މޯލްޑިވިއަން ފްލީޓު އޭޓީއާރްއަށް ބަދަލުކުރުމުގެ މަޝްރޫޢުގެ ދަށުން، ގެންނަ 6 ވަނަ އޭޓީއާރު ލަސްވެގެން އަންނަ އަހަރު ޖަނަވަރީ މަހުގެ ތެރޭގައި ލިބޭނެ ކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.
އެކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އަލީ ސަލީމް ވަނީ ކުންފުނީގެ ރައްޔިޔިތުންނަށް ދެމުންދާ ޚިދުމަތްތައް ތަރައްޤީކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަން ހާމަކުރައްވާފައެވެ.
ޤައުމީ އެއަރލައިން، މޯލްޑިވިއަންގެ ފްލީޓުގައި ހިމެނޭ ޑޭޝް8 މަރުކާގެ ބޯޓުތައް، އޭޓީއާރުގެ ބޯޓުތަކަށް ބަދަލު ކުރުމުގެ މަސައްކަތް އެކުންފުނިން ފަށާފައިވަނީ، 2022ވަނަ އަހަރުއެވެ. އެމަސައްކަތުގެ ދަށުން މިހާތަނަށް 5 އޭޓީއާރު ގެނެސް ވަނީ ބޭނުން ކުރަން ފަށާފައެވެ. އަދި މިހާރު ބޭނުން ކުރަމުންދާ ޑޭޝް މަރުކާގެ ބޯޓުތައް ދޫކުރުމުގެ މަސައްކަތްވެސް ކުރިއަށް ގެންދެއެވެ.
މޯލްޑިވިއަންގެ ފްލީޓަށް އިތުރު ކުރެވުނު އައު ބޯޓު ރާއްޖެ ގެނައުމާއި ގުޅިގެން ހޯމަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި މިމަސައްކަތުގެ އަދާހަމަ މޯލްޑިވިއަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަލީ ސަލީމް ވަނީ ހިއްސާކޮށްދެއްވާފައެވެ. ސަލީމް ވިދާޅުވި މިމަސައްކަތުގެ ދަށުން އައު ބޯޓު ދާދި އަވަހަށް ރާއްޖެ އަންނާނެ ކަމަށެވެ.
"އަޅުގަނޑު ދަންނަވާލަން ބޭނުންވޭ މިމަހު ފަހުކޮޅު ނުވަތަ ކުރިއަށް އޮތް އަހަރުގެ ފުރަތަމަ މަހުގެ ތެރޭގައި އިތުރު އޭޓީއާރް އެއް ކުންފުނީގެ ފްލީޓަށް އިތުރު ކުރެވިގެންދާނެ. އެއީ މިއަދު އޮތް ޑިމާންޑަށް ބަލާފައި ވަރަށް ކުންފުނީގެ ކަސްޓަމަރުންނަށް ވަރަށް މުހިންމު މެސެޖެއް." ސަލީމް ވިދާޅުވިއެވެ.
ސަލީމް ވަނީ އެކުންފުނިން ކުރިއަށް އޮތް ޗުއްޓީއަށް އަދި ފަތުރުވެރިކަމުގެ ސީޒަނަށް ތައްޔާރުވަމުންދާކަންވެސް ފާހަގަކުރައްވާފައެވެ. މިގޮތުން ބޭރުގެ މަންޒިލްތައް އިތުރުކޮށް، ޑީމާންޑު އޮތް މިންވަރަކަށް ބަލައި، ޗުއްޓީ ދުވަސް ވަރާއި ދިމާކޮށް ދެވޭ ޖާގަތައް ހާހުން އިތުރު ކުރެވޭނެ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން އެކުންފުނީގެ ޚިދުމަތް އޮންލައިން ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ސަލީމް ވިދާޅުވިއެވެ.
"މީގެ އިތުރުނަށް ކުރިއަށް އޮތް ދެ ތިން މަހެއްގެ ތެރޭގައި މޯލްޑިވިއަންގެ ހުރިހާ ޚިދުމަތެއް އާދެ ލައުންޖަށްވިއަސް ސީޓު ކަމަށްވިއަސް، އައު އެއްޗެއް ކަމަށްވިއަސް، އެހުރިހާ ޕްރޮޑަކްޓުތަކަށް އެދުމަށް ﷲ އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ލިބިގެންދާނެ. އެހެންވީމަ މިހުރިހާ ޚިދުމަތެއް ސަރުކާރުގެ ތަޞައްވުރާއި އެއްގޮތަށް އަޅުގަނޑުމެން މިދަނީ ގެނެސްދެމުން." ސަލީމް ވިދާޅުވިއެވެ.
މޯލްޑިވިއަންގެ ޑޭޝް ބޯޓުތައް އޭޓީއާރަށް ބަދަލުކުރުމުގެ މަޝްރޫޢުގެ ދަށުން މިހާރު ބޭނުން ކުރާ އޭޓީއާރު ބޯޓުތަކުގެ އިތުރަށް އިތުރު 2 ބޯޓެއް އެކުންފުނިން ވަނީ އޯޑަރު ކޮށްފައެވެ. އޭގެ ތެރެއިން އެއް ބޯޓު މިއަހަރު ތެރޭ ގެނައުމުގެ މަސައްކަތް ކުރަމުންދާއިރު ދެވަނަ ބޯޓު އަންނަ އަހަރު ފަހުކޮޅަށް ލިބޭނެ ކަމަށް މޯލްޑީވިއަންއިން މީގެ ކުރިން ވަނީ ހާމަކޮށްފައެވެ.
މޯލްޑިވިއަންގެ ފްލީޓުގައި 27 މަތިންދާ ބޯޓު ހިމެނެއެވެ. މީގެ ތެރޭގައި ވައިޑް-ބޮޑީ އެއަރބަސް އޭ330 މަރުކާގެ މަތިންދާ ބޯޓަކާއި، ނެރޯ-ބޮޑީ އެއަރބަސް އޭ320 މަރުކާގެ މަތިންދާ ބޯޓަކާއި، އޭޓީއާރު މަރުކާގެ 5 މަތިންދާ ބޯޓާއި، ޑޭޝް 8 މަރުކާގެ 9 މަތިންދާ ބޯޓާއި އަދި ޑޭޝް 6 މަރުކާގެ ޓްވިންއޮޓާރ 11 މަތިންދާ ބޯޓު ހިމެނެއެވެ.