ޚަބަރު

ތާރީޚުގައިވެސް ބޭއްވި އެންމެ ބޮޑު މައުރަޒާއެކު އުފެއްދުންތެރިކަމަށް ކުރިއެރުން


  • މައުރަޒު ބާއްވާފައިވަނީ މިދިޔަ މަހުގެ 25އިން މިމަހުގެ 2އަށް

  • 400އަށްވުރެ ގިނަ ވިޔަފާރިތައް ބައިވެރިވެ 4000އަށްވުރެ އުފެއްދުން ދައްކާލި

ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026އަކީ، ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމާއި ވިޔަފާރި ފުޅާކުރުމުގެ މަޤުޞަދުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއި އިރުޝާދުގެ ދަށުން ބޭއްވި މައުރަޒެކެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ހުނަރުވެރި އުފެއްދުންތެރިންނާއި މަސައްކަތްތެރިން އެމީހުންގެ މަސައްކަތްތައް މި މައުރަޒުގައި ވަނީ ދައްކާލާފައެވެ.

މިދިޔަ މަހުގެ 25 ވަނަ ދުވަހުން ފެށިގެން މިމަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހަވީރާއި ރޭގަނޑު ކުރިއަށްދިޔަ މި މައުރަޒަކީ، ފަހުގެ ތާރީޚެއްގައި ރާއްޖޭގައި ބޭއްވުނު މިފަދަ އެންމެ ބޮޑު އަދި އެންމެ ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި މައުރަޒެވެ. މި މައުރަޒު ރަސްމީކޮށް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ މައުރަޒު ކުރިއަށްދިޔަ މުއްދަތުގެ ތެރޭގައި 3 ރެއެއްގެ މަތިން ޒިޔާރަތްކުރައްވައި، ބައިވެރިންގެ އުފެއްދުންތައް ގާތުން ބައްލަވާލައްވައި އެފަރާތްތަކަށް ހިތްވަރު ދެއްވާފައެވެ.

މިއަހަރުގެ މައުރަޒަކީ ފާއިތުވި އަހަރުތަކާ އަޅާބަލާއިރު އިންތިޒާމުތަކުގެ ގޮތުންނާއި، ބައިވެރިވި ފަރާތްތަކުގެ އަދަދަށް ބެލިނަމަވެސް ވަރަށް ބޮޑެތި ތަފާތުތަކަކާއި ކުރިއެރުންތަކެއް ފެނިގެންދިޔަ، އަދި ހުރިހާ ގޮތަކުންވެސް ވަރަށް ފުރިހަމަ އަދި ފާހަގަކޮށްލެވޭ ފަދަ ބޮޑު ހަރަކާތެކެވެ. މިކަން މިއަހަރުގެ މައުރަޒުގައި ބައިވެރިވި ފަރާތްތަކުގެ އަދަދަށް ބަލާލިނަމަވެސް ވަރަށް ބޮޑަށް ހާމަވެގެންދެއެވެ. އެގޮތުން މިއަހަރު 419 ފަރާތަކުން 4,404 އުފެއްދުން ވަނީ ބައިވެރިކޮށްފައެވެ. މިއީ 2025 ވަނަ އަހަރު 240 ފަރާތަކުން ބައިވެރިކުރި 2,400 އުފެއްދުމާއި އަޅާ ބަލާއިރު، %83.5 ގެ ކުރިއެރުމެކެވެ.

މިއަހަރު ބައިވެރިވި ފަރާތްތަކުގެ ތެރޭގައި އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އަމިއްލަ ފަރުދުންނެވެ. އެގޮތުން 321 އަމިއްލަ ފަރުދުންނާއި، 75 ވިޔަފާރިއަކާއި، ނުކުޅެދުންތެރިކަން ހުންނަ 16 ފަރާތެއްގެ އިތުރުން ތަޢުލީމީ ދާއިރާއާއި ޖަމްޢިއްޔާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުންވެސް ވަނީ މި މައުރަޒުގައި ވަރަށް އިސްނަގައިގެން ބައިވެރިވެފައެވެ. އަދި މި މައުރަޒުގައި ދައްކާލާ ޖުމްލަ އުފެއްދުންތަކުގެ ގާތްގަނޑަކަށް ހަތަރުބައިކުޅަ ތިންބައި ހިއްސާކުރަނީ އަމިއްލަ ފަރުދުންގެ އުފެއްދުންތައް ކަމުގައިވުމީ މި ދާއިރާއިން އަމިއްލަ މަސައްކަތްތެރިން ކުރިއަރަމުން އަންނަކަން އަންގައިދޭ މުހިންމު ކަމެކެވެ.

