ކުޅިވަރު

ބޭނުންވަނީ ރައްޔިތުންގެ ތަރުޙީބާއި ހެޔޮދުޢާ - ބަޓިޝް


ރައްޔިތުން ޓީމާއެކު ތިބިކަމަށްވާނަމަ ސެންޓްރަލް ޒޯން މުބާރާތަކީ އަމާޒަށް ވާސިލްވެވޭނެ މުބާރާތެއް ކަމަށް ޤައުމީ ވޮލީޓީމްގެ ކެޕްޓަން ޢިޝާން މުޙައްމަދު (ބަޓިޝް) ބުނެފިއެވެ. 

މިމަހު 20 ގައި ރާއްޖޭގައި އޮންނަ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގެ ކުރިން ތައިލެންޑްގައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ތަމްރީން ޕްރޮގްރާމަށް ފުރުމުގެ ކުރިން ކެޕްޓަން ބަޓިޝްބުނީ މުބާރާތުގެ ތަށި ނޫން އެހެން އެއްވެސް ވިސްނުމެއް ކުޅުންތެރިންގެ ނެތްކަމަށެވެ. ތައިލެންޑްގައި ބާއްވާ ތަމްރީނު ތައްވެސް ކުރިޔަށްގެންދާނީ އެވިސްނުމުގައި ކަމަށް ބަޓިޝްބުންނެވެ.

" މިކޭމްޕަކީ ވަރަށް މުހިންމު ކޭމްޕެއް. މުބާރާތުގެ ކުރިން ކުރާ އެންމެ ފަހުގެ ތަމްރީނުތައް ކުރިޔަށްދާނީ މި ކޭމްޕްގައި. އަޅުގަނޑުމެންގެ އޮތީ އެންމެ އަމާޒެއް. އެއީ މިފަހަރަކީ މިމުބާރާތް ރާއްޖޭގައި ބާއްވާ ފަހަރެއްކަމުން އަޅުގަނޑުމެން ބޭނުންވަނީ މިޤައުމުގައި މުބާރަތުގެ ތަށި ބަހައްޓަން. ހުރިހާ ކުޅުންތެރިންވެސް ތިބީ އެ ޢަޒުމުގައި. އެކަން ވާނީ ރްޔިތުންގެ ތަރުޙީބާއި ހެޔޮދުޢާ ލިބިގެން. " ޤައުމީ ވޮލީޓީމްގެ ކެޕްޓަން ޢިޝާން މުޙައްމަދު ބަޓިޝް ޕީއެސްއެމް ސްޕޯޓްސްއަށް މަޢުލޫމާތު ދެމުން ބުންޏެވެ.

 ޤައުމީ ޓީމްގައި މިވަގުތު ހުރި އެންމެ ސީނިއަރ އެއްކުޅުންތެރިޔާ، އަޙްމަދު ޢަބްދުލްކަރީމް (ލޯންގޭ) ބުނީ އިރާދަ ކުރެއްވިއްޔާ މިމުބާރާތަކީ ދިވެހިން ހިނިތުން ކުރުވާނެ މުބާރާތެއް ކަމަށެވެ. ބޭނުންވަނީ ދިވެހިންގެ ތަރުޙީބާއި ހެޔޮދުޢާކަމަށާއި ކުޅުންތެރިންތިބީ ވަރަށް ޖޯޝުގައި ކަމަށެވެ.

" ސެންޓްރަލް ޒޯން މުބާރާތް މިފަހަރު ރާއްޖޭގައި ބާއްވާތީ ހުރިހާ ކުޅުންތެރިންވެސްތިބީ ވަރަށް ރޫޙުގައި މިކަން ކުރަން. ރަން މެޑަލް ކަރުގަ އަޅުވާލުން ފިޔަވައި އިތުރު އެހެން އެއްވެސް ވިސްނުމެއް  އަޅުގަނޑުމެންގެ ނެތް. އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ކަނޑައެޅި އަމާޒަކީ އެއީ. " އަޙްމަދު ޢަބްދުލް ކަރީމް ލޯންގޭ ބުންޏެވެ.

ތައިލެންޑަށް ފުރުމުގެ ކުރިން ޤައުމީ ވޮލީޓީމްގެ އެސިސްޓެންޓް ކޯޗް އިބްރާހީމް ޝިހާމް (ސަޑިއްކެބުނީ) ރާއްޖޭގައި ބާއްވާ މުބާރާތަކަށްވެފައި ނެގޭނެ ވަރަށް ބައިވަރު އެޑްވާންޓޭޖް އެބަހުރި ކަމަށާއި ބޭނުންވަނީ އިތުރު ހިތްވަރެއް ކަމަށެވެ. ޚާއްސަކޮށް ޓީމަށް ހިތްވަރު ދިނުމުގައި ސަޕޯޓަރުންގެ ދައުރު ފުޅާ ކުރަންޖެހޭ ކަމަށް ސަޑިއްކެބުންޏެވެ. ތައިލެންޑް ކޭމްޕް ނިންމުމަށްފަހު ޓީމް މުބާރާތަށް އަންނާނީ ތަށްޓަށްކުރަމުން އަންނަ އުއްމީދު އިރާދަކުރެއްވިޔާ ޙާސިލް ކުރަން ކަމަށްވެސް ސަޑިއްކެބުންޏެވެ.

 ޤައުމީ ޓީމް ތައލިެންޑަށްކުރާ މިދަތުރަކީ 9 ދުވަހުގެ ދަތިރެއްކަމަށް ވޮލީބޯލް އެސޯސިއޭޝަނުން މަޢުލޫމާތު ދެއްވައެވެ. އޭޝިއަން ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތް އެންމެ ފަހުން ބާއްވާފައިވަނީ ބަންގްލަދޭޝްގައި އެފަހަރު ރާއްޖެއަށް ލިބިފައިވަނީ މުބާރާތުގެ 3 ވަނައެވެ.