ކުޅިވަރު

މޯހަން ބަގާން ބަލިކޮށްފިނަމަ ގްރޫޕް ސްޓޭޖުން ޖާގަ ހޯދޭނެ


އަމިއްލަ ދަނޑުގައި މޯހަން ބަގާން ބަލިކޮށް އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ޖާގަ ހޯދޭނެކަމުގެ ޔަޤީންކަން ބޮޑު ކަމަށް ވެލެންސިޔާގެ ކޯޗް އަހުމަދު މުޖުތަބާ ފެސްކޯ ބުނެފިއެވެ.



 ޕްލޭއޮފްގައި މާދަމާ އިންޑިއާގެ މޯހަންބަގާންއާ ދެކޮޅަށް ކުޅޭ މެޗްގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން ފެސްކޯ ބުނީ މެޗަށް ވެލެންސިޔާ އޮތީ ފުރިހަމައަށް ތައްޔާރުވެފައި ކަމަށާއި އަމިއްލަ ދަނޑުގައި ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމުގެ ޔަޤީންކަން ބޮޑުކަމަށެވެ.  މިސީޒަނުގައި ރަނގަޅު ތިން މެޗް ކުޅެފައިވުމަކީ ވެލެންސިޔާއަށް މެޗަށް ނިކުންނައިރު ލިބުނު އެޑްވާންޓޭޖެއްކަމަށާއި، މާދަމާގެ މެޗް ކާމިޔާބުކޮށްފިނަމަ އެއީ ގްރޫޕް ސްޓޭޖުން ޖާގަ ހޯދުމުގެ ފުރުސަތު ބޮޑުވެގެންދާނެ ކަމެއް ކަމަށް ފެސްކޯ ބުންޏެވެ.

 ގޭމް ޕްލޭނާ އެއްގޮތައް ކުޅެފިނަމަ ވެލެންސިޔާ މެޗް ނިންމާނީ މޮޅު ވެގެންކަމަށްވެސް ފެސްކޯ ބުންޏެވެ.



" ހޯމް އެޑްވާންޓޭޖް ވެލެންސިޔާ އެނަޖެހޭ ނަގަން. އަމިއްލަ ދަނޑުގައި އެޓީމް ބަލިކުރެވިއްޖެނަމަ ގްރޫޕް ސްޓޭޖުން ޖާގަ ހޯދުމުގެ 90ޕަސެންޓް ކާމިޔާބުކުރެވުނީ" ފެސްކޯ ބުންޏެވެ.

img:http://s1.psmnews.mv/images/660x400/14875779722636.jpg|މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މޯހަން ބަގާން އެސިސްޓެންޓް ކޯޗް ވާހަކަދައްކަނީ ފޮޓޯ: ޕީއެސްއެމް

މޯހަން ބަގާން ޓީމްގެ އެސިސްޓެންޓް ކޯޗް ޝަންކަރު ލާލް ޗަކްރަބަތީ ބުނީ ވެލެންސިޔާއަކީ މޮޅު ޓީމެއް ކަމަށާއި، މޯހަން ބަގާން މެޗަށް ނިކުންނަނީ އެކަނ ދަނެގެން ކަމަށެވެ. މޯހަން ބަގާން ޓީމް މާލެ އައި އިރު ސީނިއާ ބައެއް ކުޅުންތެރިން މާލެ ނާދެއެވެ. އޭގެ ތެރޭގައި ޓީމްގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ ޖޭޖޭ ހިމެނެއެވެ. މީގެ އިތުރުން އަމިއްލަ ސަބަބުތަކާހެދި ހެޑް ކޯޗް ސެންޖޯއީ ސެންވެސް ޓީމާއެކު މާލެ އައިސްފައެއް ނުވެއެވެ. 

އެސިސްޓެންޓް ކޯޗް ޝަންކަރު ލާލް ޗަކްރަބަތީ ބުނީ މޯހަން ބަގާން ޓީމުގެ ހުރިހާ ކުޅުންތެރިންނަކީވެސް މުހިންމު ކުޅުންތެރިންތަކެއް ކަމަށާއި، އަބަދުވެސް ސްކޮޑުގެ ހުރިހާ ކުޅުންތެރިންނަށް ފުރުސަތު ދޭ ކަމަށެވެ. ރާއްޖޭގެ މާހައުލަށް ޓީމް ހޭނޭނެކަމަށާއި ހަމައެކަނި މައްސަލައަކީ ހޫނު ގަދަވުން ކަމަށްވެސް މޯހަން ބަގާންގެ އެސިސްޓެންޓް ކޯޗް ބުންޏެވެ.



"ޓީމް ވަނީ މެޗަށް ފުރިހަމައަށް ތައްޔާރުވެފަ. އަހަންނަށް މަޢުލޫމާތު ލިބޭ ގޮތުން ވެލެންސިޔާ އަކީ ވަރުގަދަ ޓީމެއް. މެޗް ކާމިޔާބުކުވޭނެ ކަމުގެ ޔަޤީންކަން އެބައޮތް" މޯހަން ބަގާން ޓީމްގެ އެސިސްޓެންޓް ކޯޗް ޝަންކަރު ލާލް ޗަކްރަބަތީ ބުންޏެވެ.

 އޭއެފްސީ ކަޕް ޕްލޭއޮފް ފުރަތަމަ ލެގުގައި ވެލެންސިޔާ އަދި މޯހަން ބަގާން ވާދަކުރާ މެޗް ފަށާނީ މާދަމާ ހަވީރު ހަތަރެއް ޖަހާއިރުއެވެ.