ނަފްސާނީ ދުޅަހެޔޮކަމަށް އަމާޒުކޮށް ހިންގާ ޕްރޮގްރާމުތައް އިތުރުކުރަންޖެހޭ ކަމަށް، ސިއްހަތާއި ޢާއިލާއާއި އިޖްތިމާޢީ އެހީއާއި ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.
ވަޒީރު ޤީލާ މިހެން ވިދާޅުވެފައިވަނީ އީޕީއެސް ފައުންޑޭޝަންގެ ޝީލްޑް އެންޑް ޝައިން މެންޓަލް ވެލްބީންގް ޕްރޮޖެކްޓް އިފްތިތާޙްކޮށްދެއްވުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
އީޕީއެސް ފައުންޑޭޝަންގެ ޝީލްޑް އެންޑް ޝައިން މެންޓަލް ވެލްބީންގ ޕްރޮޖެކްޓުގެ މަޤްޞަދަކީ ނަފްސާނީ ބަލިމަޑުކަމާއި އުނދަގޫތައް ތަހައްމަލުކުރާ ފަރާތްތަކަށް ބޭނުންވާ ސިއްހީ އެހީތެރިކަމަށް ވާސިލްކޮށްދިނުމަށް އެހީވުމާއި، ވެލްނެސް އެމްބެސެޑާސް އުފެއްދުމާއި އުނދަގޫތައް ތަޙައްމަލުކުރާ ފަރާތްތައް ވީހާވެސް އަވަހަށް ދެނެގަނެވޭނެ ގޮތަށް މައިންބަފައިންނާއި ގާތްތިމާގެ މީހުން ނަފްސާނީ މައްސަލަތައް ހޭލުންތެރި ކުރުވުމެވެ.
މި ޕްރޮގްރާމް އިފްތިތާޙްކޮށްދިނުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސިއްހަތާއި ޢާއިލާއާއި އިޖްތިމާޢީ އެހީއާއި ބެހޭ ވަޒީރު ޤީލާ ޢަލީ ވަނީ ރާއްޖޭގައި ނަފްސާނީ މައްސަލަ އޮތް މިންވަރުގެ މައްޗަށް ތަފާސް ހިސާބުތައް މެދުވެރިކޮށް އަލިއަޅުވާލައްވާފައެވެ. އެގޮތުން ޒުވާން އާބާދީގެ މެދުގައި ނަފްސާ މައްސަލަތައް 2015 އިން ފެށިގެން 2024 އާއި ދެމެދު 5 ގުނަ އިތުރުވެފައިވާ ކަމާށް، އައިޖީއެމް ހޮސްޕިޓަލްގެ ތަފާސްހިސާބުތަކަށް އިޝާރާތް ކުރައްވާ ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން ވަޒީރު ހިއްސާކުރެއްވި ތަފާސް ހިސާބުތަކުގެ ތެރޭގައި މަތީ ތަޢުލީމު މަރުހަލާގައި ކިޔަވާ ދަރިވަރުންގެ 58.9 އިންސައްތަ ދަރިވަރުންގެ ތެރެއިން މެދު މިނުން ފެށިގެން އެންމެ މަތީ ލެވްލްއާއި ހަމައަށް އެންޒައިޓީ ހުންނަކަމަށް ދައްކާކަމަށް ވިދާޅުވިއެވެ. އަދި 28.9 އިންސައްތަ ދަރިވަރުންގެ ކިބައިގަ ޑިޕްރެޝަން ހުންނަ ކަމަށް ފާހަގަކޮށްފައިވާއިރު، 28.3 އިންސައްތަ ދަރިވަރުންނަކީ ސްޓްރެސް މެނޭޖް ނުކުރެވޭ ދަރިވަރުންކަން ވަޒީރު ފާހަގަކުރެއްވިއެވެ.
އެކި މާހައުލުތަކާއި އަދި އޮންލައިންކޮށްވެސް ދިމާވާ އެކި ކަންކަމުގެ ސަބަބުން، ގިނަ ފަހަރު އެންޒައިޓީ އާއި ނަފްސާނީ އެހެން ބަލިތަކަށް މަގުފަހިވާކަމަށް ވަޒީރު ޤީލާ ވިދާޅުވިއެވެ.
