ތިމާވެށި

ޤަވާއިދާ އެއްގޮތަށް ބިދޭސީންނަށްވެސް ކުނި އުކޭނެ- މިނިސްޓަރ


ބީދޭސީން ކުނިއުކާލުން ނުހުއްޓުވާކަމަށާއި، ހުއްޓުވީ ޤަވާޢިދާ ޚިލާފަށް ކުނިއުކާލުން ކަމަށް އެންވަރަމަންޓް މިނިސްޓަރ ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.

މާލޭގެ ތަންތަކުން ކުނިއުކާލުމަށް ގެނައި ބަދަލާ ގުޅޭގޮތުން މާޢުލޫމާތު ދެއްވުމަށް މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި މިނިސްޓަރ ވިދާޅުވީ ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑައަޅާފައިވާ އެއްގަމު އުޅަނދުގައި މުދާ އުފުލުމުގެ ޤަވާޢިދުގެ ދަށުން ބިދޭސީންނަށްވެސް ކުނި އުފުލޭނެކަމަށެވެ.

ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ވެމްކޯގެ މަސައްކަތްތަށް ރަސްމީގޮތުން 2016 ވަނައަހަރު ފެށިގެން ކުރިއަށްދާއިރު މިކުންފުނި ވުޖޫދަށް އައުމުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގައި ކުނި މެނޭޖްކުރުމުގެ މައްސަލައަށް އެކަށީގެންވާ ޙައްލެއް ހޯދައިދިނުމަށް. ޚާއްޞަކޮށް ތޮއްޖެހިފައިވާ މާލޭގެ ކުނި މެނޭޖްކުރުމަށް ދިމާވެފައިވާ ގޮންޖެހުންތައް ޙައްލުކުރުމުގެ ގޮތުންނެވެ. ނޫސްވެރިންނަށް މާޢުލޫމާތު ދިނުމަށް ބޭއްވި ޕްރެސް ކޮންފަރެންސްގައި މިނިސްޓަރ އޮފް އެންވަރަމެންޓް ޠާރިޤް އިބްރާހީމް ވިދާޅުވީ މިނިސްޓްރީން އަންނަނީ ވެމްކޯގެ އިތުރުން ކަމާ ގުޅުންހުރި މުއައްސަސާތައް ގުޅިގެން މާލެތެރެ ސާފު ތަނަކަށް ހެދުމުގެ މަސައްކަތް ކުރަމުންކަމަށެވެ.

ވެމްކޯއިން ކުނިއުފުލުގެ ޚިދުމަތް ދެމުން އަންނައިރު މިހާތަނަށް ބާރަ ހާހަށްވުރެ ގިނަ ފަރާތްތަކުން ރަޖިސްޓްރީކޮށްފައިވެއެވެ. ޕްރެސް ކޮންފަރެންސްގައި ވެމްކޯގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝިފާޢު ވިދާޅުވީ މިހާރު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ކުނީގެ މައްސަލައާ ގުޅިގެން ވެމްކޯއަށް ގުޅުމުގައި ޢާއްމުންނަށް ދަތިތަކެއް ހުރުންކަމަށެވެ. އަދި އެމައްސަލަ ޙައްލުކުރުމުގެ ގޮތުން މިހާރު ބޭނުން ކުރަމުންދާ 8 ފޯން ލައިންގެ އިތުރަށް 60 ލައިނުން ޚިދުމަތްދިނުމުގެ މަސައްކަތް ހައްޓަވާނެކަމަށެވެ.

ވެމްކޯގައި ރަޖިސްޓްރީވުމުގެ ފުރުޞަތު މިހާރުވެސް ހުޅުވާލާފައިވާއިރު ރަޖިސްޓްރީކުރުމުގެ މަސައްކަތް އިންޑަސްޓްރިއަލް ވިލެޖްގައި ޤާއިމްކޮށްފައިވާ ރަޖިސްޓްރޭޝަން ސްޓޭޝަންގައި، ހުކުރުދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 10 ން ރޭގަނޑު 10އަށް ކުރިއަށްދާނެކަމަށް ވެމްކޯއިން މާއުލޫމާތުދެއެވެ. އަދި ހުކުރު ދުވަހު މެނދުރުފަހު 3 ން ރޭގަނޑު 10އަށް ރަޖިސްޓްރީވުމުގެ ފުރުޞަތު ހުޅުވާލާފައިވާނެ ކަމަށްވެސް ވެމްކޯއިން ބުނެއެވެ. އެންވަރަމެންޓް މިނިސްޓަރގެ ނާއިބް ޢަލީ ޢާމިރު ވިދާޅުވީ މިހާތަނަށް 2000 ފަރާތުން އަމިއްލައަށް ކުނި އުކާލުމަށް ރަޖިސްޓަރވެފައިވާކަމަށެވެ.

ޤަވާޢިދާ ޚިލާފުވާ ފަރާތްތަކާމެދު ފިޔަވަޅުއެޅުމަށް ހަމަޖެހިފައިވާއިރު، އެންމެ ފުރަތަމަ އެޅުމަށް ހަމަޖެހިފައިވާ ފިޔަވަޅުތަކަކީ ނަސޭޙަތްދިނުންކަމަށް މިނިސްޓްރީން ހާމަކުރެއެވެ. ކުނި މެނޭޖްކުރުމުގެ ޤަވާޢިދާ ބެހޭގޮތުން ޢާއްމުން ހޭލުންތެރިކުރުމުގެ މަސައްކަތްތަށް ކުރިއަށްދާއިރު ކުނިނެގުމަށް ވެމްކޯގައި އޮންލައިންކޮށްވެސް ރަޖިސްޓްރީކުރެވޭނެއެވެ.