ކޮންމެ އަހަރެއްގެ ޑިސެމްބަރ މަހުގެ 9ވަނަ ދުވަސް ފާހަގަކުރަމުންދަނީ ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަހުގެ ގޮތުގައެވެ. މިއަހަރުގެ އެންޓި ކޮރަޕްޝަން ދުވަހުގެ ޝިއާރަކީ ރައްކާތެރިކަމާ ހަމަޖެހުމާ ތަރައްޤީއަށް އެންމެން ކޮރަޕްޝަނާ ދެކޮޅަށް، މިޝިއާރެވެ.
ބައިނަލްއަޤްވާމީ އެންޓިކޮރަޕްޝަން ދުވަހެއް ފާހަގަކުރުމަށް އެންމެ ފުރަތަމަ ނިންމީ 2003 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 31ވަނަ ދުވަހު ބޭއްވި އދ. ޖެނެރަލް އެސެމްބްލީއެއްގައެވެ. އެ ޖަލްސާއިން ފާސްކުރެއްވީ ކޮންމެ އަހަރެއްގެވެސް ޑިސެމްބަރ މަހުގެ 9 ވަނަ ދުވަހަކީ ބައިނަލްއަޤްވާމީ އެންޓި ކޮރަޕްޝަން ދުވަސް ކަމަށެވެ.
ބައިނަލްއަޤްވާމީ އެންޓިކޮރަޕްޝަންގެ ދުވަސް މިއަދު ފާހަގަކުރާއިރު، ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، ކޮންމެ އަހަރަކުވެސް ރިޝްވަތުގެ ގޮތުގައި، އެއް ޓްރިލިއަން ޑޮލަރު އަންނަނީ ހޭދަކުރަމުންނެވެ. އަދި ކޮރަޕްޝަން މެދުވެރިކޮށް އަހަރަކު 2.6 ޓްރިލިއަން ޑޮލަރު ގެއްލިގެންދާނެ ކަމަށްވެސް ތަފާސް ހިސާބުތަކުން ދައްކައެވެ. އެއީ ދުނިޔޭގެ ޖީޑީޕީގެ ރޭޓުން ބަލާނަމަ 5 އިންސައްތަ ވުރެ ގިނަ ޢަދަދެކެވެ. ޔޫއެންޑީޕީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ކުރިއަރަމުން އަންނަ ޤައުމުތަކުން ކޮރަޕްޝަނުގެ ގޮތުގައި، ގެއްލޭ ފައިސާ އަކީ އެ ޤައުމުތަކުގެ ތަރައްޤީއަށް ލިބޭ ފައިސާގެ އެހީއަށްވުރެ، 10 ގުނަ އިތުރު ޢަދަދެކެވެ. ކޮރަޕްޝަނުގެ ވަބާއަކީ ކޮންމެ މުޖުތަމަޢުއެއްގެވެސް އިޖުތިމާޢީ އަދި އިޤްތިސާދީ ކުރިއެރުމަށް ހުރަސްއަޅާ ކަމަކަށްވާއިރު މި ވަބާއިން އިސްތިސްނާވާ އެއްވެސް ޤައުމެއް މުޖުތަމަޢެއް އަދި ސަރަޙައްދެއްވެސް ނެތްކަން ފާހަގަކޮށްލެވެއެވެ.
ދުނިޔޭގެ ޤައުމުތަކުން ކޮރަޕްޝަނުގެ ނައްތާލުމަށް އެކި ފެންވަރުގައި އެކި ފަރާތްތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ތަޢުލީމާ ސިއްޚަތާއި ޑިމޮކްރަސީއާ އަދުލު އިންސާފާއި ތަރައްޤީއާ ތަހުޒީބަށް އަމާޒުކޮށް ޔުނައިޓެޑް ނޭޝަންސް އޮފީސް އޮންޑްރަގްސް އެންޑް ކްރައިމް، ޔޫއެންއޯޑީސީ އަދި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް، ޔޫއެންޑީޕީ ގުޅިގެން މިއަހަރުގެ ތެރޭގައި ވަނީ ޚާއްސަ ކެމްޕެއިނެއް ފަށާފައެވެ. ގުޅިފައިވާ ބައިނަލްއަޤުވާމީ މި ކެމްޕެއިންގައި ކޮރަޕްޝަނަށް ބޮޑަށް އަލިއަޅުވާލާފައި ވަނީ ކޮރަޕްޝަނަކީ ދެމެހެއްޓެނެވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާސިލް ކުރުމަށް ހުރި އެންމެ ބޮޑު ހުރަސް ކަމުގައި ދެކިގެންނެވެ.
