ޚަބަރު

ހުޅަނގު އައްސޭރީގެ މިސްކިތެއްގައި ޔަހޫދީ ވަޒަންވެރިން ރޯކޮށްލައިފި


އިސްތިއުމާރުކޮއްފައިވާ ހުޅަނގު އައްސޭރީގެ އަވަށެއްގައި ހުރި މިސްކިތަކަށާއި ޒައިތޫނި ދަނޑަކަށް ޔަހޫދީ ވަޒަންވެރިން ހަމަލާދީ ރޯކޮށްލައިފިއެވެ.

މި ހާދިސާ ހިނގާފައި މިވަނީ، އެ ސަރަޙައްދުގެ އެކި ރަށްތަކަށް ޔަހޫދީ އަނިޔާވެރި ސިފައިން ވަދެގަނެ، ވަރުގަދަ ރެއިޑުތަކެއް ޖަހަމުންދާ ދަނޑިވަޅެއްގައެވެ.

ފަލަސްޠީނުގެ ރަސްމީ ޚަބަރު ފަތުރާ އިދާރާައިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޔަހޫދީ ވަޒަންވެރިން މި ޖަރީމާ ހިންގާފައިވަނީ ބުދަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި މިޚްމާސް އަވަށަށް އަރައިގަނެގެންނެވެ. ޔަހޫދީ ވަޒަންވެރިން ވަނީ މިސްކިތުގެ ބައެއްގައާއި، ޒައިތޫނި ގަސްތަކުގެ އިތުރުން އުޅަނދެއްގައި ރޯކޮށްލުމަށްފަހު، މިސްކިތުގެ ފާރުތަކުގައާއި ފަލަސްޠީނު ރައްޔިތުންގެ ގެދޮރުގައި ނަސްލީ ގޮތުން ތަފާތުކުރުމާއި ނަފްރަތު އުފެދޭ ފަދަ ޢިބާރާތްތައް ލިޔެފައެވެ.

މީގެ އިތުރުންވެސް، ހުޅަނގު އައްސޭރީގެ އެކި ސަރަޙައްދުތަކުގައި ޔަހޫދީންގެ އަނިޔާވެރިކަން ދަނީ އިތުރުވަމުންނެވެ. އެގޮތުން ނަބްލުސްގެ ދެކުނުގައި އޮންނަ ބައިތާ އަވަށުން ފަލަސްޠީނުގެ ކުޑަކުއްޖަކަށް ޔަހޫދީން އަނިޔާކޮށްފައިވާއިރު، ޤަލްޤީލްޔާ ސަހަރަށް ޔަހޫދީ ސިފައިން ވަދެގަނެ 3 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި ޠައްމޫން އަވަށަށް އަރައިގަނެ، ޢާންމު ރައްޔިތުންނަށް އަމާޒުކޮށް ކަރުނަގޭސް ޖަހާފައިވާ ކަމަށް މަސްދަރުތަކުން ޚަބަރު ލިބެއެވެ.

ހުޅަނގު އައްސޭރީގައި މިހާރު ޒައިތޫނި ބިންނަ މޫސުން ފެށިފައިވާއިރު، އެއިން އާމްދަނީ ހޯދައިގެން ދިރިއުޅޭ ފަލަސްޠީނުގެ ދަނޑުވެރިންނަށް ބިރުދައްކައި، ދަނޑުތަކަށް ވަނުމަށް ޔަހޫދީ ވަޒަންވެރިން ދަނީ ހުރަސްއަޅަމުންނެވެ. ބައިނަލްއަޤުވާމީ ޤާނޫނުތަކާ ކަނޑައެޅިގެން ޚިލާފަށް، އިސްތިއުމާރުކޮށްފައިވާ ހުޅަނގު އައްސޭރިއާއި އިރުމަތީ ޤުދުސްގައި ޣައިރުޤާނޫނީ ގޮތުގައި 750,000 ޔަހޫދީ ވަޒަންވެރިން ވަޒަންވެރިކުރުވާފައިވާ ކަމަށް ރިޕޯޓުތަކުން ދައްކައެވެ.

ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީން ފަށާފައިވާ ލާއިންސާނީ ޤަތުލުޢާންމާއެކު، ހުޅަނގު އައްސޭރީގައިވެސް ފަލަސްޠީނުގެ ބިންތައް ފޭރިގަތުމަށްޓަކައި ޔަހޫދީ ވަޒަންވެރިން ހިންގާ މިފަދަ ނުރައްކާތެރި ޖަރީމާތައް އިންތިހާއަށް އިތުރުވެފައިވާކަން 'ހިއުމަން ރައިޓްސް ވޮޗް' އަދި 'އެމްނެސްޓީ އިންޓަރނޭޝަނަލް' ފަދަ އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމާޢަތްތަކުން ވަނީ ފާހަގަކޮށްފައެވެ. މީގެއިތުރުން، މިފަދަ ހަމަލާތަކަށް ޔަހޫދީ ސަރުކާރާއި ސިފައިން ފާޅުކަން ބޮޑު ގޮތެއްގައި ވާގިވެރިވެ، މަގުފަހިކޮށްދެމުންދާ ކަމަށްވެސް އެ ޖަމްޢިއްޔާތަކުން ތުހުމަތުކުރެއެވެ.