ޚަބަރު

"ދިރިއުޅުމުގެ ވައްޓަފާޅިއަށް ހެޔޮ ބަދަލުތަކެއް ގެންނަން މަޖުބޫރުވެއްޖެ"


  • އެކްސްޕޯގެ ބޭނުމަކީ ސިއްޚީ އެހީތެރިކަމާއި މައުލޫމާތުދިނުން

  • މިދިޔަ އަހަރުގެ އެކްސްޕޯއަށް ދުވާލަކު 10،000 މީހުން ޒިޔާރަތްކުރި

ގައިގަޔަށް ނާރާ ބަލިތައް އިތުރުވާ މިންވަރަށް ބަލައި، މިހާރު ދިރިއުޅުމުގެ ވައްޓަފާޅިއަށް ހެޔޮ ބަދަލުތަކެއް ގެންނަން މަޖުބޫރުވެފައިވާ ކަމަށް ސިއްޚަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާއި ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ހެލްތު އެންޑް ފެމިލީ އެކްސްޕޯ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ސިއްޚަތާއި ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވީ، ފެމިލީ އެންޑް ހެލްތު އެކްސްޕޯގެ މައިގަނޑު ބޭނުމަކީ ސިއްޚީ އިޖުތިމާޢީ ޚިދުމަތްތަކާއި ބެހޭގޮތުން މައުލޫމާތު ދިނުން ކަމަށެވެ. އަދި ދުޅަހެޔޮ ސިއްޚަތެއްގައި ދެމިހުރުމަށް ބޭނުންވާ މައުލޫމާތާއި އެހީތެރިކަން ފޯރުކޮށްދިނުމާއި، ބަދަހި އިޖުތިމާޢީ ގުޅުމެއް ޤާއިމްކުރުމަަށް ހިންގޭނެ ހަރަކާތްތަކާއި މައުލޫމާތު އެކްސްޕޯގެ ތެރެއިން ފޯރުކޮށްދޭނެ ކަމަށެވެ.

ވަޒީރުގެ ވާހަކަފުޅުގައި ރައްޔިތުން ދުޅަހެޔޮ ސިއްޚަތެއްގައި ދެމިތިބުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި އެކަމަށް އާންމު ދިރިއުޅުމަށް ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ މި މުޖުތަމަޢުގައި ގައިންގަޔަށް ނާރާ ބަލިތައް އިތުރުވުމާއި، ދިރިއުޅުމުގެ ވައްޓަފާޅިއާއި ހެޔޮ ބަދަލުތައް ގެންނަން ވަނީ މަޖުބޫރުވެފައި. ކަސްރަތު ކުރުމާއި ރަނގަޅު ކާނާ ބޭނުންކުރުމާއި، ދުންފަތުގެ އިސްތިޢުމާލުކުރުމުން ދުރުހެލިވުން އަޅުގަނޑުމެންގެ އާންމު ދިރިއުޅުމުގެ ބައެއްގެ ގޮތުގައި ހަދަންޖެހޭ. މީގެ އިތުރުން އާޢިލީ ދުޅަހެޔޮކަން އިތުރު ކުރުމާއި، އެކި އުމުރުފުރާގެ މީހުންގެ މެދުގައި އެއްބައިވަންތަކަން އިތުރު ކުރުމަށް މަސައްކަތް ކުރަންޖެހޭ. އަދި ފުރިހަމަ ސިއްޙަތެއްގައި ނަފްސާނީ ދުޅަހެޔޮކަން މަތީގައި ދެމިތިބުމަށް މަސައްކަތް ކުރުމަކީ، އަޅުގަނޑުމެން ކޮންމެ ފަރުދެއްގެވެސް ޒިންމާއެއް." ވަޒީރު ޤީލާ ވިދާޅުވިއެވެ.

މިކަންކަމަށް މަގުފަހިކުރުމަށް މިއަހަރު ބާއްވާ ހެލްތު އެންޑް ފެމިލީ އެކްސްޕޯގައި 60 ފަރާތަކުން ބައިވެރިވެއެވެ. ވަޒީރު ވިދާޅުވީ، ކުރީގެ އަހަރުތަކާއި އަޅާބަލާއިރު މިއަހަރުގެ އެކްސްޕޯގައި ފާހަގަކޮށްލެވޭ ވަރުގެ ކުރިއެރުންތަކެއް އައިސްފައިވާ ކަމަށެވެ. އަދި މިކަމުން ދައްކުވައިދެނީ، ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް އެކަތިގަނޑަކަށްވެ، މަސައްކަތް ކުރަން ތައްޔާރަށް ތިބި މިންވަރު ކަމަށް ވިދާޅުވިއެވެ.

މިއަހަރުގެ ހެލްތު އެކްސްޕޯގެ ޝިއާރަކީ، "ދުޅަހެޔޮ އުފާވެރި ޖީލަކަށް އެންމެން އެކުގައި"އެވެ. މިޝިއާރުގެ ދަށުން ކުރިމަގު ބައްޓަން ކުރުމުގެ ވިސްނުން ހުންނަންޖެހޭ ކަމަށާއި، މިއަހަރުގެ އެކްސްޕޯ ބޭއްވުމަށް ނިންމާފައިވަނީ މިދިޔަ އަހަރު ލިބުނު ތަރުހީބުގެ ސަބަބުން ކަމަށް ވަޒީރު ވިދާޅުވިއެވެ. މިދިޔަ އަހަރު ބޭއްވި ހެލްތު އެކްސްޕޯއަށް ދުވާލެއްގެ މައްޗަށް 10،000 މީހުން ޒިޔާރަތްކޮށްފައިވެއެވެ.

މި އެކްސްޕޯގެ ތެރެއިން ސިއްޚީ ދާއިރާއިން ހޯދާފައިވާ ކުރިއެރުންތައް ދައްކާލާނެއެވެ. ވަޒީރު ވިދާޅުވީ، ޒަމާނީ ފަންނުވެރިކަމާއި އައު ޓެކްނޮލޮޖީ ރާއްޖޭގެ ސިއްޚީ ދާއިރާއަށް ތަޢާރަފްކުރުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަރަށް އިސްކަަމެއްދީގެން ކުރަމުންދާ އެއް މަސައްކަތް ކަމަށެވެ. އަދި އެކްސްޕޯއިން ފެންނާނެ އައު ޚިދުމަތަކާއި ވަސީލަތްތަކަކީ، މި އަމާޒަށް ވާސިލުވުމަށް ލިބޭ ހިތްވަރެއް ކަމަށް ވިދާޅުވިއެވެ.

ސިއްޚީ ވަޒީރުގެ ވާހަކަ ނިންމަވާލެއްވީ އެކްސްޕޯގައި ބައިވެރިވި ފަރާތްތަކާއި، އިންތިޒާމު ކުރުމަށް އެހީތެރިވި ފަރާތްތަކަށް ޝުކުރު އަދާކުރައްވަމުންނެވެ. އަދި ކުރިއަށް އޮތް އަހަރުވެސް މިއަށްވުރެ ފުޅާކޮށް މިހަރަކާތް ކުއިއަށް ގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.