ޖުމްލަ 16 ދާއިރާއަކުން 73 ގިންތިއެއް ހިމެނޭގޮތަށް ކުރިއަށްގެންދިޔަ މި މައުރަޒުގައި އެންމެ ގިނަ އުފެއްދުން ހިމެނެނީ ދިވެހިންގެ ޒަމާންވީ ސަގާފަތާ ގުޅިފައިވާ އަތްތެރި މަސައްކަތުގެ ދާއިރާއިންނެވެ. އެއީ 1,695 އުފެއްދުމެވެ. ދެވަނައަށް އެންމެ ގިނަ އުފެއްދުން ހިމެނެނީ ކްރިއޭޓިވް އާޓްސް އަދި ޑިޒައިނިންގ ދާއިރާއިންނެވެ. އެއީ 920 އުފެއްދުމެވެ. މީގެ އިތުރުން ކާބޯތަކެތި، ގަހަނާ، ފެޝަން، އަދަބިއްޔާތު، މަސްވެރިކަން، އައިސީޓީ، ދަތުރުފަތުރު އަދި އިޔާދަކުރަނިވި ހަކަތައިގެ ދާއިރާތަކުންވެސް ވަރަށް ގިނަ އަދަދެއްގެ މޮޅެތި އުފެއްދުންތައް ވަނީ މި ފަހަރުގެ މައުރަޒުގެ ތެރެއިން ފެނިގެންގޮސްފައިވެއެވެ.

މި މައުރަޒުގައި ދިވެހިންގެ ސަގާފީ އަދި އަތްތެރި މަސައްކަތްތަކުގެ މުއްސަނދިކަން ވަރަށް ފުރިހަމައަށް ދައްކުވައިދީފައިވެއެވެ. އެގޮތުން ކަސަބު ބޯވަޅު އެޅި ލިބާހާއި، ކުރަހަނިކަމާއި، ތިލޭރުކަމުގެ މަސައްކަތްތަކުގެ އިތުރުން ލިޔެލާޖެހުން ފަދަ ކާބަފައިންގެ ޒަމާންވީ ހުނަރުތަކުން އުފައްދާފައިވާ ތަކެއްޗާއި، ފަންނުވެރި ކުރެހުންތެރިންގެ މޮޅު އުފެއްދުންތައް މައުރަޒުން ފެނިގެންދިޔައެވެ. މީގެ އިތުރުން ދިވެހި ކާބޯތަކެތީގެ ސްޓޯލްތަކާއި، ކުންފުނިތަކުން ފޯރުކޮށްދޭ ތަފާތު ޚިދުމަތްތަކުގެ މަޢުލޫމާތު ފޯރުކޮށްދިނުމުގެ ސްޓޯލްތައްވެސް ވަނީ ކުރިއަށްގެންގޮސްފައެވެ.

މައުރަޒު ތަފާތު 7 ޑިސްޓްރިކްޓަކަށް ބަހާލައިގެން ކުރިއަށް ގެންދިޔައިރު، މައުރަޒުގައި ބައިވެރިވި ފަރާތްތަކުގެ ބަހަކަށްވެސް ބަލާލުން މުހިންމެވެ. އެގޮތުން މީގެކުރިން ވިޔަފާރިއެއްގެ ތެރެއަށް ނުވަންނަ ފަރާތްތަކުގެ އަމާޒަކީ މިފަދަ ފުރުސަތުތަކުގެ އެހީގައި ކޮންމެވެސް ވިޔަފާރިއެއް ކުރުމެވެ. އަދި މިހާރު ވިޔަފާރި ކުރާ ފަރާތްތަކުން އެ ވިޔަފާރިތައް އިތުރަށް ފުޅާކުރަން ބޭނުންވާއިރު، އެ ހުރިހާ ފަރާތްތަކެއްވެސް މިހާރު އެންމެ ބޮޑަށް އެދޭކަމަކީ، އެ ފަރާތްތަކުގެ މަސައްކަތްތަކަށް އެކަށީގެންވާ ރަނގަޅު މާކެޓެއް ހޯދުމެވެ. މިކަން މައުރަޒުން ހާސިލްވިކަން އެފަރާތްތަކުން ފާހަގަކުރެއެވެ.

