މުނިފޫހިފިލުވުން

އައިޑަލް ސީޒަން 2ގެ ޕާޓްނަރުންނަށް ޚާއްޞަ ބައްދަލުވުމެއް


މޯލްޑިވިއަން އައިޑަލްގެ ސީޒަން ދޭއްގެ ސްޕޮންސަރުންނާއި ޕާޓްނަރުންނާއިއެކު އައިޑަލްގެ ޓީމުން މިރޭ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފިއެވެ.

މި ބައްދަލުވުން ކުރިއަށްގެންގޮސްފައިވަނި، ޕީއެސްއެމްގެ ރޭޑިއޯ ބިލްޑިންގގައެވެ. މޯލްޑިވިއަން އައިޑަލްގެ ޓީމުން ކުރިއަށްގެންދިޔަ މި ބައްދަލުވުމަކީ، މޯލްޑިވިއަން އައިޑަލް ސީޒަން ދޭއްގެ ސްޕޮންސަރުންނާއި ޕާޓްނަރުންނާއިއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން ބޭއްވި ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި މޯލްޑިވިއަން އައިޑަލް ސީޒަން ދޭއްގެ މަސައްކަތްތައް ކުރިއަށްދާގޮތުގެ، އެންމެފަހުގެ މަޢުލޫމާތު ސްޕޮންސަރުންނާއި ޕާޓްނަރުންނާ ޙިއްޞާކޮށްފައިވެއެވެ.

މޯލްޑިވިއަން އައިޑަލްގެ މިފަހަރުގެ ސީޒަނާއި ބެހޭގޮތުން ޓީވީއެމްއަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި ޕަބްލިކް ސަރވިސް މީޑިއާގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އާމިނަތު ޝާޔަން ޝާހިދު ވިދާޅުވީ، މޯލްޑިވިއަން އައިޑަލްގެ ސީޒަން ދޭއްގައި ސްޕޮންސަރުންނާއި ޕާޓްނަރުންނަށް ސްޕޮންސަރ ޕެކޭޖްގެ އިތުރުންވެސް އެތައް ފުރުޞަތުތަކެއް ލިބިގެންދާނެކަމަށެވެ. މޯލްޑިވިއަން އައިޑަލް ސީޒަން ދޭއްގެ ބިހައިންޑް ދަ ސީން ޕްރޮގްރާމުންވެސް ޕާޓްނަރުންނަށް ގިނަ ފުރުޞަތުތަކެއް ހުރިކަން ޝަޔާން ފާހަގަކުރެއްވިއެވެ.

މޯލްޑިވިއަން އައިޑަލް ސީޒަން ދޭއްގެ ކޮލިޓީ ރަނގަޅުކުރުމަށް އައިޑަލްގެ ޓީމުންދަނީ ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ޝޯވގެ ކޮލިޓީ ރަނގަޅުކުރުމަށްޓަކައި ކަމާއި ގުޅޭ ފަންނީ މާހިރަކުގެނެސް ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށްލެވެއެވެ. މޯލްޑިވިއަން އައިޑަލް ސީޒަން ދޭއް ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރުދުވަހުގެރޭގައެވެ.

މޯލްޑިވިއަން އައިޑަލްގެ ޓީމުންދަނީ ޕްރިމިއަރނައިޓް ވަރަށް ކުލަގަދަގޮތެއްގައި ފާހަގަކުރުމަށް ތައްޔާރުވަމުންނެވެ. މޯލްޑިވިއަން އައިޑަލް ސީޒަން ދޭއްގެ އޮޑިޝަންތައް ރާއްޖޭގެ 5 ސަރަޙައްދެއްގައި ކުރިއަށްގެންގޮސްފައިވެއެވެ. އެއީ މާލެ ސިޓީގެ އިތުރުން އައްޑޫސިޓީއާއި ލ އަތޮޅު ގަމާއި ބ އަތޮޅު އޭދަފުށީގެ އިތުރުން ހދ ކުޅުދުއްފުށީގައެވެ. މިދިޔަ އަހަރު ކުރިއަށްގެންދިޔަ މޯލްޑިވިއަން އައިޑޮލްގެ ފުރަތަމަ ޕްރޮގްރާމަށް ބެލުންތެރިންގެ ބޮޑު ތަރުޙީބެއް ލިބިފައިވެއެވެ.