ޚަބަރު

އީރާނުގެ ސަލާމަތީ ބާރުތަކަށް ހަމަލާދޭ ނިރުބަވެރިންނަށް ބޭރު ފަރާތްތަކުން އެހީވަނީ


އީރާނުގެ އިރުމަތީ ބޯޑަރު ސަރަޙައްދުގައި ސަލާމަތީ ބާރުތަކަށް އަމާޒުކޮށް ދިން ހަމަލާތަކެއްގައި 2 އޮފިޝަލަކު ޝަހީދުވެފައިވާ ދަނޑިވަޅެއްގައި، ޤައުމުން ބޭރުގެ ފަރާތްތަކުން ޚަރަދުކޮށްގެން ހަރަކާތްތެރިވާ ނިރުބަވެރި ޖަމާޢަތްތަކުން އެ ޤައުމުގެ ސަލާމަތީ ބާރުތަކަށް ހަމަލާދެމުންދާ ކަމަށް އީރާނުން ތުހުމަތުކޮށްފިއެވެ.

އީރާނުގެ މަސްދަރުތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) ގެ ދަށުން ހިންގާ ބަސީޖް ޕެރަމިލިޓަރީ އަސްކަރިއްޔާގެ އަންހެން ޔުނިޓެއްގެ އޮފިޝަލެއްގެ ގަޔަށް ބަޑިޖަހައި ޝަހީދުކޮށްލާފައިވަނީ، ސިސްތާން-ބަލޫޗިސްތާން ސަރަހައްދުގެ މެހްރެސްތާން އަވަށުގައި ހުންނަ އޭނާގެ ގެއިން ނުކުތް ވަގުތުގައެވެ.

މީގެއިތުރުން، ޕާކިސްތާނު ބޯޑަރު ކައިރީގައި އޮންނަ އެހެން ސަރަޙައްދެއްގައި ފުލުހުން ފޯރިމަރަމުން ދިޔަ އުޅަނދަކަށް ދިން ބަޑީގެ ހަމަލާއެއްގައި ވެސް ފުލުހުންގެ އޮފިޝަލަކު ވަނީ ޝަހީދުވެފައެވެ.

މި ސަރަހައްދުގެ ހާލަތު ދިރާސާކުރާ އިންސާނީ ޙައްޤުތަކާ ބެހޭ ޖަމާޢަތެއް ކަމަށްވާ "ހާލްވަޝް" އިން ހާމަކޮށްފައިވާ ގޮތުގައި، އިރާންޝަހަރުގެ ވިލާތަކުގެ މަތިން މެދުކެނޑުމެއްނެތި އަސްކަރީ ހެލިކޮޕްޓަރުތައް އުދުހެމުންދާ އިރު، އެ ސަރަހައްދުގެ މަސްރަޙު އަދިވެސް އޮތީ ނުހަނު ނުތަނަވަސްކޮށެވެ.

އީރާނުގެ އިރުމަތީ ސަރަޙައްދުގައި އޮންނަ ސިސްތާން-ބަލޫޗިސްތާނަކީ ވިޔަފާރީގެ ގޮތުން މުހިންމު ޗަބަހާރު ބަނދަރު އޮންނަ ސަރަހައްދެވެ. އެމެރިކާ އަސްކަރިއްޔާއިން ފާއިތުވި ޖުލައި މަހު އެ ސަރަހައްދުގެ ބައެއް އުމްރާނީ ވަސީލަތްތަކަށްށާއި ކަނޑުގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ވައިގެ ހަމަލާތަކެއް ދީފައިވެއެވެ.

އިރާނުގެ ސަރުކާރުން ބުނަމުންދަނީ ބޭރުގެ އެހީ ލިބިގެން ހަރަކާތްތެރިވާ ނިރުބަވެރި ޖަމާޢަތްތަކުން ސަލާމަތީ ބާރުތަކަށް އަމާޒުކޮށް ހަމަލާތައް ދެމުންދާ ކަމަށެވެ. އެގޮތުން، ފާއިތުވި ހަފުތާގައި މަކްރާން އައްސޭރިފަށުގެ ސަރަޙައްދެއްގައި ސަލާމަތީ ފައުޖުތައް ދަތުރުކުރި ކުޑަ ބަހަކަށް ހަތިޔާރުއެޅި ބަޔަކު ދިން ހަމަލާއެއްގައި އެކަކު މަރުވެ 3 މީހަކު ޒަޚަމްވެފައިވާ ކަމަށް މަސްދަރުތަކުން ރިޕޯޓްކޮށްފައިވެއެވެ. މީގެއިތުރުން، އެހެން ހާދިސާއެއްގައި ފުލުހުންގެ އުޅަނދަކަށް ދިން ހަމަލާއެއްގައި ފުލުހަކު މަރުވި ކަމަށްވެސް ރިޕޯޓުކޮށްފައިވެއެވެ.

މި ހަމަލާތަކާ ގުޅިގެން، ޗަބަހާރު ބަނދަރު ކައިރީގައި އައި.އާރު.ޖީ.ސީ ގެ އަލް-ޤުދުސް އަސްކަރިއްޔާއިން ހިންގި ޚާއްޞަ އަސްކަރީ އޮޕަރޭޝަނެއްގައި، ހަމަލާދިން ކަމަށް ޝައްކުކުރެވޭ 2 މީހަކު މަރާލައި، އެ ސަރަޙައްދުގައި ހަރަކާތްތެރިވި ހަނގުރާމަވެރި ގްރޫޕެއް ނައްތާލާފައިވާ ކަމަށް އީރާނުން ބުނެއެވެ.

މި އޮޕަރޭޝަން ހިންގާފައިވަނީ ރަސަކް ސަހަރުގެ ޗެކްޕޮއިންޓެއްގައި ސަލާމަތީ ބާރުތަކުގެ އޮފިޝަލަކު މަރާލުމާ ގުޅިގެންނެވެ. އެ މީހުން ފަރުބަދަމަތީގެ ސަރަޙައްދެއްގައި ފިލައިތިބި ތަނުން ގިނަ ޢަދަދެއްގެ ހަތިޔާރާއި، ސްޓާލިންކް ސެޓެލައިޓް އިންޓަނެޓް ޑިވައިސެއް އަތުލައިގެންފައިވާ ކަމަށްވެސް އައި.އާރު.ޖީ.ސީން ހާމަކޮށްފައިވެއެވެ.