ބައިނަލްއަޤްވާމީ އެންޓިކޮރަޕްޝަންގެ ދުވަސް މިއަދު ފާހަގަކުރަމުންދާއިރު، ރާއްޖެއިން ވެސް އަންނަނީ ކޮރަޕްޝަންގެ ވަބާއިން މި މުޖުތަމަޢު ސަލާމަތް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ކުރީގެ ރައީސް މަޢުމޫން ޢަބްދުލް ޤައްޔޫމްގެ ވެރިކަމުގެ ތެރޭގައި 2000 ވަނަ އަހަރު ވަނީ ކޮރަޕްޝަން ހުއްޓުވާ މަނާ ކުރުމުގެ ޤާނޫނެއް ފާސްކުރައްވާ ރާއްޖެއިން ކޮރަޕްޝަން ނައްތާލުމަށް މަސައްކަތްތަކެއް ކުރައްވަން ފައްޓަވާފައެވެ. އަދި އޭގެ 8 އަހަރު ފަހުން 2008 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 16 ވަނަ ދުވަހު އެންޓި-ކޮރަޕްޝަން ކޮމިޝަނެއް އުފައްދާ ޤާނޫނެއްގެ ދަށުން މިނިވަން މުސްތަޤިއްލު މުޢައްސަސާއެއް ވެސް ކޮރަޕްޝަން ހުއްޓުވުމަށް ވަނީ އުފައްދަވާފައެވެ.
މި ކޮމިޝަން ވުޖޫދުވެ އެއް ދައުރު ފުރިހަމަ ކުރުމަށްފަހު މިހާރު ގުނަމުން ދަނީ އެ ކޮމިޝަނުގެ 2 ވަނަ ދައުރުކަން ފާހަގަކޮށްލެވެއެވެ. އެންޓި ކޮރަޕްޝަން ކޮމިޝަނަކީ ކޮރަޕްޝަނާ ގުޅޭ ހުރިހާ މައްސަލަތައް ބަލާ ތަހުގީގު ކުރުމުގެ ބާރު ޤާނޫނު ލިބިދީފައިވާ ކޮމިޝަނަކަށްވާއިރު އެ ކޮމިޝަނުގެ ފުރަތަމަ ކުއާޓަރގެ ތެރޭގައި އެކަނިވެސް 219 މައްސަލައެއް ރަޖިސްޓްރީ ކުރައްވާފައިވެއެވެ. އޭގެ ތެރެއިން އެ ކޮމިޝަނުން ބަލަން ނިންމީ 212 މައްސަލައެވެ.
އެ މައްސަލަތަކުގެ ތެރޭގައި ވަޒީފާއާ ގުޅޭ 21 މައްސަލައެއް ހިމެނޭއިރު ޕްރޮކިއުމަންޓާ ގުޅޭ 57 މައްސަލައެއް ވަނީ އެ ކޮމިޝަނުގައި ރަޖިސްޓްރީ ކުރެވިފައެވެ. ގޯތި ގެދޮރާއި ގުޅޭ 8 މައްސަލައެއް ރަޖިސްޓްރީ ކޮށްފައިވާއިރު ކުއްޔަށް ދޫކުރާ ތަންތަނާ ގުޅޭ 8 މައްސަލައެއް ރަޖިސްޓްރީ ކުރެވިފައިވެއެވެ. ކުއްޔަށް ދޫކުރެވޭ ރަށްތަކުގެ ގޮތުގައި 3 މައްސަލައެއް ރަޖިސްޓްރީ ކުރައްވާފައިވާއިރު އެހެނިހެން މައްސަލަތަކުގެ ގޮތުގައި 86 މައްސަލައެއް ރަޖިސްޓްރީ ކުރެވިފައިވެއެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަނުގެ މިއަހަރުގެ ފުރަތަމަ ކުއާޓަރގެ ތެރޭގައި އެ ކޮމިޝަނަށް ހުށަހެޅި އަދި ރަޖިސްޓްރީ ކުރެވުނު މައްސަލަތަކުގެ ތެރެއިން 211 މައްސަލައަކީ އެ މައްސަލަތަކުގައި ކޮރަޕްޝަނުގެ ޢަމަލެއް ހިމެނިފައި ނުވާ މައްސަލަތައް ކަމަށް އެކޮމިޝަންގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އަދި ކޮރަޕްޝަނުގެ މައްސަލައެއް ހިމެނި، ޕްރޮސިކިއުޓަރ ޖެނެރަލް، ޕީޖީ އޮފީހަށް ދެ މައްސަލައެއް ފޮނުއްވާފައިވެއެވެ.
