ކުޑަކުދިންނަށް ޚާއްސަކޮށްގެން ފެންވަރު ރަނގަޅު ފުޓުބޯޅަ ތަމްރީނުތަކެއް ދިނުމުގެ މަޤްޞަދުގައި، މަޝްހޫރު 'ކޭމްޕިއޯނީ ސޮކަރ އެކެޑަމީ' އިން ރާއްޖޭގެ 'ކުރަމަތި މޯލްޑިވްސް' ރިސޯޓާ ގުޅިގެން ޚާއްސަ ފުޓުބޯޅަ ކޭމްޕެއް ހިންގަން ފަށައިފިއެވެ.
ދުނިޔޭގެ ފަތުރުވެރިކަމުގެ އެންމެ ބޮޑު އެއް ފެއަރ ކަމަށްވާ ވާރލްޑް ޓްރެވަލް މާކެޓް (އޭ.ޓީ.އެމް) ގައި މި އެކެޑަމީގެ ފަރާތުން ވަނީ މި ޕްރޮގްރާމާ ގުޅޭ މުހިންމު މަޢުލޫމާތުތަކެއް ޙިއްޞާކޮށްފައެވެ.
މިއީ ރިސޯޓުގައި ޗުއްޓީ ހޭދަކުރާ 4 އަހަރާއި 16 އަހަރާ ދެމެދުގެ ކުޑަކުދިންނަށް އަމާޒުކޮށްގެން ހިންގާ ޕްރޮގްރާމެކެވެ.
ކުދިންނަށް ފަސޭހަ ވާނެހެން ކޮންމެ ދުވަހެއްގެ ހަވީރުގެ ވަގުތުތަކުގައި 2 ގަޑިއިރުގެ ޕްރެކްޓިސް ސެޝަންތައް ކުރިއަށް ގެންދާނެއެވެ.
މި ތަމްރީނުތަކަކީ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އެންޑީ ކޯލް ފަދަ ލެޖެންޑުންގެ ބައިވެރިވުމާއި އިރުޝާދުގެ ދަށުން އެކުލަވާލާފައިވާ، ޕްރޮފެޝަނަލް ފެންވަރުގެ ސެޝަންތަކެކެވެ. މިއީ ކުދިންނަށް ޕްރޮފެޝަނަލް ފުޓްބޯޅަ ތަމްރީނުތަކުގެ ފައިދާ ލިބިގެންދާނެ ފުރުޞަތެކެވެ.
ކުރަމަތި މޯލްޑިވްސް އަކީ ރާއްޖޭގެ އެންމެ ބޮޑު އެއް ރިސޯޓަށްވާއިރު، އެ ރިސޯޓުގައި އާއިލާތަކަށް ބޭނުންވާ ފެންވަރު ރަނގަޅު ވަސީލަތްތަކާއި، ފުޓްބޯޅަ ކުޅުމަށް ރަނގަޅު ފެންވަރުގެ ދަނޑެއް ގާއިމުކޮށްފައިވުމަކީ މި ކޭމްޕަށް އެ ރަށް ހިޔާރުކުރި މައިގަނޑު ސަބަބެއްކަމަށް ކޭމްޕިއޯނީ ސޮކަރ އެކެޑަމީ އިން މައުލޫމާތުދިނެވެ.
މީގެ އިތުރުން، އެ ރަށުގެ ހިތްގައިމު ގުދުރަތީ މާހައުލަކީ ކުދިންނަށް ކުޅިވަރާ އެކު އުފާވެރި ޗުއްޓީއެއް ހޭދަކުރުމަށް އެންމެ އެކަށީގެންވާ މާހައުލުކަންވެސް ކޭމްޕިއޯނީ ސޮކަރ އެކެޑަމީގެ ޑިރެކްޓަރ ހޭލީ ކޮމަރފޯޑް ފާހަގަކުރިއެވެ.
މި ޕްރޮގްރާމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ކުރީގެ މަޝްހޫރު ފުޓްބޯޅަ ލެޖެންޑް އެންޑީ ކޯލް ވަނީ ރާއްޖެއަށް އަލުން އާދެވޭތީ އުފާކުރާ ކަން ފާހަގަކޮށް، ރާއްޖެއަކީ އަރާމުކޮށްލައި، ހިތްހަމަޖައްސާލުމަށް ލިބޭ ވަރަށް ޚާއްސަ އަދި ރީތި މަންޒިލެއް ކަން ފާހަގަކޮށްފައެވެ. އަދި ރިސޯޓުތަކަކީ ފޫހި ތަނެއް ކަމަށް ބައެއް މީހުން ހީކުރި ނަމަވެސް، ޙަޤީޤަތުގައި އެއާ ޚިލާފަށް އެތަނުގައި ކުދިންނަށް ކުރުމަށް ގިނަ ކަންތައްތަކެއް ހުންނާނެ ކަންވެސް އެންޑީ ކޯލް ފާހަގަކުރިއެވެ.