ވިޔަފާރި

ސައިކަލް ޓެކްސީގެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙުކޮށްފި


ދިވެހިރާއްޖެއަށް ފުރަތަމަ ފަހަރަށް ސައިކަލް ޓެކްސީގެ ޚިދުމަތް ތަޢާރަފްކޮށްފިއެވެ.

ކާނިވާ ސަރަހައްދުގައި ބޭއްވެވި ރަސްމިއްޔާތެއްގައި ސައިކަލް ޓެކްސީގެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރ މުޚައްމަދު ސައީދުއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިކޮނޮމިކް މިނިސްޓަރ މުޚައްމަދު ސައީދު ވިދާޅުވީ، ސައިކަލް ޓެކްސީގެ ޚިދުމަތަކީ ރައްޔިތުން ވަރަށް އެދިއެދި ތިބި ޚިދުމަތެއްކަމަށެވެ. އަދި ސައިކަލް ޓެކްސީގެ ޚިދުމަތް މާލެއަށް ތަޢާރަފް ކުރިނަމަވެސް ވަރަށް ކައިރި މުސްތަޤްބަލެއްގައި މި ޙިދުމަތް އަތޮޅުތެރޭގެ ރަށްތަކަށް ތައާރަފްކުރެއްވުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 

img:http://s1.psmnews.mv/images/660x400/14856983456499.jpg|ސައިކަލް ޓެކްސީ ތަޢާރަފްކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވާހަކަފުޅުދައްކަވަނީ

ސައިކަލް ޓެކްސީގެ ޙިދުމަތް ފެށުމަކީ އެކަމުގެ ސަބަބުން އެތައް މަންފާތަކެއް ލިބިގެންދާނޭ ޚިދުމަތެއްކަމަށާއި މިކަމުގެ ސަބަބުން ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިވެގެންދާނޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއަރމަން އަބުދުއްރަޝީދު ނާފިޒް ވިދާޅުވީ، ސައިކަލް ޓެކްސީގެ ޚިދުމަތް މާލެއަށް ފެށީ، ބަލަންޖެހޭ ވަރަށްގިނަ ކަންކަން ބެއްލެވުމަށްފަހުކަމަށެވެ. އަދި ސައިކަލް ޓެކްސީގެ ޚިދުމަތަކީ އާއްމުންނަށް ވަރަށް ބޭނުންވެފައިވާ ޚިދުމަތެއްކަން ފާހަގަކުރައްވަމުން ނާފިޒް ވިދާޅުވީ، މި ޚިދުމަތުގެ ސަބަބުން އެއްތަނުން އަނެއްތަނަށް ދަތުރުކުރުމުގައި އާއްމު ރައްޔިތުންނަށް ވަރަށްބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނޭކަމަށެވެ.

img:http://s1.psmnews.mv/images/660x400/14856983793419.jpg|ސައިކަލް ޓެކްސީ ތަޢާރަފްކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ޕީއެސްއެމް

ސައިކަލް ޓެކްސީގެ ޚިދުމަތްދޭ ޓްރާންސަޓޯގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ބައްސާމް ބުނީ، ވިހި ސައިކަލާއެކު ހިދުމަތް ފެށިނަމަވެސް، ކުރިއަށްއޮތްތަނުގައި އެ އަދަދު އިތުރުވެގެންދާނޭކަމަށެވެ. އެއާއިއެކު ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ލިބިގެންދާނެކަމަށާއި މިކަމުގައި ސަރުކާރުގެ ފަރާތުން ބޮޑު އެއްބާރުލުމެއް ލިބެމުން އަންނަކަމަށް ބައްސާމް ވިދާޅުވިއެވެ. 

ސައިކަލް ޓެކްސީގެ ޚިދުމަތުގައި ފިރިހެން ޑްރައިވަރުންގެ އިތުރުން އަންހެން ޑްރައިވަރުން ހަރަކާތްތެރިވާނޭކަމަށް ޓްރާންސަޓޯއިން ބުނެއެވެ. އަދި ކުރިއަށްއޮތްތަނުގައި ޓްރާންސަޓޯގެ ޚިދުމަތް މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ލިބިގެންދާނޭކަމަށް އެކުންފުނިން މައުލޫމާތުދެއެވެ.