ކޮރަޕްޝަނަށް އާންމު ރައްޔިތުން ހޭލުންތެރި ކުރުމުގެ ގޮތުން ތަފާތު އެތައް ވޯކްޝަޕްތަކާ ޓްރެއިނިންގ ޕްރޮގްރާމްތައް އެންޓި ކޮރަޕްޝަން ކޮމިޝަނުން ހިންގަމުން އަންނަކަން ފާހަގަކޮށްލެވެއެވެ. އެންޓި-ކޮރަޕްޝަން ކޮމިޝަން، އޭސީސީގެ މަސްއޫލިއްޔަތުގެ ތެރޭގައި ދައުލަތުގެ ފައިސާ ނަހަމަގޮތުގައި ބޭނުންކޮށްފައިވާ ފަރާތްތަކުގެ މައްސަލަތައް ބަލާ އެ ފައިސާ ދައުލަތަށް އަނބުރާ ހޯދުން ހިމެނޭއިރު މިފަހުގެ ތާރީޙެއްގައި ދައުލަތަށް ލިބެންޖެހޭ ފައިސާތައް ހޯދިފައިވާ ކަމަށް މީގެ ކުރީގެ އެއްވެސް ސަރުކާރަކުން ވިދާޅުވެފައެއް ނުވެއެވެ. ނަމަވެސް މި ސަރުކާރުން ވަނީ އެންޓިކޮރަޕްޝަން ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ނެރުނު ރިޕޯޓުތަކުގައި ފާހަގަކޮށްފައިވާ ދައުލަތުން ގެއްލުނު ފައިސާގެ ތެރެއިން 15 މިލިއަން ރުފިޔާ ދައުލަތަށް ހޯދާފައިވެއެވެ. އެހެންކަމުން ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަސް މިއަދު ފާހަގަކުރާއިރު މިއީ ލިބުނު ކާމިޔާބީއެއްކަން ފާހަގަކޮށްލެވެއެވެ.
މިއަދު ކޮންމެ ދިވެއްސަކު މަސައްކަތް ކުރަންވީ ދިވެހިންގެ މުޖުތަމަޢުންވެސް ކޮރަޕްޝަނުގެ ވަބާ ނައްތާލުމަށް މަސައްކަތް ކުރުމަށެވެ. މިއީ ކޮންމެ ފަރުދެއްގެ ޒިންމާއެއް ގޮތަށް ދެކި މި މައްސަލަ ޙައްލުކުރުމަށް ހުރިހާ ރައްޔިތުންވެސް އަތުކުރި އޮޅާލަންވީ ވަގުތެވެ. މިއަހަރުގެ ޝިއާރުގައިވާ ފަދައިން ދިވެހިންގެ މުޖުތަމައަކީވެސް ރައްކާތެރި ސުލްޙަމަސަލަސް ޤައުމަކަށް ހެދުމަށާއި، ސަރުކާރުން މި ޤައުމަށް ގެންނަމުންދާ ތަރައްޤީއަށް ކޮރަޕްޝަނަށް ނޫނެކޭ ބުނުމަކީ އަޅުގަނޑުމެން ކޮންމެ ދިވެއްސެއްގެވެސް އަޒުމަކަށް ހަދަމާތޯއެވެ.