ވިޔަފާރި

ރޭތައް އިޙްޔާކުރުމުގެ ފޯރަމްތައް އެސްޓީއޯއިން ސްޕޮންސަރކޮށްފި


މިއަހަރުގެ ރަމަޟާން މަހުގެ ރޭތައް އިޙްޔާކުރުމުގެ ގޮތުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ކުރިއަށް ގެންދާ ފޯރަމްތައް އެސްޓީއޯއިން ސްޕޮންސަރކޮށްފިއެވެ.

ސްޕޮންސަރގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ އަޙްމަދު ޒިޔާދެވެ. އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަހީރުއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ. އަޙުމަދު ޒިޔާދު ވިދާޅުވީ، އެސްޓީއޯއަކީ އިސްލާމިކް މިނިސްޓްރީން ހިންގަމުން އަންނަ ތަފާތު ގިނަ ޕްރޮގްރާމްތަކަކަށް އަބަދުވެސް އެހީތެރިކަމާ އެއްބާރުލުން ދެމުން އަންނަ ކުންފުންޏެއް ކަމަށެވެ.

އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ޝަހީރު ވިދާޅުވީ އެސްޓީއޯގެ އިޖްތިމާއީ ޒިންމާގެ ދަށުން އިސްލާމިކް މިނިސްޓްރީގެ ހަރަކާތްތަކަށް އެސްޓިއޯއިން ޚާއްޞަ އަހައްމިޔަތު ކަމެއް ދެއްވަމުން އަބަދުވެސް އަންނަކަމުގައެވެ.

މިދިޔަ އަހަރުގެ ރަމަޟާން މަހުގެ ރޭތައް އިޙްޔާކުރުމަށް ބޭއްވި ފޯރަމްތައްވެސް ސްޕޮންސަރ ކޮށްފައިވަނީ އެސްޓިއޯއިންނެވެ.