ޚަބަރު

ވޭތުވެދިޔަ ތިން އަހަރަކީ އެންމެ ކާމިޔާބު ތިން އަހަރު - ފަޒުލް


ވޭތުވެދިޔަ ތިން އަހަރަކީ ޤައުމީ ފެންކުންފުނީގެ ތާރީޚުގައިވެސް އެންމެ ކާމިޔާބު ތިން އަހަރުކަމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ. 

އޭނާ މިގޮތަށް ވިދާޅުވެފައިވަނީ ޤައުމީ ފެންކުންފުނީގެ ބާވީސްވަނަ އަހަރީދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. 

އެމްޑަބްލިއުއެސްސީން ރައްޔިތުންނަށް ދެއްވަމުން ގެންދަވާ ޚިދުމަތްތަކާއި ބެހޭގޮތުން ވާހަކަފުޅުދައްކަވަމުން އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވީ، ވޭތުވެދިޔަ ތިން އަހަރެއްހާ ދުވަހުގެ ތެރޭގައި އެމްޑަބްލިއުއެސްސީން ދެމުންގެންދާ ޚިދުމަތްތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަމަށެވެ. މިކާމިޔާބީއާއެކު އެމްޑަބްލިއުއެސްސީން މިހާރުވެސް މާލެ ސަރަހައްދާއި އަތޮޅުތަކުގެ ރަށްތަކުގައި އެކި މަޝްރޫޢުތައް ކާމިޔާބުކަމާއިއެކު ކުރިއަށްދާކަމަށް ފަޒުލް ވިދާޅުވިއެވެ. 

މާލެ ސަރަހައްދުގައި އެމްޑަބްލިއުއެސްސީން ދެމުންގެންދާ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކުރަމުންގެންދާ މަސައްކަތުގެ ދަށުން ބްރިޖް މެދުވެރިކޮށް މާލެއާ ހުޅުމާލެ ނެޓްވޯކަކުން ގުޅާލުމަށް ފަށާފައިވާ މަސައްކަތުގެ ހޮޅިލައިން ޑިޒައިން ކުރުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެެ. މި މަސައްކަތަށް ބޭނުންވާ ތަކެތި ރާއްޖެ ގެނައުމާއެކު ޢަމަލީ މަސައްކަތް ފެށިގެންދާނޭކަމަށް ފަޒުލް ވިދާޅުވިއެވެ. މީގެ އިތުރުން ސާފު ބޯފެނުގެ ޔަގީންކަން ކަށަވަރުކުރުމުގެ ގޮތުން މާލެ ސަރަހައްދުގެ އިތުރުން އަތޮޅުތަކުގެ ރަށްތަކުގައި މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރަމުންގެންދާކަމަށް ފަޒުލް ވިދާޅުވިއެވެ. 

އެމްޑަބްލިއުއެސްސީން ގެންދަނީ ހދ.ކުޅުދުއްފުށްޓާއި ރ.ދުވާފަރުގައި ބޮޓެލިންގ ޕްލާންޓް ޤާއިމްކޔރުމުގެ މަސައްކަތް ކުރަމުންނެވެ. މި މަސައްކަތްތައް ނިމި އަންނަ އަހަރުގެ ތެރޭގައި ޚިދުމަތް ދެވޭނޭކަމަށް ފަޒުލް ވިދާޅުވިއެވެ. 

އެމްޑަބްލިއުއެސްސީން ވަނީ ޓްރެއިންނިގ އިންސްޓިޓިއުޓެއް ޤާއިމްކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. އަންނަ އަހަރު ޤާއިމްކުރާ މި އިންސްޓިޓިއުޓް މެދުވެރިކޮށް ޒުވާނުނަށް ވަޒީފާގެ ފުރުސަތުތައް ފަހިވެގެންދާނޭކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ. އެކުނފުނީގެ އިންސްޓިޓިއުޓްގައި އިންޖިނިއަރިންގގެ ދާއިރާއިން ސެޓްފިކެޓް ލެވެލްގެ އެކި ކޯސްތައް ހިންގާނޭކަމަށްވެސް އެކުންފުނިން ބުނެއެވެ. 

އެމްޑަބްލިއުއެސްސީގެ ބާވީސް ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައިވަނީ އެކުންފުނީގެ މުވައްޒަފުންގެ އަގު ވަޒަންކުރުމުގެ ގޮތުން މުވައްޒަފުންނަށް ޙާއްޞަ އެވޯޑްތަކެއް ދީފައެވެ. މީގެ އިތުރުން މިފަހަރުވަނީ މެނޭޖިންގ ޑިރެކްޓަރ އެވޯޑް ނަމުގައި ކުންފުނީގެ ސްޓްރެޓެޖިކް ލެވެލްގައި މަސައްކަތްކުރާ ފަރާތްތަކަށް ޙާއްޞަ އެވޯޑެއްވެސް ދީފައެވެ.