ޚަބަރު

ކަމަދޫ ބައި-އިލެކްޝަންގެ ވޯޓުލުން ކުރިއަށް އެބަދޭ


ބ. ކަމަދޫ ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަންގެ ވޯޓުލުން ކުރިއަށް އެބަދެއެވެ.

ސަރުކާރު ހިންގާ މައި ޕާޓީ ޕީ.ޕީ.އެމް އާއި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އެމް.ޑީ.ޕީން ކެނޑިޑޭޓުން ވާދަކުރާ މި ބައި އިލެކްޝަންގެ ވޯޓުލުން ފެށީ މިއަދު ހެނދުނު އަށެއް ޖެހިއިރުއެވެ.

ޖުމްލަ 338 މީހުނަށް ވޯޓުލުމުގެ ހައްޤުލިބިފައިވާ މި ބައި-އިލެކްޝަނުގެ މާލޭގައި ޤާއިމްކުރެވިފައިވާ އިލެކްޝަންސް ކޮމިޝަނުގެ އިންތިޚާބީ މަރުކަޒު، " ބާ ޖަމާލުއްދީން" ގައި  ބަހައްޓާ ވޯޓު ފޮށްޓަށް 112 މީހުން ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާއިރު، ބ.ކަމަދޫގައި ބަހައްޓާ ވޯޓު ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވަނީ 226 މީހުންނެވެ.

ޕީ.އެސް.އެމް ނިއުސް އަށް މައުލޫމާތުދެއްވަމުން އިލެކްޝަންސް ކޮމިޝަނުގެ މެންބަރު އަހްމަދު އަކްރަމް ވިދާޅުވީ، ކަމަދޫ ބައި އިލެކްޝަންގައި މިހާތަނަށް ހުށައެޅިފައިވަނީ އެންމެ ޝަކުވާއެއްކަމަށާއި، ވޯޓުލުމުގެ ކަންކަން ރަނގަޅަށް ކުރިއަށްދާކަމަށެވެ. މިއަދު ހަތަރެއްޖެހުމާހަމައަށް ވޯޓުލުމަށް ކިއުގައި މީހަކު ނެތްނަމަ ވޯޓު ފޮށި ބަންދުކޮށް ބައި ގަޑިއިރު ތެރޭގައި ވޯޓު ގުނަން ފަށާނެއެވެ.

ކަމަދޫ ކައުންސިލްގެ ގޮނޑިއެއް ހުސްވެފައި ވަނީ އެ ކައުންސިލްގެ މެމްބަރަކު، މެންބަރުކަމުން އިސްތިއުފާ ދިނުމާއި ގުޅިގެނެވެ.