ތިމާވެށި

ރޭންޖަރސް ޓްރެއިނިންގ ޕްރޮގްރާމް ނިންމާލައިފި


މިނިސްޓްރީ އޮފް އެންވަރަމެންޓް އާއި އިންޓަނޭޝަނަލް ޔޫނިއަން ފޮރ ކޮންޒަވޭޝަން އޮފް ނޭޗަރ(އައި.ޔޫ.ސީ.އެން) ގުޅިގެން ބ އަތޮޅު ބަޔޮސްފެއަރ ރިޒާވްގައި ދުނިޔޭގެ އެކި ހިސާބުތަކުގައި ގުދުރަތީ ވަސީލަތްތައް ބޭނުންކުރަމުންދާ ގޮތްތަކާއި ބެހޭގޮތުން މަޢުލޫމާތުދިނުމުގެ ބައްދަލުވުމެއް ބާއްވައިފިއެވެ. 

ޔޫ.އެސް.އެއިޑްގެ ހިލޭ އެހީގެ ދަށުން ހިންގި މި ޕްރޮގްރާމްގައި ރާއްޖޭގައި ޙިމާޔަތްކޮށްފައިވާ ސަރަޙައްދުތަށް ބެލެހެއްޓުމުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް އެފަދަތަންތަން ބެލެހެއްޓުމުގައި ބޭނުންކުރާނެ ފަންނީ އުކުޅުތައް ދަސްކޮށްދީފައިވެއެވެ. 3 ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދިޔަ މި ޓްރެއިނިން ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެންވަރަމެންޓް އެންޑް އެނަރޖީ އަބްދުﷲ ޒިޔާދު ވިދާޅުވީ ރާއްޖޭގެ ބޮޑު ސަރަހައްދަކީ ކަނޑުގެ ސަރަހައްދު ކަމަށާއި ފަޅު ޙިމާޔަތްކުރުމަށް ރައްޖެއިން ޚާއްސަ ސަމާލުކަމެއް ދޭންޖެހޭކަމަށެވެ.

އެކްސެލެންސް އިން ފީލްޑް މެނޭޖްމެންޓް އޮފް ނެޗުރަލް ރިސޯސެސް، އަ ޓެކްނިކަލް ޓްރެއިނިންގ ފޮރ ރޭންޖރަސް" ގެ ނަމުގައި ބޭއްވި މި  ތަމްރީން ޕްރޮގްރާމްގައި އައްޑޫ ފުވައްމުލައް އަދި ބ އަތޮޅު ބަޔޮސްފެއަރ ރިޒާވްގައި މަސައްކަތްކުރާ 15 ފަރާތަކުން ބައިވެރިވިއެވެ. މި ތަމްރީން ޕްރޮގްރާމްގައި މަޢުލޫމާތުދީފައިވަނީ ދުނިޔޭގެ އެންމެ ބޮޑު ފަރުކަމަށްވާ އޮސްޓްރޭލިއާގެ "ގްރޭޓް ބެރިއާ ރީފް" ބެލެހެއްޓުމުގައި ޙަރަކާތްތެރިވާ ބޭފުޅުންނެވެ. މި ތަމްރީން ޕްރޮގްރާމްގެ ސަބަބުން ގިނަ މަޢުލޫމާތުތަކެއް ލިބިފައިވާކަން ބައިވެރިން ފާހަގަކުރިއެވެ.

މި ތަމްރީން ޕްރޮގްރާމްގައި އީ.ޕީ.އޭ އާއި ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުން ވަނީ ބައިވެރިވެފައެވެ. ބ އަތޮޅުގައި ކުރިއަށްދިޔަ މި ތަމްރީން ޕްރޮގްރާމްއަކީ މިފަދަ ގޮތަކަށް ރާއްޖޭގައި ބޭއްވުނު ފުރަތަމަ ޕްރޮގްރާމެވެ.