ޚަބަރު

"ކުދި ޖަޒީރާ ގައުމުތަކަށް އެކަށޭނެފަދަ މާލީ އެހީތެރިކަން ކަށަވަރުކުރަންޖެހޭ"


  • ކޮމަންވެލްތުގެ ވަކާލާތުކުރުމުގެ ނިޒާމުތައް ނަތީޖާ ނެރެވޭ ގޮތަށް ބައްޓަން ކުރަންޖެހޭ

  • ކުދި ޤައުމުތަކަށް ބޭނުންވަނީ ނަތީޖާ ނެރެވޭނެ އިންވެސްޓްމެންޓްތަކެއް

ރާއްޖެފަދަ ކުދި ޖަޒީރާ ގައުމުތަކުގެ ތަރައްގީގެ މަސައްކަތަށް ލުއި ފަސޭހަ އިންތިޒާމުތަކެއްގެ ދަށުން، ދެމެހެއްޓެނިވި ގޮތެއްގައި މާލީ އެހީތެރިކަން ލިބެންޖެހޭކަމަށް ހާރިޖީ ވަޒީރު ވިދާޅުވެއްޖެއެވެ.

އެންޓިގާ އެންޑް ބާބިއުޑާގައި ކޮމަންވެލްތުގެ ކުދި ޤައުމުތަކުން ވަޒީރުންގެ ބައްދަލުވުން ދިވެހިރާއްޖެއިން ވަނީ އެޤައުމާއެކު ކޯ ޗެއަރ ކޮށްފައެވެ.

ކޮމަންވެލްތު ކުދި ޤައުމުތަކުގެ ވަޒީރުންގެ ބައްދަލުވުން ފެށުމުގައާއި ބައްދަލުވުން ނިންމުމުގެ ރަސްމިއްޔާތުގައި ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވަނީ ވާހަކަފުޅުދައްކަވާފައެވެ. ޚާރިޖީ ވަޒީރު ވަނީ މި ބައްދަލުވުން އެންޓިގާ އެންޑް ބާބިއުޑާއިން ބޭއްވުމަކީ ކުދި ޤައުމުތަކަށް އެންމެ މަތީ ފެންވަރުގައި ބައްދަލުވުންތައް ބޭއްވުމާއި، އިސްނެގުމާއި، އަދި ނަތީޖާ ނެރެދެވިދާނެކަން ދައްކުވައިދޭ ކަމެއް ކަމަށް ވިދާޅުވެފައެވެ.

ޚާރިޖީ ވަޒީރުގެ ވާހަކަފުޅުގައި ކުދި ޤައުމުތަކަށް ހުރި ގޮންޖެހުންތަކަށް އަލިއަޅުވާލެއްވިއެވެ. ވަޒީރު އިރުތިޝާމްގެ ވާހަކަފުޅުގައި ދުނިޔޭގެ މަސްރަހަށް ކުރިމަތިވާ ގޮންޖެހުންތަކުގެ ސަބަބުން، ކުދި ޤައުމުތަކުގެ އިޤްތިޞާދު ނުރައްކަލަށް ހުށަހެޅެމުންދާ ކަމަށް ވިދާޅުވިއެވެ. މިކަމުގެ ސަބަބުން މާލީ އެހީތެރިކަމާއި އިންވެސްޓްމެންޓް ފުރުސަތު ހަނިވާކަން ފާހަގަކުރެއްވިއެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މަދު ވަސީލަތްތަކަށް ބާރުބޮޑުވާކަމީވެސް ކުދި ޤައުމުތަކަށް ކުރިމަތިވާ ގޮންޖެހުމެއް ކަމަށް ވިދާޅުވިއެވެ. ޚާރިޖީ ވަޒީރު ވިދާޅުވީ މި ގޮންޖެހުންތަކުގެ ސަބަބުން ޤައުމުގެ ތަރައްޤީ ދަމަހައްޓައި ވިލުންތެރިކަން ބިނާކުރުމަށް ހުރަސްތައް ކުރިމަތިވާކަމަށެވެ.