"ވަރަށް ތަރުހީބު އޮވޭ. މިތަނަށް ބަލާލީމަވެސް އިނގޭނެ ދެއްތޯ ވަރަށް ބައިވަރު މީހުން އެބައުޅޭ. ދެން ހަމަ އެންމެންވެސް އައިސް ބުނޭ ޕްރޮޑަކްޓްސް ހަމަ ރީތިވާހަކަ." ވިޔަފާރިވެރިއަކު ބުންޏެވެ.

"އަޅުގަނޑު ބުނާނީ މިއީ ކުރަން ހަމަ ވަރަށް ރަނގަޅު ކަމެކޭ. މީގެ ސަބަބުން ޒުވާނުން މީގެތެރެއަށް ވަންނަން ފުރުސަތު ބޮޑުވެގެންދޭ. އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ހުނަރާއި މަސައްކަތް ހުރިހައި ޖީލަކަށް ދައްކާލެވޭ. މި މަސައްކަތް މިގޮތައް ދައްކާލުމުން މީގެ ތެރެއަށް ވަންނަން ބޭނުންވާ މީހުން ހުންނާނެ." އަތްތެރި މަސައްކަތްކުރާ ފަރާތަކުން ބުންޏެވެ.

މި މައުރަޒުގައި ދިވެހި އުފެއްދުންތައް ދައްކާލުމުގެ އިތުރުން ޝައުގުވެރި އެތައް ހަރަކާތްތަކެއް ވަނީ ކުރިއަށްގެންގޮސްފައެވެ. އެގޮތުން މައުރަޒަށް ޒިޔާރަތްކުރި ފަރާތްތަކުގެ މުނިފޫހިފިލުވުމަށް ގިނަ ހަރަކާތްތަކެއް ހިމަނާފައިވާއިރު، ކުޑަކުދިންނާއި ޒުވާނުން ޝައުޤުވެރިވާ ފަދަ ކުޅިވަރުތައް ވަނީ ކުރިއަށްގެންގޮސްފައެވެ. އަދި މި މައުރަޒުގެ ތެރެއިން އެންމެ ބޮޑު މަޤްބޫލުކަމެއް ހޯދީ ބޮޑުބެރު ޗެލެންޖު އަދި ސަޤާފީ ވާދައެވެ.

މިދިޔަ މަހުގެ 25ވަނަ ދުވަހު ފެށުނު ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަރަށް ގިނަ ޢަދަދެއްގެ އާންމު ރައްޔިތުންނާއި، އަދި ރާއްޖެއަށް ޒިޔާރަތްކުރާ ބޭރުގެ ފަތުރުވެރިންވެސް ވަނީ ޒިޔާރަތްކޮށްފައެވެ. އަދި މައުރަޒު ކުރިއަށްދާ ސަރަޙައްދަށް ގިނަ އަދަދެއްގެ އާއިލާތަކާއި ޒުވާނުން ޖަމާވެ، އެކި ސްޓޯލްތަކުގައި ހުރި ދިވެހި އުފެއްދުންތައް ބަލައިލުމުގެ އިތުރުން ތަފާތު ހަރަކާތްތަކުގައި ވަރަށް ފޯރިއާއެކު ބައިވެރިވެފައިވެފައިވާކަންވެސް ފާހަަގަކޮށްލެވެއެވެ. މިފަދަ ހަރަކާތްތަކާއެކު މައުރަޒަށް ޒިޔާރަތްކުރާ ފަރާތްތަކުގެ މެދުގައި ބޮޑު މަގުބޫލުކަމެއް ވަނީ ލިބިގެންގޮސްފައެވެ.

"އަދި މިހާ ބޮޑު މައުރަަޒަކަށް ހަޔާތުގައިވެސް ނުދަން. ވަރަށް ސަޅި މިތަން. ކޮންމެ އުމުރެއްގެ މީހަކަށްވެސް ކުރެވޭނެ ކަންތައްތައް އެބަހުރި. އަދި ވަރަށް ސަޅި އަސްލު އެކި ކަހަލަ ކަންތައްތައް މައުރަޒުގެ ތެރެއިން ކުރިއަށްދާތީ. އޭގެތެރެއިންވެސް އަޅުގަނޑަަށް ވަރަށް ބޮޑަށް ކަމުދިޔަ ބޮޑުބެރު އަދި ނެށުމުގެ ހަރަކާތްތައް،" މައުރަޒަށް ޒިޔާރާތްކުރި މީހަކު ޕީއެސްއެމް ނިއުސްއަށް ކިޔައިދިނެވެ.

މިއީ، އުފެއްދުންތެރިކަމުގެ ދާއިރާއަށް އަމާޒުކޮށްގެން ރާއްޖޭގައި ބޭއްވި އެންމެ ބޮޑު މައުރަޒަށްވާއިރު، މިއަހަރުގެ މައުރަޒަށް 205،000އަށްވުރެ ގިނަ މީހުން ވަނީ ޒިޔާރާތްކޮށްފައެވެ. މިއީ ދުވާލެއްގެ މައްޗަށް 41،000އެއްހާ މީހުން ކަމަށް ސަރުކާރުން ވިދާޅުވިއެވެ. އެހެންކަމުން މިއީ ވިޔަފާރިތަކަށް ފަތުރުރިކަމުގެ ޚިދުމަތްދޭ ފަރާތްތަކަށް އެ ޚިދުމަތްތައް މާކެޓްކުރުމަށާއި، އައު ކަސްޓަމަރުންނާއި އިންވެސްޓަރުން ހޯދުމަށް ލިބިގެންދިޔަ ރަނގަޅު ފުރުސަތެއްގެ ގޮތުގައި އިޤުތިޞާދީ ވަޒީރު މުޙައްމަދު ސަޢީދުވެސް ފާހަގަކުރެއެެވެ.

"މައުރަޒަށް އެއްޗެއް ދަންނަވާކަމުގައިވަންޏާ މައުރަޒު ވަރަށް ކާމިޔާބު. އަޅުގަނޑުމެންނަށް ވަރަށް ގިނަ ރިކުއެސްޓުތައްވެސް އައި މުއްދަތު އިތުރު ކޮށްދިނުމަށާއި، އިތުރު ދުވަސް މިކަމުގައި ހޭދަކޮށްދިނުމަަށް. މާނައަކީ މިތަނުން މިކަން ހުއްޓާނުލަން. އެހެންނަމަވެސް ކޮންމެވެސް މުއްދަތަކަށް މިކަންވެސް ބޭއްވޭނީ. މި ހުރިހާ ކަމަކުން މި އެނގިގެންދަނީ މީގެ ކާމިޔާބީ." ވަޒީރު ސަޢީދު ވިދާޅުވިއެވެ.

މި މައުރަޒަށް ޖުމްލަ ގޮތެއްގައި ބަލާއިރު، މިއީ ރާއްޖޭގެ އެކި ފަންތީގެ ވިޔަފާރިތަކަށް ލިބިގެންދާ ވަރަށް ބޮޑު އިޤުތިޞާދީ ފުރުޞަތެކެވެ. ޚާއްޞަކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ ދާއިމީ ކަސްޓަމަރުން ހޯދުމަށާއި، އުފެއްދުންތައް ތައްޔާރުކުރުމަށް ބޭނުންވާ ރޯމެޓީރިއަލް ފަސޭހައިން ލިބޭނެ ގޮތްތައް މަގުފަހިވެގެން ދިއުމަކީ މި މައުރަޒުގެ ސަބަބުން ލިބިގެންދިޔަ ވަރަށް އަގުހުރި ފައިދާއެކެވެ.