ޚަބަރު

އުޅަނދުފަހަރު ނެގުމަށް މުއްދަތެއް ދެއްވައިފި


މާލެއާއި ވިލިނގިލީގެ ފަޅުގެ އެކި ސަރަޙައްދުތަކުގައި ޤަވާޢިދާ ހިލާފަށް އަޅާފައި އޮންނަތާ ގިނަދުވަސްވެފައިވާ އުޅަނދުފަހަރުގެ ވެރިންނަށް އެ އުޅަނދުތައް ނެގުމަށް ހައުސިންގ މިނިސްޓްރީން މުއްދަތެއް ދެއްވައިފިއެވެ.

ހައިސިން މިނިސްޓްރީން ވިދާޅުވީ، ފަހަކަށް އައިސް ފަޅުތެރޭގައި އަޅާފައި އޮންނަ އުޅަނދުތަކުގެ ތެރޭގައި އެ އުޅަނދު ބަލަހައްޓާނެ ފަރާތެއް ނެތި އެއްގޮތަކަށްވެސް ދަތުރުނުކުރާ އުޅަނދުފަހަރާއި އައިސްފޮށި ބަހައްޓައިގެން މަސްގުދަނެއްގެ ގޮތުގައި ބޭނުންކުރާ އުޅަނދުފަހަރާއި ރަޖިސްޓްރީ ނަމްބަރު އެއްގޮތަކަށްވެސް ނުޖަހާ ހުންނަ އުޅަނދުފަހަރު ގިނަވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ޤަވައިދާ ހިލާފަށް އަޅާފައި އޮންނަ އުޅަނދުފަހަރުގެ ސަބަބުން ޤަވާޢިދާ އެއްގޮތަށް ހުއްދަނަގައިގެން ފަޅުބޭނުންކުރާ ފަރާތްތަކަށް ދަތިތަކާއި ދިމާވަމުންދާ ކަމަށެވެ.

މީގެ އިތުރުން ބަލަހައްޓާނެ މީހަކު ނެތި އޮންނަ އުޅަނަދުތަކުގައި ތަފާތު ކުށްތައް ކުރުން އިތުރުވަމުންދާކަމުގެ ޝަކުވާތައް ލިބެމުންމުންދާ ކަމަށްވެސް ހައުސިން މިނިސްޓްރީން ވިދާޅުވެއެވެ. ހައުސިން މިނިސްޓްރީން ވިދާޅުވީ ޤަވައިދާ ހިލާފަށް މާލެއާއި ވިލިނގިލީގެ ފަޅުތެރޭގައި އަޅަފައިވާ އުޅަނދުތައް އަންނަ މަހުގެ ނިޔަލަށް އެ ސަރަހައްދުން ނަގަންޖެހޭނެ ކަމަށެވެ.

އަދި އެ މުއްދަތުގެ ތެރޭގައި ނުނަގާ ހުންނަ އުޅަނދުފަހަރަކީ ބަލަހައްޓާނެ ފަރާތެއް ނެތި ފަޅުތެރެއަށް ދޫކޮށްލާފައި ހުރި އުޅަނދުފަހަރުކަމަށް ބައްލަވައި، އެ އުޅަނދުތައް ނަންގަވާނެ ކަމަށް ހައުސިން މިނިސްޓްރީން ވިދާޅުވެއެވެ.