ތިމާވެށި

ރާއްޖޭގެ ކަނޑުން ފެންނަ ޕްލާސްޓިކް މަސްދޯނިފަހަރުން ނަގަމުންދާނެ


ރާއްޖޭގެ ކަނޑު ސަރަޙައްދުން ފެންނަ ޕްލާސްޓިކް ރާއްޖޭގެ މަސްދޯނިފަހަރުން ނަގަމުން ގެންދާނެ ކަމުގައި ފިޝަރީޒް މިނިސްޓަރ ޑރ. މުޙައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.

ފިޝަރީޒް މިނިސްޓަރ މުޙައްމަދު ޝައިނީ މިހެން ވިދާޅުވީ މިހާރު އެމެރިކާގެ ނިއުޔޯކްގައި ކުރިއަށްދާ އދ.ގެ އޯޝަން ކޮންފަރެންސްގައި ތަޤްރީރު ކުރައްވަމުންނެވެ. އދ. ހެޑްކުއަރޓަރގައި ކުރިއަށްދާ މި ކޮންފަރެންސްގައި މިނިސްޓަރ ޝައިނީ ތަޤްރީރު ކުރައްވާފައި ވަނީ އެލަޔަންސް އޮފް ސްމޯލް އައިލެންޑު ސްޓޭޓްސް އެއޯސިސްގެ ޗެއަރކަން ކުރާ ޤައުމު ކަމަށްވާ ރާއްޖޭގެ ފަރާތުންނެވެ.

އޯޝަން ކޮންފަރެންސްއަކީ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ ކަނޑުފަޅުތައް ރައްކާތެރިކޮށް ބެލެހެއްޓުމާގުޅޭ ލަނޑުދަނޑިއާއި ގުޅޭގޮތުން ޤައުމުތަކުގެ މެދުގައި މަޝްވަރާ ކުރެއްވުމަށް ބާއްވާ ބައްދަލުވުމެކެވެ.

މިނިސްޓަރ ޝައިނީ އޯޝަން ކޮންފަރެންސްގައި ދެއްވި ތަޤްރީރުގައި ވަނީ ކަނޑުތަކަށް އަޅާ ކުނީގެ ސަބަބުން ކަނޑުތައް ތަޣައްޔަރުވުން އިތުރުވަމުންދާކަން ފާހަގަކުރައްވާފައެވެ. އަދި ރާއްޖޭގެ ކަނޑުތަކުން ފެންނަ ޕްލާސްޓިކްގެ ޢަދަދު މަދުކުރުމަށް މަސައްކަތްތައް ކުރުމަށް ރާއްވަވާފައިވާކަން މިނިސްޓަރ ޝައިނީ ވަނީ އިޢުލާން ކުރައްވާފައެވެ. އެގޮތުން ރާއްޖޭގެ ކަނޑު ސަރަޙައްދުން ފެންނަ ޕްލާސްޓިކް ރާއްޖޭގެ މަސްދޯނިފަހަރުން ނަގަމުން ގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިނިސްޓަރ ވަނީ ދުނިޔޭގެ އެހެން ޤައުމުތަކަށްވެސް ރާއްޖެ މިސާލަކަށް ބަލައިގެން މިފަދަ ކަމެއް ފެށުމަށް ގޮވާލައްވާފައެވެ.

އޯޝަން ކޮންފަރެންސަކީ ޤައުމުތަކުގެ އިސް މަންދޫބުން ބައިވެރިވެވަޑައިގަންނަވާ މަތީ ފެންވަރުގެ ބައިނަލްއަޤުވާމީ ބައްދަލުވުމެކެވެ. މި ބައްދަލުވުން ކުރިއަށްދަނީ މިމަހުގެ ފަހަކުން ނުވަޔަކަށެވެ.