"މިފާހަގަކުރެވުނު ކަންކަމަށް ބަލާއިރު ފެންނަނީ ބިރުވެރި ހިތާމަވެރި މަންޒަރެއް. ވަގުތުން އެކަންކަމަށް އެޑްރެސްކޮށް ފިޔަވަޅުތައް ހަރުދަނާކޮށް، އީޕީއެސް ފައުންޑޭޝަނާއި އެހެން ފަރާތްތަކުން ހޭލުންތެރިކުރުމުގެ މިފަދަ ޕްރޮޖެކްޓްތަކާއި، ޕްރޮގްރާމްތައް ހިންގުމަށް މުހިންމު ސިޔާސަތުތަކެއް ކަނޑައަޅަންޖެހޭ މަންޒަރުތަކެއް." ވަޒީރު ޤީލާ ވިދާޅުވިއެވެ.
އިޕީއެސް ފައުންޑޭޝަންގެ ޝީލްޑް އެންޑް މެންޓަލް ވެލްބީންގް މަޝްރޫޢު ޕައިލެޓްކޮށް އައްޑޫސިޓީ ހިތަދޫ އަދި މަރަދޫ-ފޭދޫގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. މިމަޝްރޫޢުގެ ކުރިއަށްގެންދަން ރާވާފައިވަނީ އެއް އަހަރު ދުވަހުގެ މުއްދަތަކަށެވެ. ނަމަވެސް މަޝްރޫޢު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދަން މަސައްކަތް ކުރާނެކަމަށް އީޕީއެސް ފައުންޑޭޝަނުން ވިދާޅުވިއެވެ. މިމަޝްރޫޢު އެކުލަވާލާ ކުރިއަށްގެންދަނީ އީވް ކްލިނިކްގެ ސައިކޮލޮޖީ ޑިޕާޓްމެންޓާއި ގުޅިގެންނެވެ.
މިމަޝްރޫޢު ރަސްމީކޮށް ސިއްހީ ވަޒީރު އިފްތިތާޙްކޮށްދެއްވިއިރު، މަޝްރުޢޫގެ ދަށުން ތަމްރީނު ކުރާ މެންޓަލް ވެލްބީންގ އެމްބެސެޑަރުންނަކީ ނަފްސާނީ ބަލިތައް ދެނެގަންނަ ބައެއް ނޫން ކަމަށާއި، އޭގެ ބަދަލުގައި އެފަދަ އަލާމާތްތައް ހުންނަ ފަރާތްތަކަށް ބޭނުން އެހީތެރިކޮށް ފޯރުކޮށްދީ، ސިއްހީ އެހީތެރިކަން އެފަރާތްތައް ދިނުމަށް މަގުފަހިކުރުވާ ބައެއްކަމަށް އެފައުންޑޭޝަނުން ވިދާޅުވިއެވެ.
މީގެ އިތުރުން ރަށު ކައުންސިލްތަކާއި، ޖަމްޢިއްޔާ ޖަމަޢަތްތަކާއި އަދި ތަޢުލީމީ އެކި އިދާރާތައް މެދުވެރިކޮށް ދަރިވަރުންނާއި ބެލެނިވެރިންގެ މެދުގައި ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް އެކި ސަރަހައްދުތަކުގައި ސެޝަންތައް ކުރިއަށްގެންދާނެއެވެ.
އީޕީއެސް ފައުންޑޭޝަނަކީ ތަޢުލީ މުޢައްސަސާއެއްގެ ގޮތުގައި އީޕީއެސް އިން ހާސިލްކޮށްފައިވާ ކާމިޔާބީތައް ދިރުވައި އާލާކުރުމުގެ މަޤްޞަދުގައި އެސްކޫލުގެ އިސް ދަރިވަރުން އިސްވެ 2018 ވަނަ އަހަރުން ފެށިގެން ހިންގަމުން އަންނަ ޖަމްޢިއްޔާއެކެވެ.