީމްއަކީ "ފްރޮމް ޑިޓެކްޝަން ޓު ރިކަވަރީ، ލާން އޮޕްޓިމައިޒް އެޑްވާންސް"އެވެ. މި ސިންޕޯސިއަމް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އައިޖީއެމްއެޗުގެ ސީނިއަރ ކޮންސަލްޓަންޓް ރޭޑިއޮލޮޖިސްޓް ޑރ. ބަސްމާ އިބްރާހިމް ސާބިރު ވިދާޅުވީ، މިއީ ވަރަށް މުހިންމު ސިންޕޯސިއަމްއެއް ކަމަށެވެ. އެގޮތުން އެހެން އަހަރުތަކުގެ ސިންޕޯސިއަމްއާއި މިއަހަރުގެ ސިންޕޯސިއަމް ޚާއްސަވާ ސަބަބަކީ، މިއަހަރުގެ ސިންޕޯސިއަމްގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ސްޕީކަރުން ބައިވެރިވާކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

މިއަހަރުގެ ސިންޕޯސިއަމްގައި ރާއްޖެއާއި ރާއްޖެއިން ބޭރުން 16 ސްޕީކަރުން ބައިވެރިވެއެވެ. މި ހުރިހާ ބައިވެރިންނާއިއެކު އުރަމަތީގެ ކެންސަރުގެ ބަލި ފެންނަ ހިސާބުން ފެށިގެން ބަލި މީހާއަށް ފަރުވާދޭ ހުރިހާ މަރުހަލާއަކާއި ގުޅޭ މައުލޫމާތުތައް ސިންޕޯސިއަމްގެ ތެރެއިން ހިއްސާ ކުރެވިގެންދާނެކަމަށް ޑރ. ބަސްމާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވަނީ، އުރަމަތީގެ ކެންސަރަށް އަހުލުވެރި ކުރުވުމުގެ އެންމެ މުހިންމު ކަމަކީ މިކަމާއި ގުޅޭ މައުލޫމާތު ކުރިއާލާ ފޯރުކޮށްދިނުން ކަމަށް ވިދާޅުވެފައެވެ. އަދި އަލާމާތެއް ފެނިއްޖެނަމަ ވީހާވެސް އަވަހަކަށް ފަރުވާ ހޯދުމަކީ، ވަރަށް މުހިންމު ކަމެއްކަން އެކަމަނާ ވަނީ ފާހަގަކުރައްވާފައެވެ. ސިއްޙީ ދާއިރާގައި މީހުން ބިނާކުރުމާއި އަދި ވަސީލަތްތައް ތަރައްޤީ ކުރުމަކީވެސް އުރަމަތީގެ ކެންސަރުން ސަލާމާތްވުމަށް މުހިންމު ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވިއެވެ.

ބްރެސްޓް ކެންސަރ އެވެއަރނެސް ސިންޕޯސިއަމް ކުރިއަށްދާނީ، 1 ދުވަހުގެ މުއްދަތަށެވެ. މި ސިމްޕޯޒިއަމްގެ ބޭނުމަކީ، އަންހެނުންނަށް ޖެހޭ އުރަމަތީގެ ކެންސަރާ މެދު ހޭލުންތެރިކަން އުފައްދާ، ބަލިން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުން މަޝްވަރާކުރުމެވެ.

އުރަމަތީގެ ކެންސަރުގެ އަލާމާތްތަކުގެ ތެރޭގައި އުރަމަތީގައި ގަނޑުލުމާއި ހަން ބޯވުން ހިމެނެއެވެ. އަދި ހަމުގެ ކުލައާއި، ހަންގަނޑަށްވެސް ބަދަލުތަކެއް އާދެއެވެ. މިފަދަ އަލާމާތެއް ފެނިއްޖެނަމަ ނުވަތަ ކުރިން ނުހުންނަ ކަހަލަ ތަދެއް އިހުސާސް ކުރެވޭނަމަ ވީ އެންމެ އަވަހަކަށް ޑޮކްޓަރަށް ދައްކައި ފަރުވާ ހޯދުމަކީ، މުހިންމު ކަމެކެވެ. އަދި ކޮންމެ މަަހަކު އެއްފަހަރު ސްކްރީން ކުރުމަކީވެސް މުހިންމު ކަމެއް ކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ.

ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއިން ކޮށްފައިވާ ދިރާސާއެއްގައި ވާގޮތުން ދުނިޔޭގައި ދެވަނައަށް އެންމެ ގިނަ މީހުން މަރުވަނީވެސް ކެންސަރު ބަލީގެ ސަބަބުންނެވެ. އެހެންނަމަވެސް މިބައްޔަކީ، ކުރިން ދުރާލާ ފަރުވާ ހޯދައިފިނަމަ ނުރައްކާތެރިކަން ކުޑަ ބައްޔެކެވެ.