ޚަބަރު

ސައިން ލޭންގުއޭޖުގެ ތަމްރީން ޕްރޮގްރާމްތަކެއް އަންނަމަހު ފަށަނީ


އެޑްވާންސް ސައިން ލޭންގުއޭޖުގެ ތަމްރީން ޕްރޮގްރާމްތަކެއް އަންނަ ސެޕްޓެމްބަރުމަހު ފެށުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމެލީ އާމިނަތު ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވެއްޖެއެވެ. 

މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމެލީ އާމިނަތު ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވީ އައިޖީއެމްއެޗުން ހިންގި ސައިން ލޭންގުއޭޖް ތަމްރީން ޕްރޮގްރާމްގެ ބައިވެރިންނަށް ސެޓްފިކެޓް ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

އައިޖީއެމްއެޗްގައި މަސައްކަތްކުރާ މުވައްޒަފުންނަށް އަމާޒުކޮށްގެން ސައިން ޖެންގުއޭޖު ނުވަތަ ޢިޝާރާތުން މުޢާމަލާތުކުރަން ދަސްކޮށްދިނުމުގެ ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ މިމަހުގެ އަށަކުން އެކާވީހުގެ ނިޔަލަށެވެ. ސާދަ ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމަކީ ނެޝަނަލް ހެލްތް ކެއަރ އިން އިންތިޒާމް ކުރި ޓްރެއިނިންގ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގައި ބައިވެރވި މީހުންނަށް ސެޓްފިކެޓް ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމަން ޖެންޑަރ މިނިސްޓަރ އާމިނަތު ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި، މީހުންގެ ޙައްގުތައް ޙިމާޔަތްކޮށް މުޖުތަމައުގައި އެމީހުންނަށް ހަމަހަ ފުރުސަތުތައް ހޯދައިދީ، ބައިވެރިކުރުވުމަކީ މި ސަރުކާރުގެ އަމާޒެއްކަމަށެވެ. އެގޮތުން މިހާތަނަށް މީހުން ހޭލުންތެރިކުރުވުމަށް ގިނަ ޕްރޮގްރާމްތައް ކުރިއަށް ގެންގޮސްފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 

މިނިސްޓަރ ވަނީ އަންނަ މަހު އެ މިނިސްޓްރީން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އެޑްވާންސް ކޯހުގައި ބައިވެރިވުމަށް އައިޖީއެމްއެޗްގެ މުވައްޒަފުންނަށް ފުރުސަތު ހުޅުވާލާފައިވާކަމަށް ވިދާޅުވެފައެވެ.

ނޭޝަނަލް ހެލްތް ކެއަރގެ ޑީން ޑރ. އަހުމަދު ޒިޔާން ވިދާޅުވީ މިފަދަ ޕްރޮގްރާމެއް އިންތިޒާމްކުރުމުގެ މަޤުސަދަކީ އަޑު އިވުމުގައި އުނިކަން ހުންނަ ކުދިންނަށް ބޭނުންވާ ފަރުވާ އެންމެ އެކަށީގެންވާ ގޮތުގައި ފޯރުކޮށްދިނުންކަމަށެވެ.

މި ތަމްރީން ޕްރޮގްރާމްގައި ބައިވެރިވި ބައެއް މީހުން ބުނީ މިފަދަ ޕްރޮގްރާމްގެ އިހީގައި ލިބުނު މަޢުލޫމާތުން ޚިދުމަތް ދިނުމަށް ވަރަށް ފަސޭހަވެގެންދާނެކަމަށާއި، ކުރިން ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ލުއިފަސޭހަވެގެންދާނެކަމަށެވެ. މި ތަމްރީން ޕްރޮގްރާމްގައި އެކާވިސް މީހުން ބައިވެރިވެ ސެޓްފިކެޓް ހާސިލްކޮށްފައިވެއެވެ. މި ޕްރޮގްރާމަށް ފަހު އިތުރު ތަމްރީން ޕްރޮގްރާމްތައް ހިންގުމަށް މަސައްކަތް ކުރާނެކަމަށް އައިޖީއެމްއެޗުން މައުލޫމާތުދެއެވެ.