ޗައިނާ އޯޕަން ޓެނިސް މުބާރާތް އެންމެ ފަހުގެ އޮލިމްޕިކް ޗެމްޕިއަން ޒެންގ ގިންވެން ކާމިޔާބު ކޮށްފިއެވެ.
ޗައިނާގެ ވެރިރަށް ބެއިޖިންގގައި ކުޅުނު މިމުާރާތް ޒެންގ ކާމިޔާބު ކޮށްފައިވަނީ ފައިނަލްގައި މިއަހަރުގެ ފްރެންޗް އޯޕަން ކާމިޔާބު ކޮށްފައިވާ އަދި މިމުބާރާތުގައި 4 ވަނައަށް ސީޑު ކުރެވިފައިވި ރަޝިއާގެ މީރާ އަންޑްރީވާ އާއި ބައްދަލުކުރި މެޗު ސީދާ ދެ ސެޓުން ކާމިޔާބު ކޮށްގެންނެވެ.
ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ސެޓުގައި ހަތަރެއް ފަހަކުން އަންޑްރީވާ ކުރީގައި އޮވެ ޒެންގގެ ސަރވް ބްރޭކް ކޮށް ސެޓު ކާމިޔާބު ކުރާނެ ފުރުސަތު ލިބިގެންދިޔަ ނަމަވެސް ޒެންގ ވަނީ އެގޭމްގެ ކުރީކޮޅު ހެދުނު ގޯސް ރަނގަޅުކޮށް ފަހެއް ފަހަކުން އެއްވަރު ކޮށްފައެވެ. ނަމަވެސް ޒެންގއަށް މިކަން ކުރެވުނީ ތިން ބްރޭކް ޕޮއިންޓް ސަލާމަތް ކޮށްގެންނެވެ. އަދި މިއާއެކު ފުރަތަމަ ސެޓު ޒެންގ ކާމިޔާބު ކޮށްފައިވަނީ ހަތެއް ފަހަކުންނެވެ. މިމެޗުގެ ދެވަނަ ސެޓުގައި ހަތަރެއް ހަތަރަކުން އެއްވަރުވެފައިއޮވެ އަންޑްރީވާގެ ސަރވްގައި ޒެންގވަނީ އޭނާގެ ސަރވް ބޭރކްކޮށް ލީޑު ނަގާ މިސެޓު ހަޔެއް ހަތަރަކުން ކާމިޔާބު ކޮށް މިމުބާރާތް ކާމިޔާބު ކޮށްފައެވެ.
މިއީ މިއަހަރު ޒެންގ އަށް ކާމިޔާބު ކުރެވުނު ފުރަތަމަ މުބާރާތެވެ. އަދި ޒެންގ ވެފައިވަނީ ޗައިނާ އޯޕަން ކާމިޔާބު ކުރި އެޤައުމުގެ ފުރަތަމަ ކުޅުންތެރިޔާ އަށެވެ. އަދި މިއީ ޑަބްލިޔު.ޓީ.އޭ. ވަންތައުޒަންޑްގެ މުބާރާތެއް ޒެންގ އަށް ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރެވެ. ޒެންގ ވަނީ ނިމިގެންދިޔަ ޔޫއެސް އޯޕަންގައިވެސް މޮޅު ކުޅުމެއް ދައްކާ އެމުބާރާތުގެ ކުއާޓަރ ފައިނަލާއި ހަމައަށް ދަތުރު ކޮށްފައެވެ.
ޗައިނާ އޯޕަންގައި ވައިލްޑް ކާޑް އެނޓްރީއެއްގެ ގޮތުގައި ކުޅެމުންދިޔަ ޒެންގގެ ކަނާތު އުޅަނބޮށްޓަށް ލިބުނު އަނިޔާ އަކާއި ގުޅިގެން މިދިޔަ ސީޒަނާއި މިސީޒަންގެ ކުރީކޮޅުވަނީ ގެއްލިގެން ގޮސްފައެވެ. އަދި ކުޅުމުގެ ތެރެއަށް އައިސްފައިވަނީ ވަރަށް ފަހުންނެވެ. ދުނިޔޭގެ ރޭންކިންގގެ 54 ވަނައިގާ މިހާރު އުޅޭ ޒެންގގެ އުންމީދަކީ މިއަހަރު ނިމެންވާއިރަށް އެންމެ މޮޅު 20 ކުޅުންތެރިންގެ ތެރެއިން އަނެއްކާވެސް ޖާގަ ހޯދުމެވެ. މަޢުލޫމާތުލިބޭ ގޮތުގައި ކުރިއަށް އޮތް ވޫހާން އޯޕަންގައި ޒެންގ އާއި އަންޑްރީވާ ވާދަކުރާނެއެވެ.