ތަޢުލީމު

"ވުޒާރާތައް ގުޅިގެން މަސައްކަތްކުރުމުން ނަތީޖާ ދަނީ ފެންނަމުން"


ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން ހުރިހާ ދާއިރާއެއް ގުޅިގެން މަސައްކަތް ކުރަން ފެށިކަމަށާއި، މިކަމަކީ ޤައުމުގެ ތަރައްޤީއަށް ލިބިގެން ދިޔަ ބޮޑު ކުރިއެރުމެއްކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ވިދާޅުވީ ރައީސް ޔާމީން ވެރިކަމާ ހަވާލުވުމުގެ ކުރިން އެކި ދާއިރާތައް މަސައްކަތްކުރަމުން ދިޔައީ އެ ދާއިރާއަކާ ގުޅޭކަންކަމުގައި އެކަނިކަމަށާ، އެހެންނަމެވެސް މިކަންކަމަށް ބަދަލުގެންނަވައި ހުރިހާ ދާއިރާއެއް ގުޅުވާލުމުގެ ނަތީޖާއަކަށްވެގެން ދިޔައީ ޤައުމުގެ ތަރައްޤީއަށް ޒުވާނުން ބިނާކުރުމަށް ލިބިގެންދިޔަ ފުރުސަތުތައް އިތުރުވުންކަމަށެވެ. މިނިސްޓަރ ވިދާޅުވީ މީގެ ކުރިން ތަޢުލީމީ ދާއިރާއަކީ ވަކި ދާއިރާއެއްގެ ގޮތުގައި އޮތް ނަމަވެސް ހުރިހާ ދާއިރާތައް އެއްކޮށްލުމުން ޒުވާނުން ބިނާކުރުމުގައާއި، ދަރިވަރުން އެކި ދާއިރާތަކަށް އަހުލުވެރިކޮށް ޤައުމުގެ އިޤްތިސާދުގައި ބޮޑު ރޯލެއް އަދާކުރުމުގެ ފުރުސަތު ފަހިވެގެންދާކަމަށެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި، ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވުމަށްފަހު ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް ގެންނެވިކަން ފާހަގަކުރެއްވިއެވެ. އެގޮތުން ކުރިން ކިޔަވައިދެމުން އައި ނިޒާމު މުޅިން ބަދަލުކޮށް، ކޮންމެ ދަރިވަރަކީވެސް ސްކޫލް ނިމިގެންދާއިރު، މަސައްކަތާއި ހުނަރު ލިބިފައިވާ ދަރިވަރަކަށް ހެދުމަށް، ކުރައްވާ މަސައްކަތްތައް ފާހަގަކުރެއްވިއެވެ.

ކޮންމެ އަހަރެއްގެ މައްޗަށް ފަނަރަސަތޭކަ ދަރިވަރުން އަލަށް މަތީ ތަޢުލީމް ހާސިލްކުރަމުންދާކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ، ތައުލީމީ ދާއިރާގެ ތެރެއިން އަމިއްލަ ކޮލެޖް ޔުނިވަރސިޓީތަކަށްވެސް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ ތަން ފެންނާނެކަމަށެވެ.