ޚަބަރު

"ޤާނޫނުން ލިބިދީފައިވާ ހުރިހާ އިޚްތިޔާރުތަކުގެ ބޭނުން ހިފާނަން"


ދިވެހި އަސްކަރިއްޔާ ވަރުގަދަކުރުމަށްޓަކައި ވަޒީރެއްގެ ޙައިސިއްޔަތުންނާއި، ސިފައިންގެ ޤާނޫނުން ލާޒިމްކުރާ ވާޖިބުތައް އަދާކުރުމުގައި ޤާނޫނުން ލިބިދީފައިވާ ހުރިހާ އިޚްތިޔާރުތަކުގެ ބޭނުން ހިފާނެކަމަށް ޑިފެންސް މިނިސްޓަރ ޢާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އިޖުތިމާޢީ ޙަރަކާތްތަކުގެ އުސްއަލިތައް ހިއްޞާކުރުމަށް ކޯސްޓްގާރޑް ބިލްޑިންގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑިފެންސް މިނިސްޓަރު ވިދާޅުވީ، ޤާނޫނީ ގޮތުން އަދާކުރަންޖެހޭ ވާޖިބުތައް އަދާކުރުމުގައި ދިވެހި ސިފައިންނާއެކު ދެމިހުންނަވާނެކަމަށެވެ. އެގޮތުން ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުން އަދާކުރަންޖެހޭ ވާޖިބުތަކާއި، ސިފައިންގެ ޤާނޫނުގައި ވާގޮތުގެ މަތީން ޑިފެންސް މިނިސްޓަރ އަދާކުރަންޖެހޭ ވާޖިބުތައް ޒިންމާދާރުކަމާއެކު ޤައުމު ދެކެ ލޯބިވާ މީހެއްގެ ޙައިސިއްޔަތުން އަދާކުރާނެކަމުގެ ޔަޤީންކަން މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ވަނީ ދެއްވާފައެވެ.

ޤައުމީ ދިފާޢީ ބާރުގެ އިސް ޖެނަރަލުންނާއި، ޑިޕާޓްމަންޓްތަކުގެ ހެޑުން ބައިވެރިވެވަޑައިގެންނެވި މިރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު ޢުމަރު ވިދާޅުވީ، ރާއްޖޭގެ ވެރިކަމުގެ ނިޒާމުގައި ދައުރުގެ ފަހުކޮޅަށް އަންނައިރު ސިޔާސީ ގޮތުން ހަލަބޮލިވުމަކީ ރާއްޖޭގައި އާކަމެއް ނޫންކަމަށެވެ. އެކަންކަމަށް ރިޢާޔަތްކޮށްގެން ދިވެހި އަސްކަރިއްޔާއިން އަބަދުވެސް ޤައުމުގެ ސިޔާސީ މަސްލަހަތު ހިފެހެއްޓުމަށް މަސައްކަތް ކުރަން ޖެހޭނެކަމުގައި ޑިފެންސް މިނިސްޓަރ ވިދާޅުވިއެވެ.

ޤައުމު ބިނާކުރުމަށްޓަކައި މިއަދު ކުރެވޭ މަސައްކަތްތަކަކީ މާދަމާ ކުރިމަތިވެދާނެ ގޮންޖެހުންތަކަށް މީހުން ތައްޔާރުކުރުކޮށް ބިނާކުރުމަށް ޤައުމީ ދިފާޢީ ބާރަށް ކޮށްދެވޭ ވަރަށް މުހިންމު ޚިދުމަތެއްގެ ގޮތުގައި ދެނެތިބުމަށް މިނިސްޓަރ ވަނީ ސިފައިންނަށް ހަނދާން ކޮށްދެއްވާފައެވެ. އެހެންކަމުން ކުރިއަށް އޮތްތަނުގައި ސިޔާސީ ހަލަބޮލިކަމެއް އައިނަމަވެސް ސިފައިން އެންމެ ބޮޑަށް ވިސްނަންވާނީ، މިހާރުވެސް ކުރާމުންގެންދާ ޤައުމު ބިނާކުރުމުގެ މަސައްކަތާއި، އާންމު ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި ފުލުހުންނާއެކު ޞުލްހަ މަސަލަސްކަން ޤާއިމް ކުރުމަށްކަމަށާއި، އެކަމުގައި ހުރިހާ ސިފައިންވެސް ދެމިތިބުމުގެ މުހިންމުކަން ޑިފެންސް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.