ކުޅިވަރު

ކީޕަރުން އުފެއްދުމަށް އެފްއޭއެމްއިން ޚާއްސަ ސަމާލުކަމެއް ދޭނެ


ކީޕަރުން އުފެއްދުމަށް މިއަހަރު ޚާއްސަ ސަމާލުކަމެއްދީގެން ބޭރުގެ ކީޕަރ ޓްރެއިނަރަކާއެކު މަސައްކަތް ފައްޓަވާނެ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.

 ކީޕަރުން ތަމްރީން ކުރުމާ އުފެއްދުމަށް ބޮޑު ސަމާލުކަމެއް ދެއްވާނެ ކަމަށާއި، މިއީ މިވަގުތު ދިވެހި ފުޓްބޯޅައިގައި އެންމެ އިސްކަން ދޭން ޖެހޭ އެއްކަންތައް ކަމުގައި ބައްސާމް ވިދާޅުވިއެވެ. 

ރާއްޖޭގެ ޤައުމީ ޓީމަށް ކީޕަރުން ހޯދުމުގައި ދަތިތަކާ ކުރިމަތިލާން ޖެހުނީ އެއްވެސް އިރެއްގައި އެފްއޭއެމްއިން އެކަމަށް އަޅާނުލުމުން ކަމަށް 17 އަހަރަށްފަހު ޤައުމީ ޓީމުން ރިޓަޔަރކުރި އިމްރާން މުހައްމަދު ވަނީ ބުނެފައެވެ. މިކަމަށް ޖަވާބު ދެއްވަމުން ބައްސާމް ވިދާޅުވީ ކީޕަރުންނަށް އެއްވެސް އިރެއްގައި އެފްއޭއެމްއިން މާބޮޑު އަޅާލުމެއް ދީފައިނުވާކަން ޤަބޫލް ކުރައްވާ ކަމަށެވެ. އަދި ދިވެހި ކީޕަރުން އުފެއްދުމަށް ކުރެވުން ހުރި ހުރިހާ މަސައްކަތްތަކެއް ވަރަށް އަވަހަށް ފައްޓަވައި، ބޭރުގެ ކީޕަރ ޓްރެއިނަރެއްގެ އެހީގައި ކީޕަރުންނަށް ޚާއްސަކޮށް ޔޫތު ޑެވެލޮޕްމެންޓް ޕްރޮގްރާމް ފައްޓަވާނެ ކަމަށް ބައްސާމް ވިދާޅުވިއެވެ.

"އިމްރާން ރިޓަރ ކުރުމަކީ ފޫ ނުބެއްދޭވަރުގެ ގެއްލުމެއް ލިބިގެންދާނެ ކަމެއް. އިމްރާން ރިޓަޔަރ ކުރުމާއެކު އެތަން ރިޕްލޭސް ކުރާނެ ކުޅުންތެރިން ވަރަށް މަދު. ބޭރުގެ ގޯލް ކީޕަރ ޓްރެއިނަރެއްގެ އެހީގައި އަޅުގަނޑު ބޭނުން އެކަޑަމީ ފެންވަރުގައި ކީޕަރުން އުފައްދަން" އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވިއެވެ.

 ކީޕަރުންނަށް ދެމުން އައި އެވޯޑް ހުއްޓިފައިވީ ނަމަވެސް އަންނަ އަހަރުން ފެށިގެން އެ އެވޯޑްތައް އަލުން ދޭން ފަށާނެ ކަމަށްވެސް ބައްސާމް ވިދާޅުވިއެވެ. ރާއްޖޭގެ ފުރަތަމަ ޑިވިޝަންގެ އަށް ކްލަބްގެ ތެރެއިން ހަ ކްލަބްގައި ތިބީ ބިދޭސީ ކީޕަރުންނެވެ. މިއަހަރު ފަށާ ޕްރޮގްރާމާއެކީ މޮޅު ކީޕަރުންތަކެއް އުފެދި އޭގެ ފައިދާ ދިވެހި ފުޓްބޯޅައަށް ދާދި އަވަހަށް ކުރާނެ ކަމަށްވެސް އެފްއޭއެމްގެ ރައީސް ބައްސާމް ވިދާޅުވިއެވެ.