ވިޔަފާރި

އޮކްޓޯބަރުމަހު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިން އިތުރުވެއްޖެ


2015 ވަނަ އަހަރުގެ އޮކްޓޯބަރުމަހާ އަޅާބަލާއިރު، މިއަހަރުގެ އޮކްޓޯބަރުމަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު އިތުރުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުގެ މައްޗަށް ބިނާކުރައްވައި އެމްއެމްއޭއިން ނެރުއްވި ނޮވެމްމަރު މަހުގެ އިޤްތިޞާދީ މުރާޖަޢާ ރިޕޯޓްގައިވާ ގޮތުގައި ދެހާސް ފަނަރަވަނަ އަހަރުގެ އޮކްޓޯބަރު މަހާ އަޅާބަލާއިރު، މިއަހަރުގެ އޮކްޓޯބަރުމަހު ދިވެހިރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ މިންވަރު އެގާރަ އިންސައްތަ ވަނީ އިތުރުވެފައެވެ. މި ރިޕޯޓްގައިވާ ގޮތުން މިއަހަރުގެ އޮކޮޓޯބަރުމަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަކީ ސަތޭކަ ސަތާރަހާސް ހަތަރުސަތޭކަ އަށްޑިހަ ނުވައެކެވެ. މި ރިޕޯޓަށް ބަލާއިރު، މިއަހަރުގެ އޮކްޓޯބަރުމަހު ފަތުރުވެރިން ހޭދަކުރި ރޭގެ އަދަދު ވަނީ ފަހެއް އިންސައްތަ އިތުރުވެފައެވެ.

އަހަރުން އަހަރަށް ބަލާއިރު، އޮކްޓޯބަރުމަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވެފައިވަނީ ޔޫރަޕްގެ ޤައުމުތަކުން ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވުމުންނެވެ. ނަމަވެސް މި މުއްދަތުގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގެ އެންމެބޮޑު މާރކެޓް، ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ދަށަށްގޮސްފައިވާކަމަށް މި ރިޕޯޓްގައި ފާހަގަކުރައްވާފައިވެއެވެ.

ރާއްޖޭގައި ފަތުރުވެރިން ހޭދަކުރި މުއްދަތަށް ބަލާއިރު، ދެހާސް ފަނަރަވަނަ އަހަރުގެ އޮކްޓޯބަރުމަހު ފަހެއް ޕޮއިންޓް އަށެއް ދުވަހުގައި ހުރުމަށްފަހު، މިއަހަރުގެ އޮކްޓޯބަރުމަހު އެއަދަދު ވަނީ ފަހެއް ޕޮއިންޓް ފަހެއް ދުވަހަށް ދަށްވެފައެވެ. ނަމަވެސް މި މުއްދަތުގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާގައި ބޭނުންކުރެވެން ހުރި އެނދުގެ އަދަދު އިތުރުވެ އޮކިއުޕެންސީ އިތުރުވެފައިވާކަމަށް އެމްއެމްއޭގެ ރިޕޯޓްގައި ވަނީ ފާހަގަކުރައްވާފައެވެ.

ކުރިއަށް އޮތީ ރާއްޖޭގެ ފަތުރުވެރިކަމުގެ ހައި ސީޒަންކަމަށްވުމުން، މިދުވަސްތަކުގައި ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެގެންދާނޭކަމަށް މި ސިނާޢަތުގައި ޙަރަކާތްތެރިވާ ފަރާތްތަކުން ވިދާޅުވެއެވެ. މިއަހަރުގެ ޓޫރިޒަމް ހައިސީޒަނާ ދިމާކޮށް ބައިނަލްއަޤްވާމީ ބޮޑެތި އެއަރލައިންތަކުން ރާއްޖެއަށް ޗާޓަރ ދަތުރުތައް އިތުރުކޮށް، ފްލައިޓްތަކުގެ ސީޓްތައް އިތުރުކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.