ޢުމުރުން 65 އަހަރު ހަމަވާ ފަހުންވެސް ރިޓަޔަރމަންޓު ސޭވިންގްސް އެކައުންޓުގައިވާ ފައިސާ ޙައްޖުވުމަށް ބޭނުންކުރެވޭނެ ގޮތަށް ޕެންޝަނާބެހޭ ޤާނޫނަށް ގެނައި އިޞްލާޙުގެ ދަށުން އެކުލަވާލަންޖެހޭ ޤަވާއިދަށް ޢަމަލުކުރަން ފަށައިފިއެވެ.
މި ޤަވާއިދު އެކުލަވާލާފައިވަނީ ޢުމުރުން 65 އަހަރު ހަމަވާ ފަހުންވެސް ރިޓަޔަރމަންޓު ސޭވިންގްސް އެކައުންޓުގައިވާ ފައިސާ ފަރުޟު ޙައްޖުވުމަށް ބޭނުންކުރެވޭނެ ގޮތަށް ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނަށް ގެނެވުނު 6 ވަނަ އިޞްލާޙުގެ ދަށުންނެވެ.
ޕެންޝަން އޮފީހުން ވިދާޅުވީ، ޤާނޫނަށް މި އިސްލާހު ގެނައުމުގެ ކުރިން އުމުރުން 65 އަހަރުން މަތީގެ ފަރާތްތަކަށާއި، ޙައްޖު ޖާގަ ކަށަވަރުވާއިރު ޢުމުރުން 65 އަހަރު ފުރިފައިވާ ފަރާތްތަކަށް ޙައްޖަށް ދިއުމަށް ޖާގަ ރިޒާވްކުރުމަށް ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުގައިވާ ފައިސާ ބޭނުންކުރުމުގެ ފުރުޞަތެއް ނޯވެއެވެ. ނަމަވެސް، އަލަށް ގެނެވުނު އިޞްލާޙާއެކު، ޝަރުތުހަމަވާ ކޮންމެ ޢުމުރެއްގެ މީހަކަށްވެސް ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުގައިވާ ފައިސާ ބޭނުންކޮށްގެން ފަރުޟު ޙައްޖުގެ އަޅުކަން އަދާކުރެވޭނެ މަގު މިހާރު ވަނީ ތަނަވަސްވެފައެވެ. އެހެންކަމުން، 65 އަހަރު ވުމުގެ ސަބަބުން ޙައްޖަށް ދިއުމަށް ޖާގަ ރިޒާވް ނުކުރެވި ތިބި ފަރާތްތަކަށާއި، ޖާގަ ކަށަވަރުވާއިރު އުމުރުން 65 އަހަރުން މަތިވެފައިވާ ފަރާތްތަކަށްވެސް މިހާރު މި ފުރުޞަތުގެ ބޭނުން ހިފޭނެ ކަމަށެވެ.
ޕެންޝަން އޮފީހުން މަޢުލޫމާތު ދޭ ގޮތުގައި، މި ސްކީމުގެ ދަށުން ޙައްޖަށް ދިއުމަށް ޖާގަ ރިޒާވްކުރުމަށް ޝަރުތުހަމަވާނީ މީގެ ކުރިން ފަރުޟު ޙައްޖު އަދާކޮށްފައިނުވާ އަދި ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓް (އާރް.އެސް.އޭ) ގައި މަދުވެގެން 336،000 (ތިންލައްކަ ތިރީސް ހަހާސް) ރުފިޔާ ހުންނަ މެންބަރުންނަށެވެ. އަދި ބޯހިޔާވަހިކަމުގެ ބޭނުމަށް ޕެންޝަން ފައިސާ ރަހުނުކޮށްފައިވާ މެންބަރެއްނަމަ، ޝަރުތުހަމަވާނީ އެ ޢަދަދު އުނިކުރުމަށްފަހުވެސް އެކައުންޓުގައި 336،000 ރުފިޔާ ހުންނަ ނަމައެވެ.
މި އުޞޫލުގެ ދަށުން ޙައްޖަށް ދާން އެދޭ މެންބަރުން، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނަށް ޙައްޖު ދަތުރުގެ އަގުގެ 20 އިންސައްތަ ދެއްކުމަށްފަހު ބާކީބައި ހަމަޖެއްސުމަށް ޕެންޝަން އޮފީހަށް ހުށަހެޅުމުން، ކަނޑައެޅިފައިވާ ތަރުތީބުން ޖާގަ ރިޒާވްކޮށްދެވޭނެއެވެ. ނަމަވެސް، އެ ފައިސާ ވަގުތުން ޕެންޝަން އެކައުންޓުން އުންޏެއް ނުވާނެއެވެ. އަދި ޙައްޖު ކޯޕަރޭޝަނާ ފައިސާ ޙަވާލުކުރުމާ ހަމައަށް، އެ ފައިސާ ދާނީ އިންވެސްޓްކުރެވެމުން ކަމަށް ޕެންޝަން އޮފީހުން މަޢުލޫމާތު ދެއެވެ.
މީގެއިތުރުން، މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމް (އެމްއާރްޕީއެސް) އިން ޕެންޝަން ލިބެމުންދާ މެންބަރުންނަށް ނުވަތަ އަލަށް ރިޓަޔަރކުރާ މެންބަރުންނަށް ދެވޭ ޕެންޝަން ފައިސާ ހިސާބުކުރާއިރު، ޙައްޖަށް ރިޒާވްކުރާ ފައިސާގެ ޢަދަދެއް ނުހިމެނޭނެއެވެ. އެހެންކަމުން ޙައްޖު ބެނެފިޓުގެ ދަށުން ފައިސާ ބޭނުންކުރުމުން މަހުން މަހަށް ލިބޭ ޕެންޝަންގެ ޢަދަދަށް ބަދަލު އައުން އެކަށީގެންވާކަމަށް ޕެންޝަން އޮފީހުން ވިދާޅުވިއެވެ.
ނަމަވެސް، އެއްވެސް ސަބަބަކާހުރެ ޙައްޖު ރިޒަވޭޝަން ކެންސަލްވެ ނުވަތަ އެ ފައިސާ އަނބުރާ ރިޓަޔަރމަންޓު ސޭވިންގްސް އެކައުންޓަށް ޖަމާވެއްޖެނަމަ، އެ ފައިސާ ހިމަނައިގެން ޕެންޝަން ފައިސާ އަލުން ހިސާބުކުރެވިގެންދާނެ ކަމަށްވެސް އެ ޤަވާއިދުގައި ބަޔާންކޮށްފައިވެއެވެ.
މިއަހަރުގެ ޖުލައި މަހު ޕެންޝަން އޮފީހުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން، ޕެންޝަން ފަންޑުން ޙައްޖު އަދާކުރެވުމުގެ ޝަރުތުހަމަވާ 23،000 އަށް ވުރެ ގިނަ ފަރާތްތައް އެބަތިއްބެވެ. މީގެ ތެރެއިން އުމުރުން 65 އަހަރުން މަތީގެ 1634 އަންހެނުންނާއި 3846 ފިިރިހެނުން ހިމެނޭ ކަމަށް އޭރު ޕެންޝަން އޮފީހުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކައެވެ.