ޚަބަރު

ބަލިވީ ފުރަތަމަ ހާފުގައި ހެދުނު ގޯސްތަކުން: ސޮލާނޯ


  • ޕާކިސްތާނުން އިތުރު ވަގުތުގައި 2 ގޯލް ޖެހި

  • އިންޑިއާ މެޗު ކާމިޔާބުކުރީ 3-2

ސާފް ޗެމްޕިއަންޝިޕް 2026 ގެ ފުރަތަމަ މެޗުގައި އިންޑިއާ އަތުން ބަލިވީ، ފުރަތަމަ ހާފުގައި ހެދުނު ގޯސްތަކުން ކަމަށް ޕާކިސްތާނުގެ ކޯޗު ނޮލްބާޓޯ ސޮލާނޯ ބުނެފިއެވެ.

ޑާކާ ނެޝަނަލް ސްޓޭޑިއަމްގައި ބުރާސްފަތި ދުވަހު ކުޅުނު މެޗުން އިންޑިއާ އަތުން ޕާކިސްތާނު ބަލިވީ 3-2 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި އިންޑިއާ އިން ޖެހި ތިން ލަނޑު ވެސް އެ ޓީމުން ކާމިޔާބުކުރީ ފުރަތަމަ ހާފުގައެވެ.

މި މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ސޮލާނޯ ބުނީ މެޗަށް ޕާކިސްތާން ޓީމަށް ވަދެވުނުލެއް ލަސްވި ކަމަށެވެ. އަދި މެޗުގެ ފެށުން ދިޔައީ ގޯސްކޮށް ކަމަށް ސޮލާނޯ ފާހަގަކުރިއެވެ.

ސޮލާނޯ ބުނީ ފުރަތަމަ ހާފުގައި ޕާކިސްތާނު ޓީމުން ފެށުން ގޯސްވުމުން އިންޑިއާއިން އޭގެ ފައިދާ ނަގައި ތިން ލަނޑު ޖެހި ކަމަށެވެ. އެކަމަކު ދެވަނަ ހާފުގައި ޕާކިސްތާނު ޓީމުން ރަނގަޅަށް ކުޅުނުކަން ސޮލާނޯ ފާހަގަކުރިއެވެ.

މީގެ އިތުރުން ސޮލާނޯ ބުނީ މި ފަހަރުގެ މުބާރާތުގެ އިންތިޒާމުތައް ދަށް ކަމަށެވެ. އަދި ޓީމު ބަންގްލަދޭޝްއަށް އައުމާއެކު އުނދަގޫތަކާ ކުރިމަތިވިކަން ސޮލާނޯ ފާހަގަކުރިއެވެ.

ސޮލާނޯ ބުނީ ބަންގްލަދޭޝްއަށް ޓީމު އައިތަނުން ބައެއް ކުޅުންތެރިންނާ އޮފިޝަލުންގެ ޝޫޓް ކޭސްތައް ގެއްލުނު ކަމަށެވެ. އަދި އޭގެ ސަބަބުން އެންމެ ރަނގަޅު މާހައުލެއްގައި މެޗަށް ތައްޔާރުވާން ފުރުސަތު ނުލިބޭކަމަށް ސޮލާނޯ ބުންޏެވެ.

ފުރަތަމަ މެޗުން އިންޑިއާ އަތުން ބަލިވުމުން ޕާކިސްތާނުން ގްރޫޕް ސްޓޭޖުގައި ކުޅޭ ދެވަނަ މެޗުން މޮޅުވާން ވަނީ މަޖުބޫރުވެފައެވެ. މި މަހުގެ އަށްވަނަ ޕާކިސްތާނުން ނުކުންނާނީ ރާއްޖެއާ ދެކޮޅަށެވެ.

އެ މެޗާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ސޮލާނޯ ބުނީ ރާއްޖޭގެ ކުޅުން ކޮންމެސްވަރަކަށް އެނގޭ ކަމަށެވެ.