ޕާކިސްތާނުން ރާއްޖޭގައި ޤާއިމްކުރުމަށް ހަމޖެހިފައިވާ މެޑިކަލް ކޮލެޖުގެ ޢަމަލީ މަސައްކަތް ކުރިއަށް ގެންދާނެ ގޮތާމެދު ޕާކިސްތާނުގެ ހެލްތް މިނިސްޓަރާ މަޝްވަރާ ކުރައްވާނެކަމަށް، ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ސާކު ސަރަހައްދުގެ ސިއްޙަތާބެހޭ ވަޒީރުންގެ ހަވަނަ ބައްދަލުވުމުގައި،ބައިވެރިވެވަޑައިގަތުމަށް ސްރީލަންކާއަށް ފުރާވަޑައިގަތުމުގެ ކުރިން މީޑިއާއަށް މައުލޫމާތުދެއްވަމުންނެވެ.
ޕާކިސްތާނުން ރާއްޖޭގައި މެޑިކަލް ކޮލެޖެއް ޤާއިމްކޮށްދެއްވާނެކަމަށް އިޢުލާންކޮށްފައިވަނީ ދެ ޤައުމުގެ މެދުގައި ކުރި މަޝްވަރާތަކަށްފަހު ޢާއްމުކުރި ޖޮއިންޓް ސްޓޭޓްމެންޓެއްގައެވެ.
މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ހެލްތްމިނިސްޓަރ ވިދާޅުވީ ރާއްޖޭގައި މެޑިކަލް ކޮލެޖެއް ޤާއިމްކުރުމަށް މަޝްވަރާ ކުރަމުންދާތާ ދުވަސްތަކެއް ވެއްޖެކަމަށެވެ. އަދި ސިއްޙީ ދާއިރާއަށް މީހުން ތަމްރީން ކުރުމަށްޓަކައި މެޑިކަލް ކޮލެޖެއް ޤާއިމް ކުރުމަކީ މުހިއްމުކަމެއްކަމަށްވެސް ސަރުކާރުން ޤަބޫލު ކުރާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި މެޑިކަލް ކޮލެޖެއް ޤާއިމުކުރުމާބެހޭގޮތުން ދިރާސާތައް ކޮށްފައިވާ ކަމަށާއި، މި ދިރާސާތަކުން ހާމަވެފައިވަނީ ރާއްޖެއަކީ މެޑިކަލް ކޮލެޖެއް އަޅަން އެކަށިގެންވާ ތަނެއްކަންކަމުގައެވެ.
ސާކު ސަރަހައްދުގެ ސިއްޙަތާއި ބެހޭ ވަޒީރުންގެ ހަވަނަ ބައްދަލުވުމުގެ ޓެކްނިކަލް ބައްދަލުވުންތައް މިމަހުގެ 26 ވަނަ ދުވަހުން ފެށިގެން ކުރިއަށްދާއިރު، މާދަމާ އޮންނާނީ ޤައުމުތަކުގެ މިނިސްޓަރުންނަށް ޚާއްސަކޮށްގެން ބާއްވާ ބައްދަލަވުމެވެ.
މިހާރު ރާއްޖޭގައި ސިއްޙީ ދާއިރާގައި މަސައްކަތް ކުރާ ބޭފުޅުންގެ ތެރެއިން ރާއްޖެއިން ބޭރުގެ އެކްސްޕާޓް ޑަކްޓަރުން ގިނަކަން ފާހަގަކުރެވެއެވެ. ރާއްޖެއަށް ދިމާވެފައިވާ ޑަކްޓަރުންގެ ދަތިކަމަށް ހައްލެއް ހޯދުމަށް މެޑިކަލް ކޮލެޖް ޤާއިމް ކުރުމަކީ މުހިއްމުކަމެއްކަމަށް ސަރުކާރުން ހާމަކުރެއެވެ.