ޚަބަރު

ފިޝަރީޒް މިނިސްޓަރ، ޓެންޒޭނިއާ ފިޝަރީޒް މިނިސްޓަރާ ބައްދަލުކޮށްފި


ފިޝަރީޒް މިނިސްޓަރ ޑރ. މުޙައްމަދު ޝައިނީ، ޓެންޒޭނިއާގެ މިނިސްޓަރ އޮފް އެގްރިކަލްޗަރ، ނެޗްރަލް ރިސޯސަސް، ލައިވް ސްޓޮކް އެންޑް ފިޝަރީޒް ޙަމަދު ރާޝިދު މުޙައްމަދު އާއި ބައްދަލުކުރައްވައިފިއެވެ.

ރާއްޖޭގެ 36 ވަނަ މަސްވެރިންގެ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ޓެންޒޭނިއާގެ ފިޝަރީޒް މިނިސްޓަރ ރޭ ވަނީ ގެމަނަފުއްޓަށް ވަޑައިގެންފައެވެ. އެމަނިކުފާނު ގެމަނަފުއްޓަށް ވަޑައިގަތުމުން މަރުޙަބާ ވިދާޅުވީ ފިޝަރީޒް މިނިސްޓަރ ޑރ. މުޙައްމަދު ޝައިނީއާއި މަސްވެރިކަމުގެ ސިނާއަތުގެ ހަރަކާތްތެރިވާ އިސް ފަރާތްތަކުގެ އިތުރުން ގއ. އަތޮޅު ކައުންސިލް އަދި ގެމަނަފުށީ ކައުންސިލް މެމްބަރުންނެވެ. ޓެންޒޭނިއާގެ މިނިސްޓަރ ޙަމަދު ރާޝިދު މުޙައްމަދު އާއި ފިޝަރީޒް މިނިސްޓަރ ޑރ. މުޙައްމަދު ޝައިނީ ބައްދަލުކުރައްވާ މަޝްވަރާ ކުރައްވާފައިވެއެވެ.

ރޭ ގެމަނަފުށީ ކައުންސިލް އިދާރާގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ޓެންޒޭނިއާގެ ފިޝަރީޒް މިނިސްޓަރ ވަނީ ރާއްޖޭގައި ކުރާ ދޮށީގެ މަސްވެރިކަމަށް ތަޢުރީފް ކުރައްވާ މިކަމުގެ މަޢުލޫމާތު ހޯއްދަވާފައެވެ. އަދި ޓެންޒޭނިއާއަށް ދޮށީގެ މަސްވެރިކަން ތަޢާރަފް ކުރައްވަން ބޭނުންފުޅުވާ ކަމަށާއި މިކަމުގައި ރާއްޖޭގެ އެހީތެރިކަން ބޭނުންވާކަން ޙަމަދު ރާޝިދު ފާހަަގަކުރެއްވިއެވެ. މިކަމުގައި ރާއްޖެއިން ވެދެވެން އޮތް ހުރިހާ އެހީތެރިކަމެއް ވެދެއްވާނެކަމުގެ ޔަޤީންކަން ފިޝަރީޒް މިނިސްޓަރ ޑރ. މުޙަައްމަދު ޝައިނީ، ޓެންޒޭނިއާގެ ފިޝަރީޒް މިނިސްޓަރަށް ދެއްވިއެވެ. މީގެއިތުރުން ސަރަޙައްދީ ބައްދަލުވުންތަކުގައި ރާއްޖެއިން ހުށައަޅާ ކަންކަމަށް ޓެންޒޭނިއާގެ އެހީތެރިކަން ބޭނުންވާކަން މިނިސްޓަރ ޑރ.ޝައިނީ ފާހަގަކުރެއްވިއެވެ.