2016 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ ނިއަލަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު، އޭގެ ކުރީއަހަރުގެ މިމުއްދަތާ އަޅާބަލާއިރު، %4.6 އިތުރުވެއްޖެއެވެ. ޓޫރިޒަމް މިނިސްޓްރީން ޢާއްމުކުރައްވާފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ނޮވެމްބަރުމަހު ޔޫރަޕްގެ ޤައުމުތަކުން ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަށް އައި ކުރިއެރުން ފާހަގަކޮށްލެވެއެވެ.
ޓޫރިޒަމް މިނިސްޓްރީން އާއްމުކުރައްވާފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، 2016 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1،166،605 (އެއްމިލިއަން އެއްސަތޭކަ ފަސްދޮޅަސް ހަހާސް ހަސަތޭކަ ފަހެއް)އަށް އަރައެވެ. މިއީ 2015 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު، %4.6 އިތުރު އަދަދެކެވެ. 2015 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަކީ 1،114،993 (އެއްމިލިއަން އެއްސަތޭކަ ސާދަހާސް ނުވަސަތޭކަ ނުވަދިހަ ތިނެއް)އެވެ.
މި ތަފާސް ހިސާބަށް ބަލާއިރު، ހުސްވިއަހަރުގެ ނޮވެމްބަރުމަހު ރާއްޖެއަށް 104،572 (ސަތޭކަ ހަތަރުހާސް ފައްސަތޭކަ ހަތްދިހަ ދޭއް) ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިއީ 2015 ވަނަ އަހަރުގެ ނޮވެމްބަރުމަހާއި އަޅާބަލާއިރު، %16 އިތުރުވުމެކެވެ.
2016 ވަނަ އަހަރުގެ ނޮވެމްބަރުމަހު ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ، އޭޝިއާ ޕެސިފިކްގެ ޤައުމުތަކުންނާއި، ޔޫރަޕްގެ ޤައުމުތަކުގެ އިތުރުން އެމެރިކާގެ ޤައުމުތަކުންނެވެ.
ނޮވެމްބަރުމަހު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި 5 ޤައުމަކީ ޗައިނާ، ޖަރުމަނުވިލާތް، އިނގިރޭސިވިލާތް، އިޓަލީ އަދި ރަޝިއާއެވެ. ނޮވެމްބަރުމަހު ޗައިނާއިން ދިވެހިރާއްޖެއަށް އަށާރަހާހަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ޖަރުމަނުވިލާތުން ވަނީ ދިހަހާސް ހަތްސަތޭކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިމުއްދަތުގެ ތެރޭގައި އިނގިރޭސިވިލާތުން 8،071 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އިޓަލީވިލާތުން 4،987 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. ރަޝިޔާއިން ނޮވެމްބަރުމަހުގެ ތެރޭގައި ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އުޅެނީ، ހަތަރުހާސް ހަތްސަތޭކަ ފަންސާހުގައެވެ. ނޮވެމްބަރުމަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވެފައިވާއިރު، ހުސްވި ޑިސެމްބަރުމަހުވެސް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވާނޭކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ.