ތަރައްްޤީ

ގެމަނަފުށި- މަސްވެރިކަމުގެ ނަމޫނާ ރަށެއް


ހުވަދުއަތޮޅު އުތުރުބުރީ ގެމަނަފުއްޓަކީ މަސްވެރިކަމަށް ރާއްޖޭގައި މަޝްހޫރު ރަށެކެވެ. އެރަށުގެ މަސްވެރިން އާންމުކޮށް ކޮށްއުޅޭ މަސްވެރިކަމަކީ ދޮށީގެ މަސްވެރިކަމެވެ.

ރަށުގެ ގިނަ ރައްޔިތުންގެ ދިރިއުޅުން ބަރޯސާވެފައިވަނީ މަސްވެރިކަމުން ލިބޭ އާމްދަނީގެ މައްޗަށެވެ. އެރަށުގައި މަސްވެރިކަން ކުުރުމަށް އެންމެ ޒަމާނީ ފެންވަރުގެ ބޮޑެތި ނުވަ ދޯނި އޮންނައިރު އެ ދޯނިފަހަރުގައި ބޭނުންކުރާ ވަސީލަތްތަކަކީ ރާއްޖޭގައި ބޭނުންކުރާ އެންމެ ޒަމާނީ ވަސީލަތްތަކެވެ. ކޮންމެ ދޯންޏެެއްގައި އެވްރެޖްކޮށް 20 މީހުން ހަރަކާތްތެރިވާއިރު މީގެތެރޭގައި ޒުވާނުން ގިނަކަން ފާހަގަކޮށްލެވެއެވެ.

ގެމަނަފުށީގެ މަސްވެރިން ބުނާގޮތުން މަސްނުބާނާ ދުވަސްވަރު އާމްދަނީ ނުލިބުނު ނަމަވެސް މުޅި އަހަރަށް ބަލާއިރު މަސްވެރިކަމުން އެވްރެޖްކޮށް ކޮންމެ މަހަކު 15 ހާހާއި ވިހި ހާހާ ދެމެދުގެ އަދަދެއްގެ އާމްދަނީއެއް ލިބެއެވެ. ގެމަނަފުށިން ޕީއެސްއެމްއާ ވާހަކަދެއްކި ކެޔޮޅުންނާއި އޮޑިވެރިންގެ އެންމެ ބޮޑު ޝަކުވާއަކީ މަސްކިރުމަށްފަހު ވަގުތުން ފައިސާ ނުލިބޭ މައްސަލައެވެ. މިގޮތުން ކޮންމެ ހަފްތާއަކު ފަޅުވެރިންގެ މެދުގައި ލާރި ބަހަންޖެހޭއިރު ދުވަހުން ދުވަހަށް މި ފައިސާ ނުލިބުމަކީ ވަރަށްބޮޑު ދައްޗެއްކަން އެމީހުން ފާހަގަކޮށްފައިވެއެވެ.

މީގެތުރުން ގެމަނަފުއްޓަކީ މަސްކެއްކުމާއި ރިހާކުރު ހެދުމުގައިވެސް ހުވަދުއަތޮޅުން އެންމެ ފާހަގަކޮށްލެވޭ އެއް ރަށެވެ. މަސް ހިއްކުމަށް ޚާއްސަ ސައިޓްތައް މިރަށުގައި ހުންނައިރު މި މަސައްކަތުންވެސް ރަނގަޅު އާމްދަނީއެއް ލިބޭކަމަށް ހިކިކަނޑުމަހުގެ ވިޔަފާރިކުރާ ފަރާތްތަކުން ބުނެއެވެ.

ގެމަނަފުށީގައި މަސްވެރިންގެ ކުރިއެރުމާއި ފައިދާއަށް ސަރުކާރުންވަނީ އެރަށުގައި އައިސްޕްލާންޓެއް ޤާއިމްކޮށްދެއްވާފައެވެ. މިޕްލާންޓްގެ މަސައްކަތް ނިންމާ އަންނަ އަންގާރަދުވަހު މި ޕްލާންޓްގެ ޚިދުމަތް ރަސްމީކޮށް ދޭން ފެށުމަށް މިހާރު ވަނީ ނިންމާފައެވެ. ގެމަނަފުށީގައި އައިސްޕްލާންޓެއް ޤާއިމްކުރެއްވުމުން އެކަންވެގެންދާނީ ގެމަފުށީގެ މަސްވެރިންގެ އިތުރުުން ހުވަދުއަތޮޅުގެ އެހެން މަސްވެރިންނަށްވެސް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމަކަށެވެ.