ޚަބަރު

ރީތި ފައިސާގެ ނޫޓުތަކުގެ ތެރޭގައި ރާއްޖޭގެ 1000 ރުފިޔާގެ ނޫޓު


ދުނިޔޭގެ ބޭނުންކުރާ ފައިސާގެ ނޫޓްތަކުގެ ތެރެއިން އެންމެ ރީތި ފައިސާގެ ނޫޓުތަކުގެ ތެރޭގައި ރާއްޖޭގެ 1000 ރުފިޔާގެ ނޫޓު ހިމެނިއްޖެއެވެ.

އިނގިރޭސިވިލާތުގެ މަޝްހޫރު ނޫހެއް ކަމަށްވާ ދަ ޓްލެގްރާފުން އެކުލަވާލާފައިވާ އެންމެ ރީތި ފައިސާގެ ނޫޓުގެ ލިސްޓްގައި އެކާވީސް ނޫޓު ހިމަނާފައިވާއިރު ރާއްޖޭގެ 1000 ރުފިޔާގެ ނޫޓުވެސް ހިމެނެއެވެ. މިލިސްޓުގައި ނޭޕާލުގެ ފައިސާގެ ދެ ނޫޓުތަކާއި، އޮސްޓްރޭލިއާގެ ފަސް ޑޮލަރުގެ ނޫޓަކާއި، ކަޒަކިސްތާންގެ އިތުރުން ބުރުމާގެ ދެ ފައިސާއެއްގެ ނޫޓު ހިމެނެއެވެ.

ދިވެހި ރުފިޔާގެ އާނޫޓް ސީރީޒް 'ރަންދިހަ ފަހެއް' ގެ ތެރޭގައި ހިމެނޭ 1000 ރުފިޔާގެ ނޫޓަކީ ރާއްޖެއަށް މުޅިން އަލަށް ތަޢާރަފް ކުރި ރަންދިހަ ފަހެއް ނޫޓް ސީރީސްގައި ހިމެނޭ އެންމެ މަތީ އަދަދުގެ ނޫޓެވެ. ރަންދިހަ ފަހެއް ނޫޓްތަކަކީ ކުރިން ބޭނުންކުރި ނޫޓްސީރީޒްތަކުގެ ނޫޓްތަކާ ޚިލާފަށް ރައްކާތެރި، ގެންގުޅެން ފަސޭހަ ޒަމާނީ ނޫޓްތަކެވެ.

ރަންދިހަ ފަހެއްގެ ނޫޓް ސީރީޒްގެ ނޫޓްތަކަކީ ފެނުމުން މަޙްރޫމްވެފައިވާ މީހުންނަށްވެސް ނޫޓްތައް ދެނެގަތުމަށް ފަސޭހަ ފީޗާސްތަކެއް އެކުލެވިގެންވާ ނޫޓްތަކެކެވެ. އެގޮތުން ކޮންމެ ނޫޓެއްވެސް ދެނެގަތުމަށް ނޫޓްގައި އުފުލިފައި ހުންނަ ބައިތަކެއް އެކުލެވެއެވެ. އަލަށް ތައާރަފު ކުރެވުނު ނޫޓުތައް ޗާޕްކޮށްފައި ވަނީ، ޕޮލިމާގައިކަންވެސް ފާހަގަކޮށްލެވެއެވެ.  

ރާއްޖޭގެ މިނިވަންކަމަށް ފަންސާސް އަހަރުފުރުނު މުނާސަބަތާ ގުޅުވައިގެން އެ މުނާސަބަތަށް ނިސްބަތްކުރައްވައިގެން ރަންދިހަ ފަހެއްގެ ނަމުގައި ނެރުއްވި ދިވެހި ރުފިޔާގެ ނޫޓްސެޓް ނެރުމާއެކު ދިވެހިންގެ ބަޔަކު އެއަށް ފާޑުކީނަމަވެސް އެ ނޫޓަށް ބޭރުގެ ފަރާތްތަކާއި އެކިއެކި ކަންކަން އަގުކުރާ ފަރާތްތަކުގެ ތަޢުރީފް ލިބެންފެށިއެވެ. އަދި ނޫޓް ނެރުނުތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ޕީއެސްއެމް ނިވްސްގެ ފަރާތުން މި ނޫޓްސެޓާ ގުޅޭގޮތުން ހެދި ބައެއް ނިވްސް ރިޕޯޓްތަކަށް އިންޓަރވިއުދިން ބޭރުގެ ބައެއް މީހުންނާއި ދިވެހި ވިޔަފާރިވެރިން މި ނޫޓްތަކަށް ތަޢުރީފް ކޮށްފައިވާކަން ފާހަގަކުރެވިފައެވެ.