ބަންގްލަދޭޝްގެ ޑާކާގައި ބުރާސްފަތި ދުވަހު ފެށި ސާފް ޗެމްޕިއަންޝިޕް 2026 ގެ ފުރަތަމަ މެޗުގައި ޕާކިސްތާން އަތުން 3-2 ގެ ނަތީޖާއަކުން މޮޅުވިޔަސް ނަތީޖާއާ މެދު މާޔޫސްވާ ކަމަށް އިންޑިއާގެ ކޯޗު ނައުޝާދު މޫސާ ބުނެފިއެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި އިންޑިއާ އިން ވަނީ ތިން ގޯލު ޖަހައިފައެވެ. އެކަމަކު މެޗު ނިމެން ކައިރިވެފައި ހުއްޓައި ޕާކިސްތާނުން ވަނީ ދެ ގޯލު ޖަހައި ފަރަގު ކުޑަކޮށްފައެވެ.
ނައުޝާދު ބުނީ މި މެޗުގައި އިންޑިއާއަށް ލަނޑު ޖަހަން ގިނަ ފުރުސަތުތަކެއް ލިބުނު ކަމަށެވެ. އެކަމަކު އެ ފުރުސަތުތަކުގެ ބޭނުން އިންޑިއާ އަށް ނުހިފުނު ކަމަށް ނައުޝާދު ބުނިއެވެ.
ނައުޝާދު ބުނީ މެޗުގެ ފަހު ވަގުތު ދެ ގޯލު އިންޑިއާ ކޮޅަށް ވަދެގެން މާޔޫސް ނުވާ ކަމަށެވެ. އެކަމަކު ވަން ދެ ގޯލު ވަން ގޮތާމެދު މާޔޫސްވާ ކަމަށާއި، މެޗުގެ ފަހު ވަގުތު އިންޑިއާގެ ކޮންސަންޓްރޭޝަން ގެއްލުނު ކަމަށެވެ. އެކަމަކު މި މޮޅަކީ އުނދަގޫވާނެކަމަށް ބަލައިގެން އައި މެޗަކުން ލިބުނު މޮޅެއް ކަމުން އެ ހިތްހަމަ ޖެހުން އެބައޮތް ކަމަށް ނައުޝާދު ބުންޏެވެ.
މި މެޗުގައި އިންޑިއާ ޓީމުގެ ސްކޮޑުގައި ތިބީ 18 ކުޅުންތެރިންނެވެ. އެކަމަކު އިންޑިއާގެ ދެވަނަ މެޗަށް މުޅި ސްކޮޑު ހަމަވާނެ ކަމަށް ނައުޝާދު ބުންޏެވެ.
އިންޑިއާ އިން މި މުބާރާތުގައި ކުޅޭ ދެވަނަ މެޗުގައި މި މަހުގެ 11 ވަނަ ދުވަހު ނުކުންނާނީ ރާއްޖެއާ ދެކޮޅަށެވެ.
އިންޑިއާ އަކީ ސާފް ޗެމްޕިއަންޝިޕުގެ އެންމެ ކާމިޔާބު ޓީމެވެ. އެ ޓީމުން ނުވަ ފަހަރު ސާފް ވަނީ ކާމިޔާބުކޮށްފައެވެ. އަދި އެންމެ ފަހުން 2023 ވަނަ އަހަރު އިންޑިއާގެ ބެންގަލޫރުގައި ބޭއްވި މުބާރާތުގެ ޗެމްޕިއަން ޓީމަކީ ވެސް އިންޑިއާއެވެ.