ބ. އަތޮޅު ބަޔޮސްފިއަރ ރިޒާވްގައި ހިމަނައިގެން، ޙިމާޔަތްކޮށްފައިވާ އޮޅުގިރީގެ މެނޭޖްމެންޓް ޕްލޭންގެ ޑްރާފްޓް މަސައްކަތް ނިމި، މިއަހަރު ތަންފީޒުކުރަން ފަށާނެކަމަށް ބަޔޮސްފެއަރ ރިޒާވް އޮފީހުން ބުނެފިއެވެ.
އޮޅުގިރިއަކީ ބ. އަތޮޅުގެ ދެކުނުގައި އޮންނަ ގާމަތީ ރަށެކެވެ. ޙިމާޔަތްކުރެވިފައިވާ އައިންމަތީ ދޫނީގެ ބާވަތްތަކުގެ ތެރެއިން ދޫންޏެއްކަމަށްވާ ހޯރަ އަރާ ދެ ރަށުގެ ތެރެއިން އެއްރަށަކީ އޮޅުގިރިއެވެ. އޮޅުގިރި ޚާއްޞަވާ އަނެއް ސަބަބަކީ ބިސްއަޅަން ވެލާ ގިނަ ޢަދަދަކަށް އަރާ މަދު ރަށްރަށުގެ ތެރޭގައިވެސް އޮޅުގިރި ހިމެނޭތީއެވެ.
ޙިމާޔަތްކޮށްފައިވާ ރަށަކަށް ބަދަލުނުކުރާއިރު، މީގެ އަހަތުތަކެއް ކުރިން އޮޅުގިރީގައި ދަނޑުވެރިކަންކޮށް އުޅުނެވެ. އެރަށުގައި ދަނޑުވެރިކަންކުރީ ކައިރީގައި އޮތް ތުޅާދުއާއި ހިތާދޫ ރައްޔިތުންނެވެ. އޮޅުގިރި ޙިމާޔަތްކުރުމާއެކު ރަށުން ކާއްޓާއި ފަން ފަދަ ތަކެތި ގެންދިއުމަށް ރަށަށް އަރާ ފަރާތްތަކުން ޚައްޞަ ހުއްދައެއް ހޯދަންޖެހޭގޮތަށް ހަމަޖައްސާފައިވާކަމަށް ބަޔޮސްފިއަރ ރިޒާވް އޮފީހުން މަޢުލޫމާތުދެއެވެ.
2011 ވަނަ އަހަރު ބަޔޮސްފިއަރ ރިޒާވެއްގެ ގޮތުގައި ކަނޑައަޅާފައިވާ ބ. އަތޮޅު އޮޅުގިރިއަކީ ބޭސްވެރިކަމަށް ބޭނުންކުރާ ފަތްޕިލާވެލީގެ ބާވަތްތަކުގެ މުއްސަނދިކަން އޮންނަ ރަށެކެވެ. މީގެ އެއްސަބަބަކީ ދަނޑު ގޮވާންކުރުމަށް ރަނގަޅު ރަށަކަށްވުންކަމަށް ބަޔޮސްފިއަރ ރިޒާވް އޮފީހުގެ އައުޓް ރީޗް އޮފިސަރ ޝާފީ ޢަލީ ފާހަގަކުރެއްވިއެވެ.
ބަޔޮސްފިއަރ ރިޒާވް އޮފީހުން ބުނީ، ބ.އަތޮޅުގައި ޙިމާޔަތްކުރެވިފައިވާ ސަރަޙައްދުގައި ހިމެނޭ ހަނިފަރު ފަދައިން މެނޭޖްމަންޓް ޕްލޭން ހަދައިގެން ބެލަހައްޓަމުންދާ ރަށަކަށް އޮޅުގިރި ހެދުމަށް މިހާރު ކުރަމުންދަނީ އެންމެ ފަހުގެ ތައްޔާރީތައްކަމަށެވެ. އެހެންނަމަވެސް އޮޅުގިރީގެ މެނޭޖްމެންޓް ޕްލޭން ތަފާތުވާނެކަން އެ އޮފީހުން ފާހަގަކުރިއެވެ.
މުޅި އީކޯ ސިސްޓަމް އެއްރަށަކުން ފެންނަ މަދު ރަށްރަށުގެ ތެރޭގައި އޮޅުގިރި ހިމެނޭއިރު މިރަށުގެ މެނޭޖްމެންޓް ޕްލޭން އެކުލަވާލައި މިއަހަރު ނިމުމުގެ ކުރިން ތަންފީޒުކުރަންދަނީ ތައްޔާރުވަމުންނެވެ.