ކުދި ޤައުމުތަކަށް ކުރިމަތިވާ މި ގޮންޖެހުންތައް ރާއްޖެއަށްވެސް ކުރިމަތިވަމުން އަންނައިރު، 2040 ވަނަ އަހަރާއި ހަމައަށް ތަރައްޤީވެފައިވާ ޤައުމަކަށް ރާއްޖެ ވުމަށް އޮތް އަމަޒު ވަޒީރު ފާހަގަކުރެއްވިއެވެ. ޚާރިޖީ ވަޒީރު ވިދާޅުވި މި އަމާޒު ހާސިލްކުރަން ބައިނަލްއަޤްވާމީ މައިދާނުގައި ފަހި މާހައުލެއް ބޭނުންވާ ކަމަށެވެ. ކުރިމަތިވާ ހުރިހާ ހިރާސްތައް ރާއްޖެއަށް ނައްތާނުލެވުނު ނަމަވެސް އެކަމުން އަރައިގަތުމުގެ ޤާބިލްކަން އިތުރުކުރެވޭނެ ކަމަށް ވިދާޅުވިއެވެ.


މިކަމަށް ބޭނުންވަނީ ނަތީޖާ ނެރެވޭފަދަ ވަކަލާތުކުރުންތަކާއި ތަންފީޒުކުރެވޭނެ އިންވެސްޓްމެންޓްތައްކަމަށް ވަޒީރު ވިދާޅުވިއެވެ. ކޮމަންވެލްތުގެ ވަކަލާތުކުރުމުގެ ނިޒާމު ހަރުދަނާ ކުރަންޖެހޭކަން ފާހަގަކޮށް ވަޒީރު އިރުތިޝާމް ވިދާޅުވީ ވަކާލާތު ކުރުމުގެ ނިޒާމުތަކަށް ހޭލުންތެރިކަން އިތުރުކުރުމަށްވުރެ ކުދި ޤައުމުތަކުގެ މަސްލަހަތު ހިމާޔަތްކޮށްދޭންޖެހޭ ކަމަށެވެ. ވަޒީރު ވަނީ މިހާރުވެސް ހުރި ނިޒާމުތައް ހަރުދަނާކޮށް، ކުރެވެމުންދާ މަސައްކަތްތަކަށް އެހީތެރިވެ، ކޮމަންވެލްތަށް އެންމެ ބޮޑު ފައިދާއެއް ނެރެދެވޭނެ ދާއިރާތަކަށް އަމާޒުކުރަން ގޮވާލައްވާފައެވެ.

މިވިސްނުން އިންވެސްޓްމެންޓް ހޯދުމަށްވެސް ބަހައްޓަންޖެހޭ ކަމަށް ޚާރިޖީ ވަޒީރު ވިދާޅުވިއެވެ. ޚާރިޖީ ވަޒީރު ވިދާޅުވީ ކުދި ޤައުމުތަކަށް ދެމެހެއްޓެނިވި މާލީ އެހީތެރިކަން ކަށަވަރުކުރުމަށް ބައިނަލްއަޤްވާމީ މާލީ އިދާރާތަކާއި، ތަރައްޤީގެ ބައިވެރިންނާއި، އަދި އަމިއްލަ ސެކްޓަރާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރަން ޖެހޭކަމަށެވެ. އެ އިންވެސްޓްމަންޓްތަކަކީ، މޫސުމީ ވިލުންވެރިކަމާއި، ހަކަތައަށް ބަދަލުގެނައުމުން ފެށިގެން، ވިޔަފާރިއާއި، ދަރަނި ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމާއި، އަދި ޑިޖިޓަލް ބަދަލުތަކަށް އިސްކަންދޭ ކަންކަމަށް އަމާޒުކުރެވޭ އިންވެސްޓްމަންޓްތަކަކަށް ވާންޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.

މި ބައްދަލުވުން ނިންމަވާލެއްވުމުގެ ގޮތުން ދެއްކެވި ވާހަކަފުޅުގައި ވަޒީރު އިރުތިޝާމް ވަނީ ބައިނަލްއަޤްވާމީ ފެންވަރުގައި ނިންމުންތައް ނިންމުމުގައި ކުދި ޤައުމުތައް ތަމްސީލުކުރެވޭކަން ކަށަވަރުކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި 2028-2030 ގެ ދައުރަށް އިންސާނީ ޙައްޤުތަކުގެ މަޖިލީހަށާއި، 2033-2034 ގެ ދައުރަށް އދ. ގެ ސަލާމަތީ މަޖިލީހަށް ދިވެހިރާއްޖެއިން ކުރިމަތިލާފައިވަނީ ކަންކަން ނިންމުމުގައި ކުދި ޤައުމުތަކުން އަދާކުރާ ދައުރު ފުޅާކުރުމަށް ކަމަށް ވިދާޅުވިއެވެ.