ގައުމީ ވޮލީބޯޅަ ލީގުގެ ފިރިހެން ޑިވިޝަނުގައި ދިވެހި ސިފައިންގެ ކުލަބާ ޕޮލިސް ކުލަބުން ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށް ފެށުން ރަނގަޅުކޮށްފިއެވެ.
ބުރާސްފަތި ދުވަހު ފެށި މި މުބާރާތުގެ ފުރަތަމަ މެޗުގައި ސިފައިން ނުކުތީ މުޅިން އަލަށް މި މުބާރާތުގައި ވާދަކުރާ ލަޔަންސް ރެކްރިއޭޝަން ކުލަބާ ދެކޮޅަށެވެ. މި މެޗު ސިފައިން ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ.
މުޅި މެޗުގައި ވެސް ސިފައިން ފެނިގެންދިޔައީ ވަރުގަދަކޮށެވެ. އެގޮތުން މެޗުގެ ސެޓުތައް ދިޔައީ 25-16، 25-20 އަދި 25-16 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކީ ސިފައިންގެ ފަހަދު ރިޒާއެވެ.
މީގެ އިތުރުން ބުރާސްފަތި ދުވަހުގެރޭ ޕޮލިސް ކުލަބުން ވަނީ ވީއޭއެމް ކަޕުގެ ޗެމްޕިއަން ކުލަބް އެމްޓީސީސީގެ މައްޗަށް ސީދާ ތިން ސެޓުން ކުރިހޯދައިފައެވެ.
މި މެޗުގެ ފުރަތަމަ ދެ ސެޓުގައި ދެ ޓީމުގެ ފަރާތުންވެސް ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައެވެ. މި ދެސެޓު ޕޮލިހުން ގެންދިޔައީ 25-22 އަދި 30-28 އިންނެވެ. ޖެހިގެން އައި ތިންވަނަ ސެޓުގައި އެމްޓީސީސީގެ ކުޅުން ދަށްވިއިރު، މި ސެޓު ފަސޭހަކަމާއެކު ޕޮލިހުން ކާމިޔާބުކުރީ 25-14 އިންނެވެ.
މި މުބާރާތުގައި ހުކުރު ދުވަހު ހަވީރު ކުލަބް އެޗްޑީސީން ނުކުންނާނީ އެމްޓީސީސީއާ ދެކޮޅަށެވެ. އަދި ހުކުރު ދުވަހުގެރޭ ޕޮލިސް ކުލަބުން ނުކުންނާނީ ލަޔަންސްއާ ދެކޮޅަށެވެ.