ޚަބަރު

މިދިޔަ މަހު މަސްވެރިންނަށް 30 މިލިޔަން ރުފިޔާ


  • މިދިޔަ މަހު 1356 ޓަނު މަސް މިފްކޯއަށް ކިރުވާފައިވޭ

  • މިދިޔަ މަހު މިފްކޯއަށް މަސް ކިރުވީ 462 ދޯންޏަކުން

މިދިޔަ މަހު މަސްވެރިންނަށް 30 މިލިޔަން ރުފިޔާ ދޫކޮށްފައިވާ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް، މިފްކޯގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މި މުއްދަތުގައި މިފްކޯއަށް 460 އަށް ވުރެ ގިނަ ދޯނިން މަސް ކިރުވާފައިވެއެވެ.

ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަހު މިފްކޯއަށް މަސް ކިރުވާފައިވާ ދޯނިތަކުގެ އަދަދު ވަނީ އިތުރުވެފައެވެ. ނިމިދިޔަ އޮކްޓޯބަރ މަހު މިފްކޯއަށް 462 ދޯންޏަކުން މަސް ކިރުވާފައިވާއިރު، އޭގެ ކުރިން މަހު މިފްކޯއަށް މަސް ކިރުވީ، 453 ދޯންޏަކުންނެވެ.

އޮކްޓޫބަރު މަހު މިފްކޯއަށް މަސް ކިރުވާފައިވާ ދޯނިތަކުން ޖުމްލަ 1356 ޓަނުގެ މަސް ކިރުވާފައިވެއެވެ. މިއީ މިދިޔަ ސެޕްޓެންބަރު މަހު ކިރުވި މަހަށްވުރެ އިތުރު އަދަދަކެވެ. ސެޕްޓެންބަރު މަހު މިފްކޯއަށް ކިރުވާފައިވަނީ 1288.42 ޓަނުގެ މަހެވެ. މިއީ މަހުން މަހަށް ބަލާނަމަ 5.2 އިންސައްތަ އިތުރުވުމެކެވެ.

މިފްކޯއަށް ކިރުވި މަހުގެ އަދަދު އިތުރުވުމާއެކު، މިމަހު މަސްވެރިންނަށް ދޫކުރި ފައިސާގެ އަދަދުވެސް ވަނީ ސެޕްޓެންބަރު މަހާއި އަޅާބަލާއިރު އިތުރުވެފައެވެ. ނިމިދިޔަ އޮކްޓޫބަރު މަހު، މަސްވެރިންނަށް މިފްކޯއިން 30.03 މިލިޔަން ރުފިޔާ ދޫކޮށްފައިވެއެވެ. އޭގެ ކުރީ މަހު ދޫކޮށްފައިވަނީ 27.32 މިލިޔަން ރުފިޔާއެވެ.

ރާއްޖޭގެ ސަރަހައްދަށް މަސްވެރިކަން، އެންވެރިކަން ދަށްވުމާ ގުޅިގެން ދަށްވުމަށް ފަހު ސެޕްޓެންބަރު މަހާއި އޮކްޓޫބަރު މަހު މިވަނީ ރަނގަޅުވާން ފަށާފައެވެ. މިދިޔަ އޮކްޓޫބަރު މަހު މަސްވެރިން ދޫކޮށްފައިވާ ފައިސާއަށް ބަލާއިރު، ބައެއް ދުވަސްތަކުގައި 2 މިލިޔަން ރުފިޔާއާއި ގާތައް ފައިސާ ދޫކޮށްފައިވެއެވެ.

މަސްވެރިކަން ރަނގަޅުވަމުން އަންނައިރު ސަރުކާރުން ދަނީ ދައުލަތުގެ މަސް ކުންފުނިން މަސް ގަންނަ އަގު އެންމެ ދަށް އަގަކީ 20ރ. ކަމުގައި ހިފަހައްޓަން މަސައްކަތް ކުރަމުންނެވެ. މިފްކޯއިން މިހާރު ކަޅުބިލަ މަސް ކިލޯއެއް ގަންނަމުން ދަނީ 22 ރުފިޔާއިން މަތީގައެވެ. މިފްކޯގެ އަހަރީ ދުވަހާއި ގުޅުވައި އެކުންފުނިން 23ރ އަށް ވެސް މަސް ކިލޯއެއް ނޮވެންބަރު 1 ވަނަ ދުވަހު ގަނެފައިވެއެވެ.

މަހުގެ އަގު ހިފެހެއްޓުމަށް ކުރަމުންދާ މަސައްކަތާއި އެކު މަސްވެރިންނަށް ހަމަ އަގު ހޯދައި ދިނުމަށް މަސް ފިނިކޮށް ރައްކާ ކުރާ ނިޒާމުތައް ޤާޢިމް ކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ. މަސްވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކޮށް، ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ ސިނާއަތަކަށް މަސްވެރިކަން ހެދުމަކީ ސަރުކާރުގެ އަމާޒެކެވެ. މި އަމާޒު ހާސިލުކުރުމަށް މަސްވެރިން ބާނާ މަސް ކިރުވާތާ 48 ގަޑިއިރުގެ ތެރޭގައި އެފައިސާ މަސްވެރިންނަށް ޖަމާކޮށްދެއެވެ.