ޚަބަރު

ލެބެން ލެބޯޓަރީސްގެ ބޭސް އެތެރެކޮށް، ވިއްކުން މަނާކޮށްފި


އިންޑިއާގެ ކުންފުންޏެއް ކަމަށްވާ ލެބެން ލެބޯޓަރީސް ޕްރައިވެޓް ލިމިޓެޑުއިން އުފައްދާ ބޭސް ރާއްޖެ އެތެރެކުރުމާއި ވިއްކުން މަނާކުރައްވައިފިއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ނެރުއްވި ބަޔާނެއްގައިވަނީ "ލެބެން ލެބޯޓަރީސް" އިން އުފައްދާ ބޭސް ރާއްޖެ އެތެރެކުރުން މިއަދުން ފެށިގެން މަނާކުރެއްވީ، އެކުންފުނިން އުފައްދާ ބޭހުގެ ފެންވަރާމެދު ތަކުރާރުކޮށް މައްސަލަތައް ފެންމަތިވަމުންދާތީ ނެޝެނަލް ފަރމަސޫޓިކަލް ބޯޑުގެ ލަފާގެ މަތިންކަމަށެވެ. އަދި މިގޮތަށް ނިންމާފައިވަނީ އެކުންފުނީގެ ބޭސް އުފެއްދުމުގެ ފެންވަރު ބަލައި ކަށަވަރު ކުރުމުގެ ނިޒާމުގައި މައްސަލަތަކެއް ހުރިކަން ފާހަގަ ކުރެވޭތީކަމަށާ، ރައްކާތެރިކަމާމެދު ސުވާލުއުފެދޭ އަދި ފެންވަރު ކަށަވަރު ނުވާ ބޭސް ބޭނުންކުރުމަކީ ބޭސް ބޭނުންކުރާ މީހުންނަށް ސިއްޚީ މައްސަލަތައް ކުރިމަތިވުމުގެ ފުރުޞަތު އޮތްކަމެއްކަމަށް އެއޮތޯރިޓީން ވިދާޅުވެއެވެ. 

އެހެންކަމުން ލެބެން ލެބޯޓަރީސް ޕްރައިވެޓް ލިމިޓެޑުން އުފައްދާ ބޭސް މިއަދުން ފެށިގެން ރާއްޖެ އެތެރެކުރުމާއި ވިއްކުމާއި ބޭނުންކުރުމަކީވެސް މަނާކަމެއްކަމުގައި އެ އޮތޯރިޓީން ހާމަކުރައްވައެވެ.