ޚަބަރު

ޔޫތު އޮންޓްރަޕްރިނަރޝިޕް ފައިނޭންސިންގެ ދެވަނަ ބުރަށް ހުޅުވާލައިފި


  • ހާއްސަކޮށްފައިވަނީ 18 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުންނަށް

  • 150،000 ރުފިޔާއާ ހަމައަށް ފައިނޭންސިންގ ދޫކުރުމަށް ހަމަޖެހިފައިވޭ

ޒުވާން ވިޔަފާރިވެރިން އުފެއްދުމަށް ކުރިއަށް ގެންދާ "ޔޫތު އޮންޓްރަޕްރިނަރޝިޕް ފައިނޭންސިން" ގެ ދެވަނަ ފިޔަވަށްސަށް ފުރުސަތު ހުޅުވާލައިފިއެވެ.

ބޭންކް އޮފް މޯލްޑިވްސް އާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން ތައާރަފްކޮށްފައިވާ ޔޫތު އޮންޓްރަޕްރިނަރޝިޕް ފައިނޭންސިންގެ ދެވަނަ ފިޔަވައްސަށް އެޕްލިކޭޝަން ބަލައިގަންނަށް މިހާރު ވަނީ ފަށާފައެވެ. މި ފައިނޭންސިންގ ފެސިލިޓީއަކީ ރާއްޖޭގެ ހުނަރުވެރި ޒުވާނުންގެ ބައިވެރިވުން ހިމެނޭ ވިޔަފާރި ޚިޔާލުތައް ހަގީގަތަކަށް ބަދަލުކޮށްލުމަށް ބޭނުންވާ މާލީ އެހީތެރިކަން ލުއިފަސޭހަ ގޮތެއްގައި ފޯރުކޮށްދިނުމަށް އެކުލަވާލާފައިވާ ފައިނޭންސިންގއެކެވެ.

ޔޫތު އޮންޓްރަޕްރިނަރޝިޕް ފައިނޭންސިންގ ޚާއްސަކޮށްފައިވަނީ 18 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ. މި ފެސިލިޓީގެ ދަށުން، އެއްވެސް ޚަރަދެއް އަމިއްލަ އަތުން ކުރަން ނުޖެހި އަދި އެއްވެސް ރަހުނަކާ ނުލައި 150،000 ރުފިޔާއާ ހަމައަށް ފައިނޭންސިންގ ދޫކުރުމަށް ހަމަޖެހިފައިވެއެވެ. އަހަރަކަށް %7 ގެ ފައިދާ ރޭޓެއްގައި ދޫކުރާ މި ފައިނޭންސިންގ އަނބުރާ ދެއްކުމަށް 6 މަހުގެ ގްރޭސް ޕީރިއަޑެއް ހިމެނޭހެން ޖުމްލަ 5 އަހަރުގެ މުއްދަތެއް ލިބޭނެއެވެ.

މި ފިޔަވަހީގެ ދަށުން ފައިނޭންސަށް އެދި ހުށަހެޅުމުގެ ކުރިން، ވިޔަފާރީގެ މާލީ ހިސާބުތައް ބަލަހައްޓާނެ ގޮތް ޒުވާނުންނަށް ދަސްކޮށްދިނުމަށާއި، ފައިނޭންސިންގ އެހީތެރިކަމާއެކު ވިޔަފާރި ހިންގުމުގައި ސަމާލުކަން ދޭންޖެހޭ މުހިންމު ކަންކަމަށް އަހުލުވެރިކުރުވުމުގެ މަގުސަދުގައި އޮންލައިންކޮށް ފުރިހަމަކުރަންޖެހޭ މާލީ ހޭލުންތެރިކަމުގެ ޕްރޮގްރާމެއް ވަނީ ތައްޔާރުކޮށްފައެވެ. އަދި، އެޕްލިކޭޝަން ހުށަހެޅުމުގެ ކުރިން މި ޕްރޮގްރާމް ފުރިހަމަކުރަންޖެހޭނެއެވެ. އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް މި ޕްރޮގްރާމް ނިންމުމުން، މި ފިޔަވައްސަށް ކަނޑައަޅާފައިވާ ޖުމްލަ ފައިނޭންސިންގެ އަދަދު ހަމަވަންދެން ބީއެމްއެލް ސްވައިޕް އެޕް ބޭނުންކޮށްގެން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު މިވަނީ ހުޅުވާލައިފައެވެ.

ޔޫތު އޮންޓްރަޕްރިނަރޝިޕް ފައިނޭންސިންގއާ ގުޅޭ ގޮތުން އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ އަލަށް ތައާރަފު ކުރި މި ފައިނޭންސިންގެ ފުރަތަމަ ފިޔަވައްސަށް ލިބުނީ އުއްމީދުކުރި ވަރަށްވުރެ ބޮޑު ތަރުހީބެއް ކަމަށެވެ. އަދި ފެނިގެންދިޔައީ މިފަދަ ފައިނޭންސިންގ ފުރުސަތުތަކެއް ޒުވާނުން ބޭނުންވެފައިވާ ތިބިކަން ކަމަށް ބަދުރުއްދީން ވިދާޅުވިއެވެ. ޒުވާނުންނަށް އެމީހުން ބޭނުންވާ ފަދަ މަސައްކަތް ކުރުމުގެ ފުރުސަތު މި ފައިނޭންސިންގ މެދުވެރިކޮށް ހޯދައި ދެވިފައިވާ ކަމީ ލިބުނު އުފަލެއް ކަމަށް ބަދުރުއްދީން ވިދާޅުވިއެވެ.

ޔޫތު އޮންޓްރަޕްރިނިއަރޝިޕް ފައިނޭންސިންގެ ފުރަތަމަ ފިޔަވަހި ކާމިޔާބުކަމާއެކު ނިންމާލިއިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި 3،000އަށް ވުރެ ގިނަ ޒުވާން ވިޔަފާރިވެރިންނަށް 300 މިލިޔަން ރުފިޔާއަށް ވުރެ އިތުރު އަދަދެއްގެ ފައިނޭންސިންގ ވަނީ ފޯރުކޮށްދީފައެވެ.