ޚަބަރު

"60،000 އަށްވުރެ ގިނަ ވަޒީފާގެ ފުރުޞަތު ވަނީ ފަހިކޮށްދެއްވާފައި"


ސަރުކާރުން ޒުވާނުންނަށް ވަޒީފާގެ ފުރުޞަތު ފަހިކޮށްދެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ދަށުން މިހާތަނަށް ފަސްދޮޅަސް ހާހަށްވުރެ ގިނަ ވަޒީފާގެ ފުރުޞަތު ފަހިކޮށްދެއްވާފައިވާކަމަށް ޔޫތު މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ. 

މިނިސްޓަރ ވިދާޅުވީ މިއީ ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ ނުވަދިހަ ހަތަރުހާސް ވަޒީފާގެ ފުރުޞަތުގެ ތެރެއިން ހަމައެކަނި ސަރުކާރާއި ސަރުކާރު ޙިއްޞާވާ ކުންފުނިތަކުން ފަހިކޮށްދެއްވާފައިވާ ވަޒީފާގެ ފުރުޞަތުތައް ކަމަށެވެ. އަދި ޕްރައިވެޓް ސެކްޓަރ ކުރިއެރުވުމަށް ކުރެވުނު މަސައްކަތުން ވޭތުވެދިޔަ ތިންއަހަރު ދުވަހުގެ ތެރޭގައި އުފެދުނު ވަޒީފާގެ ފުރުޞަތުތަކާއެކު ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ ޢަދަދަށްވުރެ އިތުރަށް ވަޒީފާގެ ފުރުޞަތު އުފެދިފައިވާކަމަށެވެ.

ޔޫތު މިނިސްޓްރީން މިދިޔަ ތިން އަހަރު، ހާޞިލްކުރައްވާފައިވާ ކާމިޔާބީތަކާ ބެހޭގޮތުން މީޑިއާއަށް މަޢުލޫމާތުދެއްވަމުން ޔޫތު މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވީ، އެމިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ ނުވަދިހަ ހަތަރުހާސް ވަޒީފާގެ ފުރުޞަތުގެ ތެރެއިން ފަސްދޮޅަސް ހަތްހާސް އަށްސަތޭކަ ތިރީސް އަށް ވަޒީފާ އުފައްދަވާފައިވާކަމަށެވެ. މީގެތެރޭގައި މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން އަށާރަހާސް ތިންސަތޭކަ ނުވަދިހަ ވަޒީފާ އުފައްދަވާފައިވާއިރު ސިވިލް ސަރވިސްއިން ތިންހާސް އެއްސަތޭކަ ފަސްދޮޅަސް ފަސް ވަޒީފާ އުފައްދަވާފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މީގެއިތުރުން އެކި ކުންފުނިތަކުން ފަސްހާސް އެއްސަތޭކަ ފަންސާސް ނުވަ ވަޒީފާ އުފައްދަވާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެ އިތުރުން ޕްރައިވެޓް ސެކްޓަރއާއި އެހެނިހެން ބައެއް ސިނާއަތްތަކުން އެތަކެއް ހާސް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދެއްވާފައިވާކަމަށް މިނިސްޓަރ އިރްތިޝާމް ވިދާޅުވިއެވެ.

img:http://s1.psmnews.mv/images/660x400/14703805841422.jpg|ޔޫތު ޗެލެންޖް 2016 ގެ ތެރެއިން ޔޫތު މިނިސްޓަރ އިރުތިޝާމް އާދަމް ޒުވާނުންތަކަކާއެކު - ފައިލް ފޮޓޯ: ޔޫތު މިނިސްޓްރީ

"އިޤްތިޞާދީ ގޮތުން ތަރައްޤީ ރާއްޖެއަށް ގެނައުމަށް މެގަ ޕްރޮޖެކްޓްތަކެއް ފާސް ކުރައްވާ އަދި އިކޮނޮމިކް ކައުންސިލުން ކުރިއަށް ގެންދަވާއިރު، އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފައިވާ ގޮތުގެ މަތިން ޒުވާނުންނަށް ވަކި އަދަދެއްގެ ވަޒީފާ ކްރިއޭޓިވް ގޮތަށް އިކޮނޮމިކް ކައުންސިލުން މިވަނީ ކަނޑައަޅުއްވާފައެވެ. އެހެންވީމަ އަޅުގަނޑުމެން ޖުމްލަ ގޮތެއްގައި ބަލާލާއިރު މެނިފެސްޓޯގައި ކަނޑައަޅުއްވާފައިވާ އަދަދަށްވުރެ ގިނައިން ޒުވާނުންނަށް ވަޒީފާތައް މިހާރު މިވަނީ އުފެދިފަ" އިރުތިޝާމް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، ކުށުގެ ވެށިން ޒުވާނުން ދުރުކޮށް، ޒުވާނުން ބާރުވެރިކުރުމަށް ސަރުކާރުން ހިންގަވާ ޕްރޮގްރާމްތަކުގެ ސަބަބުން ޒުވާނުންގެ ކުށުގެ ރެކޯޑްތައް ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށެވެ. މިގޮތުން ޒުވާނުން ބާރުވެރިކުރުވުމަށް ސަރުކާރުން ހިންގަވާ ޕްރޮގްރާމްތައް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"ޒުވާނުންގެ ވުޒާރާގެ ފަރާތުން އިސްކަމެއް ދީގެން ކުރިއަށްގެންދާ ކާމިޔާބު ކަންތައްތަކުގެ ގޮތުގައި އަޅުގަނޑުމެންނަށް ބެލެވޭ ޒުވާނުން އެދެެވޭ ގޮތެއްގައި ކުޅިވަރު ކުޅުމަށާއި ޒުވާނުން ކުށުގެ ވެށިން އަޅުގަނޑުމެން ނަގައި ޒުވާނުން ބާރުވެރިކުރުމަށް އަޅުގަނޑުމެން ވަނީ ތަފާތު ކުޅިވަރުތަކާއި ތަފާތު ޕްރޮގްރާމްތައް މުޅި ރާއްޖޭގަ ހިނގިފައި. އެގޮތުން އަޅުގަނޑުމެންނަށް ފާހަގަވޭ ޕޮލިސް ރިޕޯޓުން ވެސް އަދި އެކިއެކި ރިޕޯޓްތަކުން ވެސް މިހާރު ޒުވާނުންގެ ކުށުގެ ރެކޯޑް ދަށްވެފައިވާކަން" މިނިސްޓަރ ވިދާޅުވިއެވެ. 

މިނިސްޓަރ އިރްތިޝާމް ވިދާޅުވީ ޒުވާނުންނާއި ގުޅުންހުރި މަސައްކަތްތަކުގެ އަށްޑިހަ އިންސައްތަ މަސައްކަތް މި އަހަރު ތެރޭ ނިންމެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ.