ޚަބަރު

އިލެކްޓްރިކް އުޅަނދުފަހަރު މަރާމާތުކުރުމަށް ފަންނީ އެއްބަސްވުމެށް


  • އުޅަނދުތައް ދިގުމުއްދަތަކަށް ބެލެހެއްޓުމަށް ބޭނުންވާ ފަންނީ ދިވެހިން ބިނާކުރާނެ

  • ދަތުރުފަތުރުގެ ވަސީލަތްތައް ދިގު މުއްދަތަކަށް ދެމެހެއްޓެނިވި ގޮތުގައި ބޭނުންކުރެވޭނެ

ރާއްޖޭގައި އިލެކްޓްރިކް އުޅަނދުފަހަރާއި ޗާޖުކުރާ ސްޓޭޝަންތައް މަރާމާތުކޮށް ބެލެހެއްޓުމުގެ ފަންނީ ގާބިލުކަން އިތުރުކުރުމަށް އެއްބަސްވުމެއް އެކުލަވާލައިފިއެވެ.

މި އެއްބަސްވުން އެކުލަވާލާފައިވަނީ މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއާއި އިގުތިސާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއާއި ދެމެދުއެވެ.

ތިމާވެއްޓާއި ބެހޭ ވުޒާރާއިން ވިދާޅުވީ މި އެއްބަސްވުމަކީ ރާއްޖޭގައި ތިމާވެއްޓާ ރައްޓެހި އަދި ދެމެހެއްޓެނިވި ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރުމަށް ކުރެވޭ މަސައްކަތަށް ލިބިގެންދިޔަ މުހިންމު ކުރިއެރުމެއްކަމަށެވެ. މި އެއްބަސްވުމުގެ ދަށުން، ރާއްޖޭގެ ކަމާބެހޭ ދާއިރާތަކުގައި މަސައްކަތްކުރާ ފަންނީ މުވައްޒަފުންނަށް އިލެކްޓްރިކް އުޅަނދުފަހަރާއި ޗާޖިންގ ސްޓޭޝަންތައް މަރާމާތުކޮށް ބެލެހެއްޓުމުގެ ހާއްސަ ތަމްރީނުތަކެއް ހޯދުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

މި މަސައްކަތުގެ މައިގަނޑު މަގުސަދަކީ، ޖީ.އީ.އެފް ގެ އެހީގައި ކުރިއަށްގެންދާ "އިންޓަގްރޭޓެޑް، ސަސްޓެއިނަބަލް އެންޑް ލޯ އިމިޝަންސް ޓްރާންސްޕޯޓް އިން ދަ މޯލްޑިވްސް" މަޝްރޫއުގެ ދަށުން ފޯރުކޮށްދީފައިވާ އިލެކްޓްރިކް ބަސްތަކާއި އެހެނިހެން އުޅަނދުތައް ދިގުމުއްދަތަކަށް ބެލެހެއްޓުމަށް ބޭނުންވާ ފަންނީ ދިވެހިން ބިނާކުރުމެވެ. މިއީ ރާއްޖޭގައި ތިމާވެށި ރައްކާތެރިކުރުމަށާއި، ދަތުރުފަތުރުގެ ދާއިރާއިން ދޫކުރާ ވިހަ ގޭސްތައް މަދުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މުހިންމު ފިޔަވަޅެކެވެ.

ހަމައެއާއެކު، ކުރިމަގުގައި ތިމާވެއްޓާ ރައްޓެހި ދަތުރުފަތުރުގެ ނިޒާމުތައް ކުރިއެރުވުމަށް ބޭނުންވާ ގާބިލުކަން މި މަސައްކަތުގެ ތެރެއިން ވަރުގަދަވެގެންދާނެކަމަށް ވުޒާރާއިން ފާހަގަކުރިއެވެ. މި އެއްބަސްވުމުގެ ސަބަބުން، ރާއްޖޭގައި ތިމާވެއްޓާ ރައްޓެހި ދަތުރުފަތުރުގެ ވަސީލަތްތައް ދިގު މުއްދަތަކަށް ދެމެހެއްޓެނިވި ގޮތުގައި ބޭނުންކުރުމަށް މަގުފަހިވެގެންދާނެކަމަށް ސަރުކާރުން ފާހަގަކުރައްވައެވެ.