މިދިޔަ ޖުލައި މަހު ޖެންޑަރ މިނިސްޓްރީއަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ އެކި ކަހަލަ އަނިޔާތައް ކުޑަކުދިންނަށް ކުރުމުގެ މައްސަލަތައްކަމަށް އެމިނިސްޓްރީން ހާމަކޮށްފިއެވެ.
ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ ސަތޭކަ ސައްބީސް މައްސަލަ ހުށައަޅާފައިވާއިރު މިއީ ޖެންޑަރ މިނިސްޓްރީއަށް ޖުލައި މަހު ހުށައެޅި މައްސަލަތަކުގެ ސާޅީސް އަށެއް އިންސައްތަކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.
ކުޑަކުދިންނަށްކުރާ އެކި ބާވަތުގެ އަނިޔާތަކުގެ ތެރޭގައި މިދިޔަ މަހު އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ޖިސްމާނީ ހާނިއްކައިގެ މައްސަލަތަކެވެ. ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ ތެރެއިން ޖިސްމާނީ ހާނިކައިގެ ތިރީސް އެއް މައްސަލަ އާއި ނަފްސާނީ ހާނިކައިގެ އެގާރަ މައްސަލައެއް މިނިސްޓްރީއަށް ހުށައަޅާފައިވާއިރު އިހުމާލުވުމުގެ ފަންސަވީސް މައްސަލައާއި ހަނގާކުރުމުގެ ހަ މައްސަލައެއް ވަނީ ހުށަހަޅާފައެވެ.
ކުށް ކުރާ ކުޑަކުދިންގެ މައްސަލަތަކަށް ބަލާއިރު މިދިޔަ މަހު އެފަދަ އެގާރަ މައްސަލައެއް މިނިސްޓްރީއަށްވަނީ ހުށަހަޅާފައެވެ. މީގެ ތެރޭގައި މާރާމާރީ ހިންގުމުގެ ތިން މައްސަލައަކާއި ވައްކަންކުރުމުގެ އެއް މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ. އަޚުލާގީ އަށާރަ މައްސަލައެއް ހުށައަޅާފައިވާއިރު މީގެ ތެރޭގައި އެހެން ކުދިންނަށް އިންޓަނެޓް މެދުވެރިކޮށް ގަނާކުރުމުގެ ހަ މައްސަލައަކާއި ސްކޫލަށް ދާން ބޭނުން ނުވުމުގެ ތިން މައްސަލައެއްގެ އިތުރުން ފުރައްސާރަކުރުމުގެ ދެ މައްސަލައެއް ވަނީ މިނިސްޓްރީއަށް ހުށައަޅާފައެވެ.
މިނިސްޓްރީއަށް ހުށައަޅާފައިވާ ކުޑަކުދިންގެ މައްސަލަތަކުގެ ތެރޭގައި ޙައްޤުތަކުން އެކުދިން މަޙުރޫމް ކުރުމުގެ އަށް މައްސަލައެއްވެސް ހިމެނެއެވެ.
ތަޢުލީމު ފޯރުކޮށްނުދިނުމުގެ ތިން މައްސަލައަކާއި ޞިއްޙީ ފަރުވާއަށް ހުރަސްއެލުމުގެ އެއް މައްސަލަ ހުށަހަޅާފައިވެއެވެ. މީގެ އިތުރުން އުފަންވުން ރަޖިސްޓްރީ ކުރުމާބެހޭ މައްސަލައަކާއި ވެކްސިން ނުދިނުމުގެ މައްސަލައެއްވެސް ހުށައަޅަފައިވެއެވެ. އައި.ޑީ.ކާޑާއި ޕާސްޕޯޓާއި އުފަންދުވަހުގެ ސެޓުފިކެޓު ހޯދުމާއި ބެހޭ ދެ މައްސަލަވެސްވަނީ މިނިސްޓްރީއަށް ރިޕޯޓު ކޮށްފައެވެ.
ޖުލައި މަހުގެ ތެރޭގައި ހުށައެޅި މައްސަލަތަކުގެ، ސާދަ އިންސައްތަ މައްސަލައަކީ ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އާއި ގެވެށި އަނިޔާގެ މައްސަލަތަކެެވެ. އެއީ މިބާވަތުގެ ތިރީސް ހަތް މައްސަލައެވެ. ޖެންޑަރ މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އެކި ބާވަތުގެ ޖިސްމާނީ އަނިޔާކުރުމުގެ މައްސަލަތަކެވެ.
މިފަދަ ސާދަ މައްސަލައެއް ހުށައެޅާފައިވާއިރު އެގާރަ މައްސަލައަކީ ޖިސްމާނީ އަނިޔާގެ މައްސަލަތަކެވެ. މީގެ އިތުރުން މިބާވަތުގެ މައްސަލަތަކުގެ ތެރޭގައި ނަފްސާނީ އަނިޔާގެ ދިހަ މައްސަލައެއް ހުށައެޅާފައިވާއިރު އިހުމާލުވުމުގެ ދެ މައްސަލައަކާއި، ޖިންސީ އަނިޔާގެ ހަ މައްސަލައެއްވެސް ހިމެނެއެވެ.
މީގެ އިތުރުން ނުކުޅެދުނެތެރިކަން ހުންނަ މީހުންނަށް އަޅާލުމާއި ބެލެހެއްޓުމާއި ގުޅޭ އެގާރަ މައްސަލައެއް ރިޕޯޓުކޮށްފައިވާއިރު އުމުރުން ދުވަސްވީ މީހުންނަށް އަޅާލުމާއި އެހީތެރިކަން ފޯރުކޮށްދިނުމާގުޅޭ ނުވަ މައްސަލައެއް ޖެންޑަރ މިނިސްޓްރީއަށްވަނީ ހުށަހަޅާފައެވެ.
މިމައްސަލަތަކުގެ އިތުރަށް އަމިއްލަ ނަފްސަށް އަނިޔާ ދިނުމާގުޅޭ މައްސަލަތަކެއްވެސް މިނިސްޓްރީއަށްވަނީ ރިޕޯޓުކޮށްފައެވެ.